ލައިފްސްޓައިލް

ޖަޕާން މީހަކު ކުއްތާއެއްގެ ދިރިއުޅުމުގައި!

ޖަޕާނުގެ ޓެކްނޮލޮޖީގެ ކުރިއެރުންތަކަކީ މުޅި ދުނިޔެ ދަންނަ މަޝްހޫރު ވާހަކަ ތަކެކެވެ. އެމީހުންނާ އެއް ފެންވަރަށް ޓެކްނޮލޮޖީ ކުރިއަރާފައިވާ ބަޔެއް ދުނިޔޭގައި ވެސް ނެތް ކަމަށް ވެއެވެ.

ޖަޕާނު މީހުން ތައްޔާރު ކޮށްފައިވާ ރޮބަޓާއި ބުދުތައް ފަދަ އެއްޗެތި ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގެ ބަޔަކަށް އެ ފެންވަރުގައި ތައްޔާރު ކުރެވިފައެއް ނުވެ އެވެ. ނަމަވެސް ޖަޕާންގެ މި މީހާ ތައްޔާރުކުރީ ބުދެއް ނުވަތަ ރޮބަޓެއް ނޫނެވެ. ކުއްތާއެއްގެ ކޮސްޓިއުމެކެވެ.

ބައެއް މީހުން އެމީހުން ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތާ ހިތްހަމަނުޖެހިގެން ކޮންމެވެސް އެހެން ސިފައެއް ޖައްސަން ބޭނުންވެ އެވެ. އެއްބަޔަކު އެމީހުންގެ ފޭވަރިޓް ކާޓޫނު ކެރެކްޓާއެއްގެ ސިފަޔަށް ބަދަލުވާން އެތައް ލައްކަ ރުފިޔާއެއް ޚަރަދުކުރެ އެވެ. ނަމަވެސް ޖަޕާނުގެ މި މީހާ ބޭނުންވީ އޭނާއަށް އެންމެ މަގްބޫލު ކުއްތާގެ ސިފަޔަށް ބަދަލުވާށެވެ.

ޓުވިޓާގައި މި މީހާ ޝެއާ ކުރި ލިޔުމެއްގައި ބުނެފައިވާ ގޮތުގައި ކުއްތާއަކަށް ވުމަކީ އޭނާ ވަރަށް ގިނަ ދުވަހުއްސުރެ ދެކެމުން އަންނަ ހުވަފެނެކެވެ. އެހެންވެ ކުއްތާއެއްގެ ސިފަޔާ އެންމެ އެއްގޮތް ކޮސްޓިއުމެއް މިހާރު އޭނާ ވަނީ ތައްޔާރު ކޮށްފަ އެވެ. މި ކޮސްޓިއުމް ތައްޔާރު ކުރުމަށް ދެ މިލިއަން ޖަޕާން ޔެން އޭނާ ޚަރަދު ކުރި އެވެ.

ޓޯކޯ ނަމަކަށް ކިޔާ މިމީހާ ޔޫޓިއުބު ޗެނަލެއް ވެސް ހިންގަ އެވެ. އޭނާ ކުއްތާއެއްގެ ދިރިއުޅުން އުޅޭ ގޮތް މި ޗެނަލުން ގެންދަނީ އޭނާ ފޮލޯ ކުރާ ފޭނުންނާ ހިއްސާ ކުރަމުންނެވެ.

ނަމަވެސް މި ވީޑިއޯ ބަލާފައި ގިނަ ބަޔަކު ހިތްހަމަނުޖެހިގެން ފާޑުފާޑުގެ ކޮމެންޓުތައް ކޮށްފައިވެ އެވެ. މި މީހާ އުޅެނީ ފައިސާ ގިނަވެގެން އެއަށް ހަދާނެ ގޮތެއް ނޭނގިގެން ކަމަށްވެސް މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.

ޓޯކޮއަށް ކުއްތާއަކަށް ބަދަލުވާން އެހީތެރިވެ ދިނީ ޖަޕާނުގެ ޕްރޮފެޝަނަލް އެޖެންސީ ޒެޕެޓް އިންނެވެ.

މި ކޮސްޓިއުމް ޓޯކޯ އަޅާ ގޮތެއް އެކަކަށް ވެސް ނޭނގެ އެވެ. އެންމެންނަށް ވެސް ފެންނަނީ އޭނާ އެ ކޮސްޓިއުމް ލައިގެން ކުއްތާއަކަށް ވެގެން އެ ސޮރު އުޅޭގޮތަށް އުޅޭ ތަނެވެ.

މި ވީޑީއޯ ބަލާފައި ރުޅިގަދަވެގެން އެކަކު ބުނި ގޮތުގައި މިއީ ދެން މިއަދަށް ވާވަރަށް އިންޓަނެޓަ ބެލުނީ ކަމަށެވެ.