ލައިފްސްޓައިލް

ޖަޕާނުގެ ބޮޑުވަޒީރުގެ ގެކޮޅު - ވަރަށް ނާމާން ތަނެއް

ޖަޕާނުގެ ބޮޑުވަޒީރަށް ޚާއްސަ ގަނޑުވަރުގައި ފާއިތުވީ ނުވަ އަހަރު އެއްވެސް ބޮޑުވަޒީރަކު ނޫޅުއްވަ އެވެ. އެ ގަނޑުވަރުގެ ބިރުވެރިކަމާއި ނާމާންކަމުގެ ވާހަކަތައް އިވިވަޑައިގަންނަވާތީ އެވެ. ނަމަވެސް ދާދިފަހުން ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވި ފުމިއޯ ކިޝީޑާ ބޭނުންފުޅުވީ އެ ގަނޑުވަރުގައި އުޅުއްވާށެވެ.

މިދިޔަ ހޯމަ ދުވަހު ކިޝީޑާ ވިދާޅުވި ގޮތުގައި އެމަނިކުފާނު އެގޭގައި ނިދިކުރެއްވީ ވަރަށް އަރާމުގަ އެވެ. ކިޝީޑާ އެގަނޑުވަރުގައި ދިރިއުޅުއްވަން ފެއްޓެވިއިރު އެ ގަނޑުވަރު ފަޅަށް ހުންނަތާ ނުވަ އަހަރު ވެއްޖެ އެވެ. އެ ނުވަ އަހަރު ތެރޭގައި ބޮޑުވަޒީރުކަން ކުރެއްވި ޔޮޝިހީޑޭ ސުގާ އާއި ޝިންޒޯ އަބޭ އާ ދެބޭފުޅުން ކުރެ އެއްވެސް ބޭފުޅަކަށް އެ ގަނޑުވަރުގައި އުޅުއްވަން ކެރިވަޑައެއް ނުގެންނެވި އެވެ. ސަބަބަކީ އެ ގަނޑުވަރަކީ ބިރުވެރި ރޫހުތަކުން ނާމާންވެފައިވާ ތަނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ތަނަކަށް ވާތީ އެވެ.

ޓޯކިޔޯގެ މެދުތެރޭގައި ހުންނަ ވަރަށް ރީތިކޮށް ހަދާފައިވާ މި ގަނޑުވަރަކީ 1936ގައި އެ ގައުމުގައި ކުރި ބަޣާވާތެއްގައި އޭރު އެގައުމުގެ ސީނިއާ އޮފިޝަލުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މަރާލާފައިވާ ތަނެކެވެ. އެ ފަހަރު މަރާލި ސީނިއާ އޮފިޝަލުންގެ ތެރޭގައި އޭރުގެ މާލީ ވަޒީރު ވެސް ހިމެނިވަޑައިގަތެވެ. މި އެންމެން މަރާލީ އޭރުގެ ޒުވާން މިލިޓަރީ އޮފިސަރުން ތަކެކެވެ.

އޭރު މަރާލި ބައެއް މީހުންގެ ރޫހުތައް އެ ގަނޑުވަރުގައި އެނބުރޭ ކަމަށާއި ގަނޑުވަރު އިންތިހާއަށް ނާމާން ތަނަކަށް ވެފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ ޖަޕާނުގައި ވަރަށް މަޝްހޫރު ވާހަކަ އެކެވެ. އަދި އެ ގަނޑުވަރުގެ ހޯލުތަކުން އެކި ކަހަލަ ރޫހާނީ އެއްޗެތި ފެންނަ ކަމަށް ބުނެ އުޅެ އެވެ. ނަމަވެސް މިހާރުގެ ބޮޑުވަޒީރު ކިޝީޑާ ވިދާޅުވަނީ އެ ގަނޑުވަރުގައި އަވަހާރަފުޅު ލެއްޕެވި ރޭތަކުގައި އެމަނިކުފާނަށް އެއްވެސް ކަހަލަ ކަމެއް މެދުވެރި ނުވާ ކަމަށާއި ވަރަށް އަރާމުގައި ނިދާފައި ހެނދުނު ވަރަށް ތާޒާކަމާއެކު ހޭލެވުނު ކަމަށެވެ.

