ޖަޕާނުގައި ދިރި އުޅޭ އެންމެންނަށް ކޮވިޑް ވެކްސިން ހިލޭ ދޭނެ ކަމަށް އެ ގައުމުން ބުނެފި އެވެ. މި ކަމަށްޓަކައި ޚާއްސަ ގަވާއިދުތަކެއް ވެސް ވަނީ ފާސް ކޮށްފަ އެވެ. ޖަޕާނުގައި މިހާރު ކޮންމެ ދުވަހަކު ވެސް ރެކޯޑް އަދަކަށް ޕޮޒިޓިވްވާ ކަމަށް ރިކޯޑްތަކުން ދައްކަ އެވެ.
ޖަޕާނުގައި ދިރިއުޅޭ 126 މިލިއަން މީހުންނަށް ހިލޭ ވެކްސިން ދިނުމަށްޓަކައި ފާސް ކުރަން ޖެހޭ ބިލަށް ޕާލަަމެންޓުން ރުހުން ވަނީ ލިބިފަ އެވެ. ޖަޕާނުގައި ބޭނުން ކުރާނީ ކޮން ކުންފުންޏެއްގެ ވެކްސިނެއް ކަމާއި، ވެކްސިން ދޭން ފަަށާ ދުވަސްތަކާ ބެހޭ ގޮތުން، ބިލް ފާސް ކުރުމުގެ މަރުހަލާގައި ވަނީ މަޝްވަރާ ކޮށްފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ޖަޕާނުން ގަންނަން ހަމަޖައްސާފައި ވަނީ ފައިޒާއިން 60 މިލިއަން އަދި މޮޑާނާއިން 25 މިލިއަން ވެކްސިނެވެ.
އެސްޓްރަޒެނެކާއިން 120 މިލިއަން ޑޯޒް ޖަޕާނުން ގަންނަން ކުރަންޖެހޭ ހުރިހާ ކަމެއް ކަށަވަރު ކޮށްފައިވާ ކަމަށް ވެސް އެ ގައުމުން ބުނެ އެވެ.
ފައިޒާއާ މޮޑާނާގެ ވެކްސިން ވަރަށް ކާމިޔާބު ކަމަށް ވަނީ ކަނޑައަޅާފަ އެވެ. މި ދެ ކުންފުނިން މިހާރު ވަނީ އެމެރިކާއާ ޔޫރަޕްގައި ވެކްސިން ޖެހުމަށް އިމާޖެންސީ ހުއްދައަކަށް ވެސް އެދިފަ އެވެ.
ޖަޕާނުގައި ކޮވިޑް-19 ފެށިގެން އައިއިރު ހާލަތު މިހާރުހާ ގޯހެއް ނޫނެވެ. އެހެން ނަމަވެސް ބަލި ކޮންޓްރޯން ނުވެ ތިން ވަނަ ވޭވެއް ފެށިގެން އުޅޭއިރު، ކޮންމެ ދުވަހަކު ވެސް ކަންބޮޑުވާ ވަރަށް ޕޮޒިޓިވްވާ ކަމަށް ވެ އެވެ.
ޖަޕާނުގައި ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ 2،100 މީހުންނެވެ. މުޅީ ޖުމުލަ 150،000 ކޭސް ރިކޯޑްކުރެވިފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. މި ބަލި ކޮންޓްރޯލް ކުރުަމަށް ސަރުކާރަށް އެހީތެރި ވެދިނުމަށް ޓޯކިޔޯ ގަވަރުނަރު ވެސް ވަނީ އާންމުންނަށް ގޮވާލައްވާފަ އެވެ.