ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ދަ ލާސްޓް ކްރޫޒް: ކޮވިޑްގެ ވޭކްއަޕް ކޯލަކަށް ރަނގަޅު

ކޮވިޑް-19 އިގެ ރާޅުތައް އެއް ރާޅަށް ފަހު އަނެއް ރާޅު ގައުމުތަކަށް ބިންދައި އެތައް ބަޔެއްގެ ފުރާނަ ގެއްލިއްޖެ އެވެ. އަދި މި ބަލީގެ ވޭނުގައި އެތައް މިލިއަން ބަޔަކު އުޅެފި އެވެ. ގިނަ ގައުމުތަކުގައި މި ބަލި މިހާރު ތަންކޮޅެއް މައިތިރިވެފައި ވުމުން ގިނަ ބަޔަކު ބައްޔަށް ޣާފިލު ވެފައި ވެއެވެ. ދެން އަލުން ބަލީގެ ހާލަތު ގޯސް ވާނެކަމަށް ނުވިސްނާ މީހުން މިހާރު ވަރަށް ގިނަ އެވެ. ނަމަވެސް ސައިންސްވެރިން ބުނާ ގޮތުގައި އަދި މި ޕެންޑެމިކް ނިމުނީކީ ނޫނެވެ. އަދި ފަރުވާ ކުޑަކޮށްލައިގެން އުޅެން ހެޔޮ ނުވާނެ އެވެ.

މި ބަލީގައި އެތައް އާއިލާއެއްގެ އެތައް ބަޔަކު ނިމިގެން ދިޔަ ގޮތް ހަނދާން ނައްތާލާކަށް އަދި ނުވެ އެވެ. މީހުންނަށް ލިބުނު ބޮޑެތި މާލީ ގެއްލުންތައް މާޒީއަށް ދުއްވާލާކަށް އަދި ނުވެ އެވެ. އަދި މި ވަބާގެ އަސަރު ކުރި މީހުންގެ ތެރެއިން ފުރާނަޔައިގެން ސަލާމަތް ވެވުނު ގިނަ ބަޔަކަށް ކުރިމަތިވި ނަފްސާނީ މައްސަލަތަކާ މެދު ވެސް ނުވިސްނާ ތިބޭކަށް އަދި ނުވެ އެވެ. އެއްވެސް ފިކުރެއް ނެތި ޗުއްޓީ އާއި މަޖާ ކުރުމަށް އެނބުރެވޭކަށް އަދި ނެތެވެ. މިގޮތަށް އަހަރެމެން އެންމެން ޣާފިލުކަމުގައި އުޅެން ފަށައިފިނަމަ މިއަށް ވުރެ ބޮޑު ރާޅެއް އެރުމުގެ ނުރައްކާ އޮތް ކަމަށް ސައިންސްވެރިން ދަނީ އިންޒާރު ދެމުންނެވެ.

ޑޮކިއުމެންޓްރީ ފިލްމު "ދަ ލާސްޓް ކްރޫޒް" ގައި ކިޔައި ދެނީ މި ވަބާއާ މެދު ފަރުވާ ކުޑަ ނުކުރަންވީ ސަބަބެވެ. އެ ކްރޫޒް ޝިޕްގައި ތިބި މީހުން ކުރި ހަގީގީ ތަޖުރިބާތަކުގެ ވާހަކަ އެވެ. މިއީ ހަމަ ކޮންމެ މީހަކުވެސް ބަލާލަން ޖެހޭ ޑޮކިއުމެންޓްރީއެކެވެ.