މީހުން އެ ކިޔައި އުޅޭ ޒާތުގެ ނާމާން އެއްވެސް ކަމެއް އެ ގަނޑުވަރުން އެމަނިކުފާނަށް ކުރިމަތިވީތޯ ނޫސްވެރިއަކު ސުވާލުކުރުމުން ބޮޑުވަޒީރު ވިދާޅުވީ އެމަނިކުފާނަށް ވަރަށް ރަނގަޅަށް ނިދާލެވުނު ކަމަށާއި އެކަހަލަ އެއްވެސް އެއްޗެއް އަދި ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންވީއިރު ބޮޑުވަޒީރުގެ ރަސްމީ ގެކޮޅާމެދު މީހުންގެ ހިތުގައި އެހާ ބޮޑު ބިރުވެރިކަމެއް އުފެދިފައި މިވަނީ ކީއްވެ ބާއެވެ؟ އާންމު ރައްޔިތުން ނަގާ ޓެކްސް ފައިސާއިން އެތައް މިލިއަނެއް މި ގެކޮޅު ބަލަހައްޓަން ޚަރަދު ކުރާއިރު ފާއިތުވީ ނުވަ އަހަރު އެއްވެސް ބޮޑުވަޒީރަކު ނޫޅުއްވީ ކޮން ކަހަލަ ބިރުވެރިކަމެއް ފެނިގެން ބާވައެވެ؟

ޔަގީންވާ އެއް ކަމަކީ އެ ގަނޑުވަރުގައި ވަރަށް ގިނަ ބައެއްގެ ފުރާނަ އަނިޔާވެރި ގޮތަކަށް ދުއްވާލާފައިވާ ކަމެވެ. އެގޮތުން މޭ 15، 1932ގައި ކުރި ބަޣާވާތުގައި ގިނަ އަދަދެއްގެ މީހުންގެ ލޭ އެ ގަނޑުވަރަށް އޮހިފައި ވެއެވެ. ނަމަވެސް އޭރު ބަޣާވާތްކުރި އޮފިސަރުންނަށް އާންމު ރައްޔިތުންގެ ތާއީދު އޮތުމުން ގަނޑުވަރުގައި މަރާލެވުނު މީހުންނަށް އިންސާފު ލިބިފައެއް ނެތެވެ. ޖަޕާނު މީހުން ބުނަނީ ގަނޑުވަރުގެ ހޯލާއި ކޮޓަރިތަކުން ފެންނަނީ އިންސާފު ނުލިބުނު މީހުންގެ ރޫހުތައް ކަމަށެވެ. ފާއިތުވީ ނުވަ އަހަރު ވެރިކަން ކުރި ދެ ބޮޑުވަޒީރުން ވެސް އެ ގަނޑުވަރުގައި ނޫޅުއްވީ މި ވާހަކަތައް މިގޮތަށް ދެކެވޭތީ ކަމަށް ވެއެވެ.

އެ ގަނޑުވަރުން "ގޯސްޓްސް" ފެނިވަޑައިގަތް ކަމަށް، އެންމެ ފަހުން ޖަޕާނުގައި ބޮޑުވަޒީރުކަން ކުރެއްވި ޔޮޝިހީރޯ މޯރީ އަރިހުގައި އެގައުމުގައި 2006-2007 އަށް ވެރިކަން ކުރެއްވި ޝިންޒޯ އަބޭ ވިދާޅުވި ކަމަށް ސަންކެއި ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވެއެވެ.

މިލިޓަރީ ޔުނިފޯމްގައި ތިބި ގޯސްޓްތަކެއް އެ ގަނޑުވަރުގެ ބަގީޗާ އާއި ކައިރި ހިސާބުތަކުގައި އުޅެނިކޮށް އެކިފަހަރު މަތިން އަބޭ އަށް ފެނިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވިކަމަށް ވެއެވެ.