ދެކުނު އެފްރިކާއިން ފެނިގެން އުޅޭ ކޮވިޑްގެ އާ ވައްތަރު މަތަ ކުރުމުގައި ބަޔޮންޓެކް ވެކްސިން ކުޅަދާނަ މިންވަރު އަދި ކަނޑައަޅަން ނޭނގޭ ކަމަށް ބަޔޮންޓެކުން ބުނެފި އެވެ. ބަޔޮންޓެކުން ބުނި ގޮތުން ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ވަކި ގޮތެއް ނިންމޭވަރު ވާނެ އެވެ.
ދުނިޔޭގައި ކޮވިޑް ފެތުރެން ފެށި ފަހުން ދޭތެރެ ދޭތެރެއިން އާ ވައްތަރުތައް އަންނަނީ ފާޅުވަމުންނެވެ. އަނެއްކޮޅުން އާ ވައްތަރުތަކަށް ހުރަސް އެޅުމުގައި ބަޔޮންޓެކް ވެކްސިން ބޮޑު ޕަސެންޓަކުން ކާމިޔާބު ހޯދާފައި ވެސް ވެއެވެ.
ބަޔޮންޓެކުން ބުނީ ކޮވިޑްގެ އާ ވައްތަރުތަކާ މެދު ދުނިޔެ އޮތް ކަންބޮޑުވުން އެނގޭ ކަމަށެވެ. އެހެން ނަމަވެސް މިހާރު ދެކުނު އެފްރިކާއިން ފެނިގެން އުޅޭ އާ ވައްތަރުގެ ސައްހަ ސާމްޕަލްތައް ތަހުލީލު ކުރުމަށް ފަހު ނޫނީ ވެކްސިނާ މެދު ބަހެއް ބުނަން ދަތި ކަމަށެވެ.
ބަޔޮންޓެކުން އާންމު ކުރި ބަޔާނެއް ބުނާ ގޮތުން ދެކުނު އެފްރިކާ ވޭރިއަންޓާ މެދު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ކަންބޮޑުން ވެސް އެބަ އޮތެވެ. އަދި ބުނީ ގައުމުތަކުން ލިބޭ ރިޕޯޓްތަކަށް ބަލާއިރު ދެކުނު އެފްރިކާ ވޭރިއަންޓްގައި، މީގެ ކުރީ ވައްތަރުތަކުން ފެނިފައި ނެތް އަލާމަތްތަކެއް ހުރި ކަމަށެވެ.
ދެކުނު އެފްރިކާ ވޭރިއަންޓް ގުޑުވާލުމަށްޓަކައި ވެކްސިނަށް މި ފަހަރު އިތުރު ބަދަލުތަކެއް ގެންނަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވެސް ބަޔޮންޓެކުން ވަނީ ބުނެފަ އެވެ.
ބަޔޮންޓެކުން ބުނި ގޮތުގައި ވެކްސިނަށް އިތުރު ބަދަލެއް ގެންނަން ޖެހުނު ނަމަވެސް އެކަމަށް ތައްޔާރު ކަމަށެވެ. އަދި ބުނީ ވެކްސިންގެ އާ ޝިޕްމަންޓްތައް ހައެއްކަ ހަފުތާ ތެރޭގައި ފައިޒާއަށް ސަޕްލައި ކުރަން ފެށޭނެ ކަމަށެވެ.