ޖެނުއަރީ 2020 ގައި ޑައިމަންޑް ޕްރިންސަސް ކިޔާ ކްރޫޒް ޝިޕެއް އެތައް ހާސް މީހުނަކާއެކު ޖަޕާނުން ފުރި އެވެ. މި މަނަވަރުގައި ތިބި އެންމެން ތިބީ ދުނިޔޭގެ އެކި ހިސާބުތަކަށް ކުރަން ހަމަޖެހިފައިވާ މަޖާ ދަތުރަށް ވަރަށް ތައްޔާރުވެ އުފަލުން ފޮޅިފަ އެވެ. މި ދަތުރުގައި އެމީހުންނަށް ނެގުނު ވަރަކަށް މަޖާ ނެގުމުގެ ޖޯޝާއި ފޯރީގައި މި މީހުން ދަތުރަށް ފެށި އެވެ.

މި ދުވަސްވަރަކީ ކޮރޯނާވައިރަހޭ ކިޔާ ބަލިމަޑުކަމެއް ދުނިޔެއަށް ފެތުރެން ފެށި ދުވަސްވަރެވެ. އޭރު މި ބަލި ޖެހުނުކަމަށް ޔަގީން ވެފައި އޮތީ އެންމެ ހަތަރު މީހަކަށެވެ. އެމީހުންގެ މި އުފާވެރި ޗުއްޓީ ކުއްލިއަކަށް އެންމެ ހަޔާތުގައި ވެސް ފެންނާނެ އެންމެ ބިރުވެރި ހުވަފެނަށް ބަދަލު ވެދާނެ ކަމަކަށް މި ކްރޫޒް ޝިޕަށް އެރި އެއްވެސް މީހެއްގެ ޚިޔާލަށް ވެސް ނާދެ އެވެ.

މި ދަތުރުގައި އެމީހުންނަށް އުފަލާ މަޖަލުގައި އުޅެވުނީ ދުވަސްކޮޅަކު އެވެ. ފެބްރުއަރީ މަސް ނިމުނުއިރު އެ ކްރޫޒްޝިޕަށް ބިރުވެރިކަމާއި ނާމާންކަން ވެރިވާން ފަށައިފި އެވެ. ބިރުވެރި ވާހަކަފޮތެއްގައި ލިޔެފައިވާ މަންޒަރުތަކެއް ލޯ ކުރިމަތީގައި ފެންނަމުން ދިޔަ ކަހަލަ އެވެ.

ފެބްރުއަރީ 26 ގައި މި ކްރޫޒް ޝިޕް އަލުން ޖަޕާނުގައި ބަނދަރު ކުރި އެވެ. އަދި ދެ ހަފުތާއަށް ބޯޓު ކަރަންޓީނުކޮށް އެއްވެސް މީހަކަށް ނުފޭބޭގޮތް ހަދާފައި ބޭއްވި އެވެ. މި ކްރޫޒް ޝިޕް ވެގެން ދިޔައީ ބަލީގެ އަސްލު ފެށިގެން އައި ޗައިނާގެ ވޫހާން އަށް ފަހު އެންމެ ބޮޑަށް ބަލި ފެތުރިގެންދިޔަ ތަނަށެވެ.

މި ބޯޓުގައި ތިބި 712 މީހަކަށް ބަލި ޖެހި އޭގެ ތެރެއިން 14 މީހަކު މަރުވުމުން މުޅި ދުނިޔޭގެ ސަމާލުކަން މި ބޯޓަށް ހުއްޓުނެވެ. ސަބަބަކީ އެ ދުވަސްވަރު އެހެން ގައުމުތަކަށް ބަލި ފެތުރިފައިނުވާތީ އެވެ.

ބަލި ފެތުރެން ފެށިއިރު ބޯޓުގައި 2،666 ފަސިންޖަރުންނާއި 1،045 ކުރޫން ތިއްބެވެ. މި އެންމެން ބޯޓުގައި ބަންދު ވެގެން ތިބެން ޖެހުނީ މި ފެތުރެމުންދާ ބައްޔަކީ ކޮން ކަހަލަ ބައްޔެއް ކަން ވެސް ނޭނގޭ ހާލުގަ އެވެ. އަދި އެއްގޮތަކަށް ވެސް ވާނުވާ ނޭނގޭ ފަދަ ހާލެއްގަ އެވެ.

