ހަބަރު

ޖެނުއަރީގައި 105 ކުއްޖަކަށް އަނިޔާ ލިބިގެން ހުށަހެޅި

ކުޑަކުދިންނަށް އަނިޔާކޮށްގެން މިދިޔަ ޖެނުއަރީ މަހު ޖެންޑާ މިނިސްޓްރީއަށް 105 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ. ޖެންޑާ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ޖެނުއަރީ މަހު އެ މިނިސްޓްރީއަށް 256 މައްސަލައެއް ހުށަހެޅި އެވެ. އޭގެ ތެރެއިން 105 މައްސަލައަކީ ކުޑަކުދިންނަށް އެކިކަހަލަ އަނިޔާތައް ލިބިގެން ހުށަހަޅާފައިވާ މައްސަލަތަކެވެ.

ޖެނުއަރީ މަހު 105 ކުއްޖަކަށް އަނިޔާ ލިބިފައިވާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ޖިންސީ އަނިޔާގެ މައްސަލަތަކެވެ. އެއީ 34 މައްސަލައެކެވެ. ދެވަނަ އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް އަޅާނުލުމުގެ މައްސަލަތަކެވެ. އެފަދަ 21 މައްސަލައެއް ޖެނުއަރީ މަހުގެ ތެރޭގައި ހުށަހަޅާފައިވެ އެވެ.

ކުޑަކުދިންނަށް އަނިޔާކޮށްގެން 105 މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ގިނައީ ފިރިހެން ކުދިންނަށް އަނިޔާކޮށްގެން ހުށަހެޅި މައްސަލަތަކެވެ. އެގޮތުން އަނިޔާ ލިބިގެން 57 ފިރިހެން ކުއްޖެއްގެ މައްސަލަ ހުށަހެޅިއިރު 48 އަންހެން ކުއްޖެއްގެ މައްސަލަ ވެސް ހުށަހަޅާފައި ވެއެވެ.

ކުޑަކުދިންގެ ހައްގުތަކަށް އަރައިގެނެގެން ވެސް ހަތް މައްސަލައެއް ހުށަހަޅާފައިވެ އެވެ. އެގޮތުން ސްކޫލަށް ފޮނުވުމަށް ދެކޮޅު ހެދި ދެ މައްސަލައަކާއި ތައުލީމު ފޯރުކޮށްދިނުމަށް ދެކޮޅު ހެދި ދެ މައްސަލައެއް ހިމެނެ އެވެ. އޭގެ އިތުރުން ވިހެއުމަށްފަހު ރަޖިސްޓްރީ ކުރަން ދެކޮޅު ހެދި މައްސަލައަކާއި ކާކުކަން އަންގައިދޭ ލިޔުމެއް ހައްދައިދިނުމަށް ދެކޮޅު ހެދި މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ.

ޖެންޑާ މިނިސްޓްރީއަށް ޖެނުއަރީ މަހުގެ ތެރޭގައި އިހުމާލުވެގެން ވެސް 22 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އެއީ، ދުވަސްވީ މީހުންނަށް އަޅާނުލި ފަސް މައްސަލައަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަޅާނުލި 17 މައްސަލައެކެވެ.

މީގެއިތުރުން ގެވެށި އަނިޔާގެ 36 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ރޭޕްގެ ދެ މައްސަލައަކާއި ޖިސްމާނީ އަނިޔާގެ 16 މައްސަލައަކާއި ޖިންސީ އަނިޔާގެ ދެ މައްސަލައެއް ހިމެނެ އެވެ.