ގިނަ މީހުން ދިރިއުޅެނީ ވަރަށް ބުރަ މަސައްކަތް ކޮށްގެން ލިބޭ އާމްދަނީންނެވެ. އެމީހަކު ދަންނަ މަސައްކަތެއްގައި ރެއާ ދުވާލު އުޅެގެން ނޫނީ ބޭނުންވާ ކަންތައްތައް ކުރާވަރަކަށް ފައިސާއެއް ނުލިބެއެވެ. ތަންކޮޅެއް ލުއިކޮށް އުޅެމުން ރަނގަޅު އާމްދަނީއެއް ލިބޭނެ ނަމައޭ މިފަދަ މީހުން ބައެއް ފަހަރު ހިތަށް އަރާނެ އެވެ. ކުރާ ބުރަ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ނުލިބޭތީ އެވެ.
ޖަޕާނުގެ މި މީހާ އަކީ އެގޮތަށް މާ ބޮޑު މަސައްކަތެއް ކުރުމަކާ ނުލާ ބޮޑު އާމްދަނީއެއް ހޯދާ މީހެކެވެ. ޝޯޖީ މޮރިމޯޓޯ، 38، އަކީ އޭނާ އަމިއްލައަށް އޭނާގެ ނަފްސު ކުއްޔަށް ދީގެން ފައިސާ ހޯދާ މީހެކެވެ.
ބައެއް ފަހަރު މީހުން އޭނާއަށް ގުޅަނީ ބޯ ހަމަޖައްސާލަން ވާހަކަ ދައްކާލާނެ އެކުވެރިއަކަށް ބޭނުން ވެގެންނެވެ. އެ ވަގުތުތަކުގައި އޭނާ އެމީހުން ދައްކާ ވާހަކަތައް ކަނުލާ އަޑުއަހަ އެވެ. އެކަން ވެސް އޭނާ ކުރަނީ މަދުން ނަމަވެސް ފައިސާ ދިނީމަ އެވެ. އެގޮތުން އެއް ދުވަހަކު އޭނާ ކައިރީގައި މީހަކު ވާހަކަ ދައްކަމުން އޭނާއަކީ މިހާރު މަރާފައި ހުރި ގާތިލެއް ކަމަށް އިއުތިރާފު ވެފައި ވެސް ވެއެވެ.
ކޯޓަށް ވަރީގެ މައްސަލައެއް ފައިލް ކުރަން ދާންޖެހިގެން އެކަނި ދާން ޖެހިލުން ވެފައި ހުރި މީހަކާއެކު އެއް ދުވަހަކު މޮރިމޯޓޯ ކޯޓަށް ވެސް ދިޔަ އެވެ. ބައެއް ފަހަރަށް ކޮފީއެއް ބޯލަން އެކަނި ދާން ބޭނުން ނުވެގެން އުޅޭ މީހުންނާއެކު ކޮފީ ބޯން ވެސް ދެ އެވެ.
މޮރިމޯޓޯ އަށް ލިބޭ ހުރިހާ މަސައްކަތެއް އޭނާ ގަބޫލެއް ނުކުރެ އެވެ. މިސާލަކަށް ގޭތެރެ ސާފުކޮށްދޭން މީހަކު އެދިއްޖެނަމަ އެކަމެއް އޭނާ ނުކުރާނެ އެވެ. އަދި އެއްޗެހި ދޮވެދީ ވެސް ނަހަދާނެ އެވެ. އަދި މީހެއްގެ އެކުވެރިއަކަށް ވާން ލިބޭ ދައުވަތު ވެސް އޭނާ ގަބޫލެއް ނުކުރެ އެވެ.
މޮރިމޯޓޯ ގަބޫލުކުރާ ގޮތުގައި އޭނާ އަކީ އެންމެންގެ ވާހަކަ ވެސް އަޑުއަހާ އެންމެގެ ވެސް ބައިވެރިޔެކެވެ. އެއްވެސް މީހަކާ ގާތް އެކުވެރިކަމެއް އޭނާގެ ނޯންނާނެ އެވެ.
މޮރިމޯޓޯ މި މަސައްކަތް ފެށީ 2018 ގައި އޭރު އޭނާ އަދާކުރަމުން ދިޔަ ވަޒީފާ ގެއްލުމާ ގުޅިގެންނެވެ. މި މަސައްކަތް ފެށުމުގެ ގޮތުން އޭނާ ހުޅުވީ ޓުވިޓާ އެކައުންޓެކެވެ. "ޑޫ ނަތިން ރެންޓް-އަ-މޭން" ގެ ނަމުގަ އެވެ. އެއާއެކު އޭނާގެ އެހީތެރިކަމަށް މީހުން އެދެން ފެށި އެވެ. ޓުވިޓާގައި އޭނާ ފޮލޯކުރާ މީހުންގެ އަދަދު މިހާރު ދެ ލައްކަ އަށް ވުރެ ގިނަ އެވެ. އަދި ދުވާލަކު ތިން ބުކިންގްސް އަށް ވުރެ ގިނައިން މިހާރު އޭނާއަށް ލިބެ އެވެ. އަދި މިހާތަނަށް 3،000 ވުރެ ގިނަ މީހުންނަށް އުޖޫރައަށް އެހީ ފޯރު ކޮށްދީފައި ވެއެވެ.