ކޮވިޑް-19 ފެތުރެން ފެށިފަހުން ގައިދުރު ކުރުން ނުވަތަ ސޯޝަލް ޑިސްޓިންސިން އަކީ އެންމެންގެ ދުލަށް ފަރިތަ އަދި ގިނަގިނައިން ބޭނުންކުރާ އެއް ބަހަށް ވެއްޖެ އެވެ. ސަބަބަކީ ކޮވިޑް-19 އިގެ ވަބާއިން ރައްކާތެރިވުމަށްޓަކައި ބޭނުންކުރާ މައިގަނޑު އެކައްޗަކީ ސޯޝަލް ޑިސްޓެންސިން އަށް ވާތީ އެވެ. ވައިރަސް ފެތުރުން ހުއްޓުވަން އެކަކު އަނެކަކާ ދުރުދުރުން އުޅުމަކީ ވަރަށް މުހިއްމުކަމެއްކަން މިހާރު ދުނިޔޭގެ އެންމެންނަށް ވެސް ވަނީ ވިސްނިފަ އެވެ. ނަމަވެސް މި ޕެންޑެމިކްގެ މާ ކުރިންސުރެ ވެސް ބައެއް މީހުން ސޯޝަލް ޑިސްޓެންސިން ދަސްކޮށް އެގޮތަށް އަމަލުކުރަމުން ދެއެވެ.
ޖަޕާނުގެ ނީޓޯ ސޯޖީ އަކީ މިފަދަ މީހެކެވެ. ސޯޖީ އާއި މިހާރު މި ގައިދުރު ކޮށްގެން އުޅޭ މީހުންނާ ހުރި ތަފާތަކީ ސޯޖީ މިކަން ކުރާތާ 10 ވަރަކަށް އަހަރު ވެފައި ވުމެވެ.
ސޯޖީ ދިރިއުޅޭ އެޕާޓްމަންޓުން އޭނާ ނުކުންނަނީ ދެ ތިން ހަތަރު މަހުން އެއް ފަހަރު އެވެ. އެ ވެސް އޭނާގެ ބޯކޮށާށެވެ.
ސޯޖިއަކީ ޖަޕާނު މީހުން ކިޔާ ހިކިކޮމޯރީ އާ އެއްގޮތަކަށް އަމަލުކުރާ މީހެކެވެ. ހިކިކޮމޯރީގެ މާނައަކީ އެހެން އެއްވެސް މީހަކާ ބައްދަލު ނުކޮށް އެކަނިމާއެކަނި ދިރިއުޅުމެވެ.
ޖަޕާނުގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި މިއީ ހަމައެކަނި ސޯޖީ ކުރާ ކަމެއް ނޫނެވެ ޖަޕާނުގެ ބައި މިލިއަނެއްހާ ޒުވާނުންނާއި ބައި މިލިއަނެއްހާ މެދުއުމުރުގެ މީހުންގެ ތެރެއިން ބައެއް މީހުން ހިކިކޮމޯރީ އަށް ވަރަށް ފުރިހަމައަށް އަމަލު ކުރަމުންދާއިރު އަނެއް ބައި މިލިއަން މީހުން އަމަލުކުރަނީ ހިކިކޮމޯރީގެ ވަކި މިންވަރަކަށެވެ.
ސޯޖީއަކީ ޕްރޮފެޝަނަލް ގޭމް ޑިވެލޮޕާ އެކެވެ. އޭނާގެ އަމިއްލަ ރަށަށް ސޯޖީ އެނބުރި އައީ މީގެ 10 އަހަރު ކުރިންނެވެ. އޭގެ ފަހުން އޭނާ ގެއިން ބޭރަށް ނުކުމެއެއް ނޫޅެ އެވެ. މިގޮތަށް ގެއިން ނުނުކުމެ ގިނަ ދުވަސް ތަކަކު އުޅުމުގެ ސަބަބުން މިހާރު ގެއިން ބޭރަށް ނުކުންނަން އޭނާ ވަރަށް ލަދުގަނެ އެވެ.
ސޯޖީ އެއްޗެތި ގަންނަނީ ވެސް އޮންލައިން ކޮށެވެ. ވީމާ އާއްމުކޮށް އެއްޗެއް ގަންނަން ވެސް އޭނާ ބޭރަށް ނުކުންނާކަށް ނުޖެހެ އެވެ.
ގޭތެރޭގައި ދިރިއުޅުނަސް ސޯޖީގެ ކޮންމެ ދުވަހެއްގެ ވެސް ކަންތައްތައް ހުންނަނީ ވަކި ގަވާއިދަކަށް ފައްތާފަ އެވެ. އޭނާ ގޭގައި ހުއްޓެއް ކަމަކު ހުރިހާ ކަމެއް ވެސް ކުރަނީ ގަވާއިދުން އެ ތަރުތީބުންނެވެ.
ސޯޖީގެ އަމިއްލަ ޔޫޓިއުބު ޗެނަލެއް ވެސް ގެންގުޅެ އެވެ. މި ޗެނަލުން ހިކިކޮމޯރީ އާ ބެހޭ މައުލޫމާތު ދީ މިގޮތަށް އެހެން މީހުންނާ ދުރުގައި އުޅުމާ ގުޅިފައިވާ ގޮންޖެހުންތައް ވެސް ކިޔައިދެ އެވެ.
ސޯޖި ކިޔައިދިން ގޮތުގައި އޭނާ ކޮންމެ ދުވަހަކު ކުރާ ކަންތައްތަކުގެ ތެރޭގައި 20 މިނިޓު ކަސްރަތު ކުރުން ހިމެނެ އެވެ. މިކަން އޭނާ ކުރަނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8.00 ގައެވެ. ކަސްރަތަށް ފަހު ސްނެކް އެއް ކާލައިގެން އޭނާ ކުރާ މަސައްކަތް ކުރަން ފަށަނީ ކަމަށާއި ކޮންމެ ރެއަކު ވެސް ނިދަނީ ފަތިހު 4 ޖަހާ ފަހުން ކަމަށް އޭނާ ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި އެންމެ ކުރިން ހިކިކޮމޯރީ ފޮލޯކުރަން ފެށީ އަމިއްލަ ފައިމައްޗަށް ތެދުވެވޭ ވަރަށް ފައިސާ ހޯދާށެވެ. އެގޮތުން ތިން އަހަރެއްހާ ދުވަހެއް ވީއިރު އޭނާ ހިތްހަމަޖެހޭ ވަރަށް ފައިސާ ލިބުނު ނަމަވެސް އޭރު ދެން އޭނާ ބޭރަށް ނުކުންނަން އަމިއްލަ ނަފްސަށް ލަދު ގަނެ ބިރު ގަންނަން ފެށީ އެވެ. ފަހުން އެއްގޮތަކަށް ވެސް ބޭރަށް ނުނިކުންނަން ފެށީ އެހެންވެ އެވެ.