ކޮވިޑް ވެކްސިންގެ މައްސަލާގައި ފައިޒާ އާއި ބަޔޮންޓެކް ގޮވައިގެން މޮޑާނާ ކޯޓަށް ހިނގައްޖެ އެވެ.
ދުނިޔެއަށް ކޮވިޑް ފެރިތުގަތްތަނުން އެންމެ ފުރަތަމަ ކޮވިޑަށް ވެކްސިނެއް އީޖާދުކުރީ ޖަރުމަނުގެ ބަޔޮންޓެކުންނެވެ. މި ވެކްސިން ގަނޑުކޮށް އުފައްދައި ދުނިޔޭގެ މާކެޓަށް ނެރުނީ އެމެރިކާގެ ފައިޒާ ކުންފުނިންނެވެ.
ފައިޒާ އާއި ބަޔޮންޓެކާ ދެކޮޅަށް މޮޑާނާ އިން ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ބުނެފައިވާ ގޮތުގައި ކޮވިޑް ވެސްކިން އުފައްދަން ފައިޒާ އާއި ބަޔޮންޓެކުން ބޭނުންކުރި "އެމްއާރްއެންއޭ" ޓެކްނޮލޮޖީ އަކީ މޮޑާނާގެ ފިކުރީ މުދަލެކެވެ.
އަދި އެ ޓެކްނޮލޮޖީއަށް ބިނާކޮށް މޮޑާނާގެ ހުއްދައެއް ނެތި ވެކްސިން އުފެއްދުމާއި އިތުރު އެއްވެސް ބައްޔަކަށް ފަރުވާއެއް ހޯދުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އެހެންކަމުން ފިކުރީ މުދަލުން ވައްކަން ކުރުމުގައި ފައިޒާ އާއި ބަޔޮންޓެކް ބައިވެރިވެފައިވާތީ އެ ދެ ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހެޅީ ކަމަށް ބުނެފައިވެ އެވެ.
މޮޑާނާއިން ފައިޒާ ގޮވައިގެން ދަނީ އެމެރިކާގެ ކޯޓަކަށެވެ. ބަޔޮންޓެކް ގޮވައިގެން ދަނީ ޖަރުމަނުގެ ކޯޓަކަށެވެ.
މޮޑާނާ ބުނާ ގޮތުން ކޮވިޑް ލައިގަތުމުގެ ކުރިންވެސް އެ މީހުންގެ އަތުގައި އެ ޓެކްނޮލޮޖީ އޮތެވެ. އެހެންނަމަވެސް، ފައިޒާ އާއި ބަޔޮންޓެކުން ވެކްސިން ކޯޑް ވަގަށް ނެގި ގޮތެއް މޮޑާނާ އިން ހާމަކޮށްފައެއް ނުވެ އެވެ.
ބަޔޮންޓެކުން ބުނާ ގޮތުން މޮޑާނާއިން މައްސަލަތަކެއް އުފައްދައިގެން އުޅޭކަން އެނގެ އެވެ. އެހެން ނަމަވެސް ބަޔޮންޓެކް އަށް ނިސްބަތްކުރެވޭ ހުރިހާ އުފެއްދުމަކީ ކުންފުނީގެ ހައްގެއް ކަމަށާއި ބޭރު ބައެއްގެ ވިސްނުމެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ.
މޮޑާނާ ބުނާ ގޮތުން ވިސްނުމަކީ މާކެޓްގައި ހުރި ވެކްސިންތައް ވިއްކުން ހުއްޓުވުމެއް ނޫނެވެ. އެހެން ނަަމަވެސް ލިބުނު ގެއްލުމަށް ބަދަލު ބޭނުން ކަމަށް ވަނީ ބުނެފަ އެވެ.
ބޭސް އުފައްދާ ކުންފުނިތަކުގެ މެދުގައި ބޮޑެތި މައްސަލަތަކެއް މިހާރު ވެސް އެބަ އުޅެ އެވެ. ކޮވިޑް ވެކްސިނާ ގުޅޭ ގޮތުން ފައިޒާ އާއި ބަޔޮންޓެކް އަށް އެކި ދިމަދިމާއިން މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ.
އަނެއްކޮޅުން މޮޑާނާ ގޮވައިވެން ވެސް ބަޔޮންޓެކުން ވަނީ ކޯޓަށް ގޮސްފަ އެވެ. އަދި މާ ނަން މަޝްހޫރު ނޫން ކުންފުންޏަކުން ވެސް މޮޑާނާއާ ދެކޮޅަށް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ.