ލައިފްސްޓައިލް

ޖަޕާނު ގޮނޑުދޮށަށް ލައްވި ބޮޑު ބޯޅައިގެ ހަގީގަތް އެންގިއްޖެ

ޖަޕާނުގެ ހަމަމަޓްސޫ ސިޓީގެ އެންޝުހާމާ ބީޗަށް ވަރަށް ބޮޑު ދަގަނޑު ބޯޅައެއް ލައްގައިގެން ވަރަށް ގިނަ ބަޔަކު މި ބޯޅައިގެ ހަގީގަތް ނޭނގިގެން އުޅެފައި ވެއެވެ.

މި ބޯޅަ ލައްގާފައި އޮއްވާ ނަގާފައިވާ ވީޑިއޯތައް އިންޓަނެޓުގައި ދައުރުވާން ފެށުމުން އެކި މީހުން އެކި ތިއަރީ ނެރެ ތަފާތު ވާހަކަތައް ބޯޅަޔާ ގުޅޭ ގޮތުން ދައްކަން ފެށި އެވެ.

މިއީ "އަންއައިޑެންޓިފައިޑް ފްލައިޓް އޮބްޖެޓް" (ޔޫފޯ) އެކޭ އެއްބަޔަކު ކިޔެވެ. އަނެއް ބަޔަކު ބުނީ މިއީ ޗައިނާ ނުވަތަ ނޯތު ކޮރެއާ އިން ޖާސޫސް ކުރަން ފޮނުވައިގެން އުޅެނިކޮށް އެމެރިކާއިން ހަމަލަދީ ވައްޓާލި "ސްޕައި ބެލޫން" އެއް ކަމަށެވެ.

އަނެއް ބަޔަކު މި ބޯޅަ ސިފަކުރީ އެނިމޭ ސީރީޒްގެ ޑްރެގަން ބޯލް އެއްގެ ގޮތުގަ އެވެ. މި ސީރީޒްގައި މިފަދަ ބޯޅައެއްގައި ދުނިޔެއަށް އަންނަނީ އޭލިއަން ކެރެކްޓާ އެކެވެ.

ނަމަވެސް މީހުން ދައްކަމުންދާ މިފަދަ އެއްވެސް ވާހަކައެއް ޖަޕާން ސަރުކާރުން ބަލައެއް ނުގަނެ އެވެ. އެކަމަކު މި ގޮތް ނޭނގޭ ބޯޅައާ މެދު ފަރުވާ ކުޑަކޮށް އަޅާނުލާ ދޫކޮށްލާކަށް ވެސް ޖަޕާން ސަރުކާރުން ބޭނުމެއް ނުވި އެވެ.

އެހެންވެ ފުލުހުންނާއި ބޮމް ސްކޯޑް އެލާޓަށް ގެނެސް މި ދަގަނޑު ބޯޅައިގެ ހަގީގަތް ހޯދަން އިސާހިތަކު މަސައްކަތް ފެށި އެވެ.

ޖަޕަނީސް އައުލެޓް އެންއެޗްކޭ އިން މި ބޯޅައިގެ ފޮޓޮއަކާއެކު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި ބޯޅަ ވަރަށް ރަނގަޅަށް ބަލާފައިވާ ކަމަށާއި ބޯޅައިގައި ބިރުގަންނަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. ނަމަވެސް މި ބޯޅައަކީ ހަގީގަތުގައި ކޯޗެއް ކަމެއް އެ ޓުވީޓުގައި އޮޅުން ފިލުވައިދީފައެއް ނުވެ އެވެ.

ޖަޕާނު ސަރުކާރުން ފެބްރުއަރީ 23 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި މި ބޯޅައިގެ ހަގީގަތް ހާމަކޮށްފައި ވެއެވެ. އެ ފަރާތުން ބުނެފައިވާ ގޮތުގައި މި ބޯޅައަކީ ކަނޑުގައި ދުއްވާ ބޮޑެތި އުޅަނދުފަހަރުގައި ބޭނުންކުރާ "މެރިން އިކްއިޕްމަންޓް" އެކެވެ.

ފުލުހުން މި ބޯޅައިގެ ރޭޑިއޯ ޓެސްޓް ހަދައިގެން ބެލިއިރު މީގެ އެތެރެ އޮތީ ހުހަށް ކަމަށް ވެއެވެ. އެހެންކަމުން މިއީ ކޮންމެވެސް ބޯޓެއްގައި ބޭނުންކުރަނިކޮށް ކަނޑަށް ދޫވި ނުވަތަ އެއްލާލާފައި އޮއްވާ ގޮނޑުދޮށަށް ލައިގެން އުޅޭ ދަބަރު ޖަހާފައިވާ ދަގަނޑު ބޯޅަ އެކެވެ.