ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ސައުތު ކޮރެއާއިން ކޮވިޑް ވެކްސިނަށް އޯޑަރުދީފި، ހާލަތު އޮބިނޯންނަވަރުގައި

ދެކުނު ކޮރެއާގެ އާބާދީ އަށް ކޮވިޑް ވެކްސިން ދިނުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އެ ގައުމުން ބުނީ 44 މިލިއަން މީހުނަށް އަންނަ އަހަރު ކޮވިޑް ވެކްސިން ދޭނެ ކަމަށެވެ.

ދުނިޔެ އަށް ކޮރޯނާވައިރަސް ފެތުރިގަތް ދުވަސްވަރު، ދެކުނު ކޮރެއާއަކީ ނަމޫނާ ގައުމެއް ކަމަށް ސިއްހީ މާހިރުން ބުނެ އުޅުނެވެ. އެއީ ވައިރަސް ކޮންޓްރޯލް ކުރުމަށް އެހެން ގައުމުތަކަށް ވުރެ ކާމިޔާބު މަސައްކަތް ތަކެއް ކޮށްފައި ވާތީ އެވެ. އެހެން ނަމަވެސް، މިހާރު ހާލަތު އޮތީ ސިއްހީ ނިޒާމަށް ނުކަތާވަރުގައި ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

ދެކުނު ކޮރެއާ އަށް ބޭނުންވާ ވެކްސިން ހޯދުމަށްޓަކައި ސަރުކާރުން ވަނީ، އެސްޓްރަޒެނެކާ އާއި ފައިޒާ / ބަޔޮންޓެކް އަދި މޮޑާނާ އަށް އޯޑަރުދީފަ އެވެ. މި އިން ކޮންމެ ކުންފުންޏަކުން 20 މިލިއަން ޑޯޒް ގަތުމަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ހަތަރު މިލިއަން ޑޯޒް ގަތުމަށް ޖޯންސަން އެންޑް ޖޯންސަން އަށް އޯޑަރުދީފަ އެވެ.

ހެލްތު މިނިސްޓަރު، ޕާކް ނަންހޫ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޑަބްލިޔުއެޗްއޯގެ ވެކްސިން ޕްރޮގްރާމް، ކޯވެކްސް މެދުވެރިކޮށް 10 މިލިއަން މީހުންނަށް ވާ ވަރަށް ވެކްސިން ހޯއްދަވާނެ ކަމަށެވެ.

"އަހަރެމެން ކުރިން އުޅުނީ 30 މިލިއަން މީހުންނަށް ދެވޭ ވަރަށް ވެކްސިން ހޯދަން،" މިނިސްޓަރު ވިދާޅުވި އެވެ. "އެހެން ނަމަވެސް އިތުރުކުރަން ނިންމީ ވައިރަހުން ރައްކާތެރިވުމުގައި އެކި ވެކްސިން އެކިވަރު ކަމަށް ބެލެވޭތީ"

ޕާކް ނަންހޫ ވިދާޅުވި ގޮތުގައި، ވެކްސިން ގަންނަ އަދަދު އިތުރުކުރީ ގައުމުތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެ ކުރިން ހޯދާ ގައުމުތަކުން އަދަދު އިތުރުކުރަމުންދާތީ ކަމަށެވެ. ދެކުނު ކޮރެއާ އަށް ވެކްސިން ލިބެން ފަށާނެ ކަމަށް ބެލެވެނީ އަންނަ އަހަރު މާޗްގަ އެވެ. ސަރުކާރުން ނިންމާފައި ވަނީ ޝިޕްމަންޓްތައް ލިބޭހާ އަވަހަކަށް ވެކްސިން ދޭން ފެށުމަށެވެ.