ސާޅީސް މިނިޓްގެ މި ޑޮކިއުމެންޓްރީގައި އެ ބޯޓުގެ ބައެއް ފަސިންޖަރުންނާއި ކުރޫން އެ ދުވަސްވަރު ނަގާފައިވާ ބައެއް ހަގީގީ މަންޒަރުތައް ފެންނަ ވީޑީއޯ ފުޓޭޖްތައް ހިމަނާފައި ވެއެވެ.

ބޯޓުން ފުރަތަމަ މީހާ ޕޮޒިޓިވްވުމުން އެންމެން އެމީހެއްގެ ކެބިންގައި ތަޅުލައިގެން ތިބެން ޖެހުނު ގޮތާއި އެހެން ތިއްބާ ވެސް އެންމެންނަށް ކަހަލަ ގޮތަކަށް މި ވައިރަސް އަރައި އެންމެން ބަލިވި ކަމަށް އެމީހުން ކިޔައިދީފައި ވެއެވެ.

ބޯޓުގައި ތިބީ ދުނިޔޭގެ ތަފާތު ގައުމުތަކުގެ މީހުންނަށް ވާތީ މީގެ ތެރެއިން ޕޮޒިޓިވްވީ ގިނަ މީހުން ވެގެން ދިޔައީ އެ މީހެއްގެ ގައުމުން ފުރަތަމަ ޕޮޒިޓިވްވީ މީހާއަށެވެ.

މި ޑޮކިއުމެންޓްރީގެ އެންމެ ހާއްސަ އުސްއަލިތަކުގެ ތެރޭގައި ބޯޓުގައި ވައިރަސް ފެތުރެމުން ދިޔަ ނަމަވެސް މީހުންނަށް ޚިދުމަތް ކޮށްދޭން ތިބި ކުރޫން އެ ޚިދުމަތުގައި ދެމި ތިބިކަން ފާހަގަ ކޮށްފައި ވެއެވެ.

ބޯޓު ކުރޫންގެ ތެރެއިން ގިނަ ބަޔަކު އެއްތަނެއްގައި ތިބެން ޖެހުމުން ވަރަށް ފަސޭހައިން އެމީހުންގެ ތެރޭގައި ބަލި ފެތުރުނެވެ. ޖަންގައްޔެއްގައި އަލިފާން ރޯވެ އަނދާ މިސާލުގަ އެވެ.

މީގެ ތެރެއިން ގިނަ ބަޔަކު ބަލީގައި ހާލު ބޮޑުވެ އާއިލާގެ މީހުންނަށް އެހީއަށް އެހި މެސެޖުތައް ވެސް ފޮނުވި އެވެ. ނަމަވެސް އެމީހުންނަށް އެހީތެރިވެވޭނެ ގޮތެއް އާއިލާގެ މީހުންނަކަށް ވެސް ނެތެވެ.

މީގެ ތެރެއިން ފުރާނަ ސަލާމަތްވީ މީހުންނާ މި ޑޮކިއުމެންޓްރީ ތައްޔާރުކުރި ފަރާތްތަކުން ފަހުން އިންޓަވިއު ކޮށްފައި ވެއެވެ. މީގެން ކޮންމެ މީހެއްގެ ވާހަކައިން ވެސް ގައިން ހީބިހި ނަގާ ވަރު ވެއެވެ. އެ މީހުން ކިޔައިދިން ގޮތުގައި ބޯޓުގައި ބަލި ފެތުރެމުން ދިޔަ ނަމަވެސް އެކަމާ ބިރުގަނެ ފަސިންޖަރުންނަށް ޚިދުމަތް ކުރަމުން ގެންދިއުމަށް އެމީހުންނަށް އެންގި އެވެ.

