ދުނިޔެ

އިންޑިއާގެ ސްޓޭޓެއްގައި ސްވައިން ފްލޫ ބާރު މިނުގައި ފެތުރެނީ

Mar 14, 2017

އިންޑިއާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ މަހާރާޝްތުރާގައި ސްވައިން ފުލޫ ނޫނީ އެޗް1އެން1 ޖެހިގެން މި މަހުގެ މިހާތަނަށް 16 މީހުން މަރުވެއްޖެ އެވެ.

ދަ ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ މިމަހު މަރުވި މީހުންނާއި އެކު އެ ސްޓޭޓްގައި ސްވައިން ފުލޫ ޖެހިގެން މިއަހަރު މަރުވި މީހުންގެ އަދަދު 26 އަށް އަރާފައިވާ ކަމަށެވެ. މަހާރާޝްތުރާގައި އެބައްޔަށް ޕޮޒިޓިވް ވެފައިވާ 101 މީހުން ތިބި އިރު އޭގެ ތެރެއިން ނުވަ މީހެއްގެ ހާލު ވަރަށް ސީރިއަސްއެވެ. ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 50 މީހުންނަކީ އާބާދީ ބޮޑު ޝަހަރެއްކަމަށްވާ ޕޫނާގެ މީހުންނެވެ. އަދި 13 މީހުންނަކީ ޕިމްޕްރީ ޗިންޗުވާޑްމީހުންނެވެ. އަދި 11 މީހުންނަކީ ނާޝިކްގެ މީހުންނެވެ. އަދި ކޮއްލަ ޕޫރާއި އައުރަންއާބާދާ ދެރަށުން ކޮންމެ ރަށަކުން ހަތަރު މީހުންނެވެ.

ސްވައިން ފުލޫ ފެތުރެމުން ދާތީ އިންޑިއާގެ ސިއްހަތާ ބެހޭ އިދާރާތަކުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ މެދު ރައްޔިތުންނަށް އިރުޝާދު ދެމުންނެވެ. އެބައްޔަށް ޝައްކުކުރެވިގެން 349000 މީހުން ވަނީ ޓެސްޓްކޮށްފައެވެ. ސްވައިން ފުލޫ އިތުރުވެގެން އުޅެނީ ރޭނގަނޑާއި ދުވާލުގެ ފިނިހޫނުމިން މާބޮޑަށް ތަފާތުވުމުން ކަމަށް އިންޑިއާގެ ސިއްހަތާ ބެހޭ މާހިރުން ލަފާކުރައްވައެވެ.