ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އުތުރު ކޮރެއާގައި ކޮވިޑެއް ނޫން، ހުންއަންނަ މީހުން

އުތުރު ކޮރެއާގައި ކޮވިޑް ފެތުރިގެންފި އެވެ. އެހީ ހަމަ ޔަގީން ކަމެކެވެ. އެހެން ނަމަވެސް ރަސްމީ އިދާރާތަކުން ބުނަނީ ކޮވިޑް އުޅެނީ ވަރަށް މަދުން ކަމަށާއި ގިނައީ ހުންއަންނަ މީހުން ކަމަށެވެ.

ކޮވިޑް ޖެހުމުން ވެސް ހުން އާދެ އެވެ. އެ ނޫން ހާލަތްތަތަކުގައި ވެސް ހުންއާދެ އެވެ. އެހެން ކަމުން ކިތަންމެ ގަދަޔަށް ހުންއައި ނަމަވެސް، އެއީ ކޮވިޑް ކަމަށްް ނުވާހާ ހިނދު އެއީ ކޮވިޑެއް ނޫނެވެ.

އުތުރުން ކުރިން ހާމަކުރި ގޮތުގައި ކޮވިޑް ޖެހިގެން އެޑްމިޓް ކުރަނީ މަދު ބައެކެވެ. އަދި ބުނީ އެއިން އެނގެނީ ކޮވިޑްގެ ހާލަތު އެހާ ގޯސް ނޫން ކަމެވެ. އޭގެ ދެތިން ދުވަސް ފަހުން ބުނީ ހުންއަން މީހުން 200،000 އަށް ވެސް ނާރާ ކަމަށާއި އެއީ މުޅި އާބާދީއަށް ބަލާއިރު މަދު އަދެއް ކަމަށެވެ.

އުތުރު ކޮރެއާއިން މިހާރު ހާމަކުރާ ރިޕޯޓްތައް ބުނާ ގޮތުން އެ ގައުމުގައި ކޮވިޑް އެބައުޅެ އެވެ. އަދި މިހާރު ހުންއައިސްފައި ތިބި 66،680 މީހުންނަކީ ވެސް ކޮވިޑް ޖެހިފައި ތިބި މީހުންނެވެ.

ރަސްމީ ހިސާބުތައް ދައްކާ ގޮތުގައި އުތުރު ކޮރެއާގައި 4.13 މިލިއަން މީހުންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އަދި 4.01 މިލިއަން މީހުން ވަނީ މިބަލިން ރަނގަޅުވެފަ އެވެ. ކޮވިޑް ޖެހިގެން މީހަކު ވަރުވި ކަމަށް ރެކޯޑްކޮށްފައި ވަނީ މެއި 13 ގައެވެ.

މުޅި ދުނިޔެއަށް ކޮވިޑް ފެތުރިގެން ދިޔައިރު ވެސް އުތުރު ކޮރެއާގައި ކޮވިޑު ނޫޅޭ ކަމަށް އެ ގައުމުން އޮތީ ބުނެފަ އެވެ. ކޮވިޑް ޖެހިގެން ހަމަ އެކަކު ވެސް ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހިފައި ނުވާ ކަމަށް ވެސް އެ ގައުމުން ބުންޏެވެ.

އެހެން ނަމަވެސް، މުޅި ދުނިޔެ ކޮވިޑަށް ފަރިތަވެ އެ ބައްޔާއެކު އުޅެން ދަސްކުރި ފަހުން އުތުރު ކޮރެއާގައި ކޮވިޑް އުޅޭ ކަމަށް ރަސްމީ އިދާރާތަކުން ވަނީ ބުނެފަ އެވެ. އެކަން އިއުލާންކުރި ފަހުން ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ކޮވިޑްގައި މަރުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކޮވިޑުން އަރައިގަތުމަށް އެހީތެރިކަން ދެވިދާނެ ކަމަށް އެމެރިކާ އާއި ދެކުނު ކޮރެއާއިން ބުނި ނަމަވެސް އެކަމާ ބެހޭ ގޮތުން އުތުރުން ވާހަކައެއް ނުދައްކަ އެވެ. ބެލެވޭ ގޮތުގައި ބޭރު ގައުމުތަކުން ފޯރުކޮށްދޭ އެހީތެރިކަން އުތުރުން ބަލައިގަނެ އެވެ.