އެމީހުންނާއެކު މަސައްކަތްކުރި ބައެއް ފަޅުވެރިން ބަލިވެ ކެއްސާ ކިނބިހި އަޅަމުން ދިޔައިރު އެއްވެސް ކަހަލަ ރައްކާތެރިކަމެއް ނެތި އެ ތަނުގައި އެމީހުންނަށް އުޅެން ޖެހުނު ގޮތް ވެސް ބޯޓުގެ ކުރޫންގެ އިންޓަވިއު ތަކުގައި ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ.

ޖެނުއަރީ 20، 2020 ގައި ބޯޓު ޖަޕާނުން ފުރުމަށްފަހު ބަލި ފެތުރެން ފަށައި އޭގައި ތިބި އެމެރިކާ ފަސިންޖަރުން ބޯޓުން ބޭލީ ފެބްރުއަރީ 17 ގައެވެ. އެއްދުވަހެއް ތެރޭ ހުރިހާ ފަސިންޖަރުންނެއް ނުގެންދެ އެވެ. މީހުން ގެންދަމުން ގެންދަމުން ގޮސް އެންމެ ފަހުން ތިބި މީހުން ބޯޓުން ފޭބީ މާޗް 1 ވަނަ ދުވަހު އެވެ.

ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ މީހުން ގެންގޮސް ވަކިން ކަރަންޓީނުކޮށް ފަރުވާ ދީ ހެދި އެވެ. ހުރިހާ ފަސިންޖަރުން ހުސްވި ނަމަވެސް ބޯޓުގައި ތިބި ހާހަކަށް ވުރެ ގިނަ ފަޅުވެރިން ބޯޓަކުން ނުބާލަ އެވެ. އެމީހުންގެ ބިރުވެރިކަމަކަށް ނިމުމެއް ނާދެ އެވެ.

"ހަމައެކަނި މުއްސަނދިންނަށޭ އަޅާލާނީ. އަހަރެމެންނަކަށް އަޅާލާނެ މީހަކު ނެތޭ. މިއީ ބޯޓުގެ ކުރޫންގެ ގޮތުގައި ތިބި ގިނަ ބަޔަކަށް އޭރު ކުރެވުނު އިހްސާސަކީ. ބަލީގެ ނުރައްކާ އޮތީ ހަމައެކަނި ފަސިންޖަރުންނަކަށް ނޫން. ފަޅުވެރިންނަށް ވެސް ހަމަ އެވަރަށް އޮތް. ނަމަވެސް އެމީހުން ލައްވާ މަސައްކަތް ކުރުވަން ބޯޓުގައި ބޭތިއްބީ،" ޕޭސްޓްރީ ޝެފެއްގެ ގޮތުގައި ބޯޓުގައި މަސައްކަތްކުރި ދެ ކުދިންގެ މަންމައަކު ބުނެފައި ވެއެވެ.

ބޯޓުގައި ބާކީ ތިބި މީހުންނަށް ކުރިމަތިވި ބިރުވެރިކަމާއި އެންޒައިޓީ އަދި ވާނުވާ ނޭނގިގެން މީހުން އުޅުނު ގޮތް ވަރަށް ފުރިހަމައަށް ކޮމެންޓްރީގައި ދައްކާފައި ވެއެވެ.

ކޮވިޑް ޕްރޮޓޮކޯލް އަށް ފަރުވާކުޑަކޮށްގެން އުޅޭ މީހުންނަށް މި ޑޮކިއުމެންޓްރީ އަކީ ވޭކްއަޕް ކޯލެކެވެ. ވައިރަސްގެ ބާރު އަދި ނުކެނޑޭ ކަމާއި ކިތަންމެ އަވަހަކަށް ވެސް އަހަރެމެންގެ މައްޗަށް ވެރިވެގަނެދާނެކަމުގެ ބިރުވެރިކަން އޮތްކަން މި ޑޮކިއުމެންޓްރީ ބަލާލުމުން ވިސްނޭނެ އެވެ.

"ދަ ލާސްޓް ކްރޫޒް" ޑިޒްނީ+ހޮޓްސްޓާ އިން ބަލާލެވޭނެ އެވެ.