ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

މާސްކް އަޅައިގެން އުޅެއުޅެ ޖަޕާން މީހުން ހިނިތުންވާން ހަނދާން ނެތިފައި

މާސްކް އަޅައިގެން ނޫނީ ބޭރުގައި ނޫޅެން ޖަޕާނުން އެ ގައުމުގެ ރައްޔިތުންނަށާއި އެ ގައުމަށް އައިސް ގޮސްވާ މީހުންނަށް އޮތީ މުޅިން މަނާކޮށްފަ އެވެ. މިގޮތަށް ދެ ތިން އަހަރު ފާއިތުވުމަށްފަހު މިހާރު މަޑުމަޑުން މާސްކާ ގުޅިގެން އަޅާފައިވާ ހަރުކަށި ކަމުގެ ފިޔަވަޅުތައް ދޫކޮށް މާސްކް ނާޅާ އުޅުމުގެ ހުއްދަ މަޑުމަޑުން ވަނީ ދީފަ އެވެ.

އެއާއެކު "ހިނިތުންވާން ފަރިތަކުރުމުގެ" ސެމިނާރުތަކެއް އެ ގައުމުގައި ވަނީ ބާއްވަން ފަށާފަ އެވެ. އެ ގައުމުގެ މީހުންގެ ގެއްލިފައިވާ ހިނިތުންވުން އަލުން އަނބުރާ އިއާދަ ކުރުމުގެ މަގުސަދުގަ އެވެ.

ކުރިން މި ސެމިނާތައް ބާއްވަމުން ދިޔައީ އޮންލައިންކޮށެވެ. ނަމަވެސް މިހާރު ކޮވިޑްގެ ހަރުކަށި ގަވާއިދުތަކަށް ދޫދީފައިވާތީ ސެމިނާރުތަކަށް މީހުންނަށް ހާޒިރުވާން ޖެހެ އެވެ.

މިފަދަ ސެމިނާރެއްގައި ބައިވެރިވާ 79 އަހަރުގެ އަކީކޯ ޓަކިޒާވާ ބުނި ގޮތުގައި ކޮވިޑް-19ގެ ޕެންޑެމިކް ތެރޭގައި އެހެން މީހުންނާ ބައްދަލުކޮށްލައި ވާހަކަދައްކައި ގުޅުން ބަދަހިކޮށްލުމުގެ ފުރުސަތު ލިބުނީ ވަރަށް މަދުންނެވެ. އެހެންވެ މިހާރު މީހުންނާ ބައްދަލުވިޔަސް އެމީހުންނަށް މަރުހަބާ ކިޔާއިރު ހިނިތުންވެލާކަށް އޭނާ ހަނދާނެއް ނުހުރެ އެވެ.

މި ސެމިނާރު ހިންގުމުގައި އިސްކޮށް މަސައްކަތް ކުރައްވާ ކެއިކޯ ކަވާނޯ ވިދާޅުވީ މި ސެމިނާރުގައި އޭނާގެ ދަރިވަރުންގެ ކައިރީ އޭނާ ބުނަނީ އެންމެ ވާހަކަ އެކެވެ.

"ހިނިތުންވުމެއް ހިނިތުންވުމަކަށް ވާނީ އެ ހިނިތުންވުން އެހެން މީހަކާ ހަމައަށް ފޯރުކޮށްދެވިއްޖެނަމަ އޭ. ފަހަރެއްގައި އެމީހަކު ހިތުގައި އޮވެދާނެ އޭނާ ހުރީ ހިނިތުންވެގެންނޭ. އެކަމަކު އޭނާގެ މޫނުން ހިނިތުންވުމުގެ އަލާމާތް ނުފެންނަނަމަ ބަލަން ތިބޭ މީހުންނާ ހަމައަކަށް އެ ހިނިތުންވުމެއް ނުފޯރާނެ،" އޭނާ ވިދާޅުވި އެވެ.

ކެއިކޯ ވިދާޅުވި ގޮތުގައި މާސްކާ ނުލާ ދިރިއުޅެން ޖަޕާން މީހުން އަލުން ބަލުން ދަސްކުރަން ފަށާފައިވާއިރު ހިނިތުންވާން ދަސްކުރުމަކީ ވެސް މުހިއްމު ކަމެކެވެ.

ޖަޕާނުގެ ސަގާފަތުގައި އޮންނަ ގޮތުން ދަތްޕިލަ ދައްކައިގެން ހުނުމަކީ އަދި ވާހަކަ ދެއްކުމަކީ ހުތުރު ކަމެކެވެ. އަނގަ މާބޮޑަށް ނުހުޅުވައި ދަތްޕިލަ ނުދައްކާ ޖަޕާން ބަހުން ވަރަށް ފަސޭހައިން ވާހަކަ ދެއްކޭނެ ކަމަށް ކެއިކޯ ވިދާޅުވި އެވެ.

މި ސެމިނާރުގައި ބައިވެރިވި ކިޔޯކޯ މިޔަމޯޓޯ ކިޔާ 74 އަހަރުގެ މީހަކު ބުނި ގޮތުގައި މާސްކް އަޅައިގެން އެހާ ގިނަ ދުވަހު އުޅުމުގެ ސަބަބުން އެއާ ނުލައި އުޅެން މިހާރު ޖަޕާނުގެ ގިނަ މީހުން ލަދުގަނެ، ބިރުވެސް ގަނެ އެވެ. އަދި އެހާ ގިނަ ދުވަހު މާސްކް އަޅައިގެން އުޅުމުން މީހުންނަށް އެމީހުންގެ އެކުވެރިންގެ މޫނުތައް ވަކިކުރަން ވެސް މިހާރަކު ނޭނގެ އެވެ.

މި ސެމިނާރުގައި ބައިވެރިވާ މީހުން ކްލާހެއްގައި 45 މިނިޓް ހޭދަކުރާއިރު ކޯތާފަތާއި އަނގަ އަދި ކަރުގެ މަސްތައް ކަސްރަތު ކުރުވައި ހިނިތުންވުން އަނބުރާ ގެންނަން އެމީހުން ގަދައަޅާ މަސައްކަތް ކުރަމުން ދެއެވެ.

ހިނިތުންވާން ދަސްކުރާ ކްލާސްތަކުގައި ބައިވެރިވާ މީހުން ކޮންމެ ސެޝަން އަކަށް 64 ޑޮލަރު ދައްކަން ޖެހެ އެވެ.

"ހިނިތުންވުމަކީ ވަރަށް ނެޗުރަލްކޮށް މީހުންގެ މޫނުމައްޗަށް އަންނަ ބަދަލެއް. ނަމަވެސް އެއްވެސް މީހަކު ހިނިތުންނުވެ މާގިނަ ދުވަސް ހޭދަކޮށްފިނަމަ ހިނިތުންވުމުގައި ބޭނުންކުރެވޭ މަސްތައް ބޭނުންކުރާ ގޮތް ސިކުނޑިއަށް ހަނދާން ނެތޭ،" ސެމިނާރުގައި ކިޔަވައިދޭ ޓީޗަރެއް ކަމަށްވާ މިކޯ ބުންޏެވެ.