ލައިފްސްޓައިލް

ދެ މިނެޓް ކުރިން އޮފީހުން ނުކުންނާތީ އަދަބު ދީފި

ޖަޕާނު ސަރުކާރުގެ އޮފީހެއްގެ މުވައްޒަފުންތަކެއް އޮފީސް ނިމޭ ގަޑި ޖެހެން ދެ މިނިޓް ހުއްޓާ އޮފީހުން ނުކުމެގެން ދިއުމުން އަދަބު ދީފި އެވެ. މި މާޗް މަހު ކުރީކޮޅު މި މީހުންނަށް އަދަބު ދީފައި ވަނީ މުސާރައިން ބައެއް ކަނޑާލައިގެންނެވެ.

ޖަޕާނުގެ ޗީބާ ޕްރެފެކްޗާގައި ހުންނަ ފުނަބަޝީ ސިޓީ ބޯޑު އޮފް އެޑިޔުކޭޝަނުން މާޗް މަހުގެ 10 ވަނަ ދުވަހު އިއުލާން ކޮށްފައިވާ ގޮތުގައި ގަޑި ޖެހެން ދެ މިނިޓް ހުއްޓާ އޮފީހުން ނުކުތް އެންމެންނަށް ވެސް މިހާރު ވަނީ ޑިސިޕްލިނަރީ ފިޔަވަޅު އަޅާފަ އެވެ.

އެ ބޯޑުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި 2019 އިގެ މޭ މަހުން ފެށިގެން ޖެނުއަރީ 2021 އަށް މިފަދަ 316 މައްސަލައެއް ހެ ބޯޑަށް ހުށަހެޅިފައި ވެއެވެ. އެއީ ހަތް މުވައްޒަފަކާ ގުޅޭ މައްސަލަ ތަކެކެވެ.

އަދަބު ލިބުނު މުވައްޒަފުން ބުނެފައި ވަނީ އެ މީހުން ދެ މިނިޓް ކުރިން ނުކުންނަނީ އަވަހަށް ބަހަށް އަރަން ކަމަށެވެ. އެއަށް ވުރެ ލަސް ވެއްޖެނަމަ ބަސް ކަޓައި ގެޔަށް ދެވޭލެއް މާ ބޮޑަށް ލަސް ވާތީ ކަމަށެވެ.

ޖަޕާން ޓުޑޭގައިވާ އެ ޚަބަރުގައިވާ ގޮތުން ހާޒިރީ ބަލަހައްޓާ މީހާއަށް އިތުރު އަދަބު ލިބުނެވެ. އެއީ އޭނާ ވެސް އާއްމުކޮށް އޮފީހުން ނުކުންނަނީ ހަވީރު 5.13 ގައެވެ. ނަމަވެސް ހާޒިރީގައި އޭނާ 5.15 ގައި ނުކުތް ކަމަށް ރެކޯޑްކޮށްފައި ވެއެވެ. އޭނާއަކީ ވެސް ފިޔަވަޅު އެޅި އެހެން މީހުންނެކޭ އެއްގޮތަކަށް ހަމަ އެއްބަހަކަށް އަރަން ދާ މީހަކަށް ވެފައި އެހެން މީހުން އަވަހަށް ދިޔަކަމަށް ރެކޯޑް ތަކުން ދައްކާއިރު އެ މީހާގެ އެއްވެސް ދުވަހެއްގައި އަވަހަށް ދިއަކަމަށް ރެކޯޑުތަކަކުން ނުދައްކަ އެވެ. އެހެންވެ މަކަރުހަދައި އޮޅުވާލުމުގެ ކުށުގައި އެހެން މީހުންނަށް ވުރެ ބޮޑު އަދަބެއް މި މީހާއަށް ދީފައިވާ ކަމަށް އެ ބޯޑުގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޖަޕާނުގެ ނޫހުގައިވާ ގޮތުން އަދަބު ދިނުމުގެ ގޮތުން ކޮންމެ މީހެއްގެ މުސާރައިގެ 10 ޕަސެންޓް ތިން މަސް ދުވަސް ވަންދެން ކަނޑާލަން ވަނީ ނިންމާފަ އެވެ.

އަދަބު ލިބުނު މުވައްޒަފަކު އޭނާ އަވަހަށް އޮފީހުން ނުކުންނަ ސަބަބު ކިޔައިދެމުން ބުނެފައިވަނީ އެމީހުން އެހެން ހަދަނީ އަވަހަށް ގެޔަށް ދާން ބޭނުންވާތީ އެވެ.

"ބަސް އަންނަނީ ހަވީރު 5.17ގަ. އެ ބަހަށް ނޭރިއްޖެނަމަ ގިނަ އިރު ތަކަކު އަނެއް ބަހަށް މަޑުކުރަން ޖެހޭ،" އެމީހާ ބުންޏެވެ.

ޖަޕާނުގެ އޮފީސްތަކުގައި މަސައްކަތުގެ އަޚުލާގަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ.