ޖަޕާނުގެ ސަކޫރާ ސިޓީގައި ޓިއުލިޕް މާތައް ފޮޅޭ މޫސުމަށް ވަރަށް ޚާއްސަ ފެސްޓިވަލެއް ބާއްވަ އެވެ. އެކި ކުލަ ކުލައިގެ އެތައް އެތައް ލައްކަ މަލެއް ފޮޅިފައިވާ ދިގު ރާސްތާއަކަށް ދެމިފައިވާ މި ދަނޑުތައް އެ ދުވަސްވަރު ބަލާ ފޫހިނުވާހާ ރީއްޗެވެ. އެހެންވެ ޖަޕާނުގެ އެކި ހިސާބުތަކުން އެތައް ބަޔަކު މި ފެސްޓިވަލަށް ކޮންމެ އަހަރަކުވެސް ޒިޔާރަތް ކުރެ އެވެ.
ދަނޑުތަކުގެ އެއްފަރާތުގައި ވަރަށް ބޯދާ ޑަޗް ވިންޑްމިލް އެއް ހުރުމުން މި ތަނުގެ ރީތި ކަމަށް އިތުރު ފުރިހަމަކަމެއް ލިބެ އެވެ. މިއީ ނެދަލެންޑްސް އާއި ޖަޕާނުގެ 400 އަހަރުވީ އެކުވެރި ގުޅުމުގެ ރަމްޒެއްގެ ގޮތުން ބަހައްޓާފައިވާ ވިންޑްމިލް އެކެވެ.
ކޮރޯނާވައިރަހުގެ ސަބަބުން ޖަޕާން ލޮކްޑައުން ކޮށްފައި ވާތީ މިފަހަރު ބާއްވަން އޮތް ފެސްޓިވަލް ވެސް ވަނީ ކެންސަލް ކޮށްފަ އެވެ. ނަމަވެސް ޓިއުލިޕް މާތައް ފޮޅޭ މޫސުން އައުމާއެކު މާތައް ފޮޅި މުޅި ހިސާބުގަނޑަށް ބަހާރު މޫސުމެއް އައެވެ. އެއާއެކު ގެތަކުގައި ތިބި ބަސްއަހައިގެން ތިބި ޖަޕާނު މީހުންގެ ތެރެއިން ބައެއް މީހުންނަށް މި މާތައް ދެކިލަން އެ ހިސާބަށް ނުގޮސް ކެތެއް ނުވި އެވެ.
ސަކޫރަ ސިޓީ އޮފިޝަލުން ބުނާ ގޮތުގައި ލޮކްޑައުން އާ ޚިލާފުވެ ޖަޕާނުގެ 400 ވަރަކަށް މީހުން ވަނީ މާތައް ދެކިލަން އެ ތަނަށް ޒިޔާރަތް ކޮށްފަ އެވެ. އަދި ގިނަ ބަޔަކު އެތަނަށް ޒިޔާރަތް ކުރުމުގެ ޕްލޭންތައް ދިޔައީ ހަދަމުންނެވެ. ނަމަވެސް މިއީ އެއްގޮތަކަށް ވެސް މި ދުވަސްވަރަށް ބަލާއިރު ތަރުހީބުދެވޭ ވަރުގެ ކަމެއް ނޫނެވެ. މީހުން އެއްތަނަކަށް ގިނައިން އެއްވުމުން ކޮރޯނާވައިރަސް ފެތުރުމުގެ ބިރު އިންތިހާއަށް އޮތީމަ އެވެ. އެހެންވެ މަޖްބޫރުން އެ ރީތި ދަނޑުތައް ޖަޕާނުން ވަނީ ހަލާކު ކޮށްލާ ބިންމަތި މުޅިން ސާފުކޮށްފަ އެވެ.
ގާތްގަނޑަކަށް އަށް ލައްކަ އަށް ވުރެގިނަ ޓިއުލިޕް ހަލާކު ކޮށްލުމުން ޖަޕާނު މީހުން ވަރަށް ހިތްދަތިވި އެވެ. އެއްބަޔަކު ބުނީ މާތައް ހަލާކު ނުކޮށްލާ މީހުންނަށް ހަދިޔާކުރި ނަމަ މާ ރަނގަޅު ވީސް ކަމަށެވެ. ނަމަވެސް މިވަގުތަށް އޮތް އެންމެ ރަނގަޅު ހައްލަކީ އެއީ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި އެވެ. ސަބަބަކީ މާތައް ބަހަން އުޅުމުގެ ތެރޭގައި އަނެއްކާވެސް ކޮރޯނާވައިރަސް ފެތުރުމުގެ ނުރައްކާ އޮތީމަ އެވެ.
ޖަޕާނުން ބުނަނީ ޓިއުލިޕް ހައްދާފައިވާ ބޮޑު ސަރަހައްދު ބަންދު ކޮށްގެން ބެލެހެއްޓުމަށް ވުރެ މިވަގުތަށް އެންމެ ރަނގަޅު ގޮތަކަށް ފެނުނީ އެދަނޑުތައް ހަލާކު ކޮށްލުމެވެ.