ދުނިޔެ

އެމެރިކާއަށް ދާއިރު ބޯޓްގައި ފޯނަށްވުރެ ބޮޑު އާލާތެއް ގެންގުޅުން 13 ގައުމަކަށް މަނާ

އެމެރިކާއަށް ދަތުރުކުރާ އިރު މަތިންދާބޯޓްގެ ކެބިންގެ ތެރޭގައި މޯބައިލް ފޯނަކަށް ވުރެ ބޮޑު އެއްވެސް އާލާތެއް ގެންގުޅުން 13 ގައުމެއްގެ މީހުންނަށް މަނާކޮށްފި އެވެ.

ދަ ގާޑިއަން ނޫހުން މިއަދު ބުނީ އެމެރިކާ ސަރުކާރުން އެފިޔަވަޅު އަޅާފައި ވަނީ ސިއްރުން ކަމަށެވެ. އެމެރިކާގެ ޓްރާންސްޕޮޓޭޝަން ސޭފްޓީ އެޑްމިނިސްޓްރޭޝަން (ޓީއެސްއޭ) އިން އެ އިރުޝާދު ގައުމުތަކުގެ އެއާލައިންތަކަށް ފޮނުވާފައި ވަނީ ސިއްރު ލިއުމެއްކަން ބަޔާންކޮށް އީމެއިލް މެދުވެރިކޮށް ކަމަށް އެ ނޫހުން ބުންޏެވެ.

އެ އެންގުމުގެ ސަބަބުން އެގައުމުތަކުގެ މީހުން އެމެރިކާއަށް ވައިގެ މަގުން ދަތުރުކުރާ އިރު ލެޕްޓޮޕާއި އައިޕެޑާއި ކިންޑުލް ފަދަ ތަކެތި އަތްމަތިން ގެންދިއުން މަނާވާނެ އެވެ.

އެމެރިކާ ސަރުކާރުން އެގޮތަށް އެންގި އެއާލައިން ތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ސައުދިއާ އެއާލައިންސްއާއި އުރުދުންގެ ރޯޔަލް ޖޯޑާނިއަން އެއާލައިންސް ހިމެނެ އެެވެ. ސާކިއުލާއެއްގެ ގޮތުގައި ފޮނުވާފައި އެ އުސޫލަށް އަމަލުކުރަން ފެށުމަށް އެމެރިކާ ސަރުކާރުން ދީފައި ވަނީ 96 ގަޑި އިރެވެ.

ގަވައިދާ ބެހޭ ގޮތުން ބަހެއް ހޯދަން ގާޑިއަން ނޫހުން ޓީއެސްއޭ ގުޅުމުން އެތަނުން އިރުޝާދު ދިނީ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއަށް ގުޅުމަށް ކަމަށާއި އެ ފަދަ ގަވައިދެއް އޮތްކަން ނުވަތަ ނެތްކަން ވެސް ހޯމްލޭންޑް ސެކިއުރިޓީ ކަށަވަރު ނުކޮށްދޭ ކަމަށް އެ ނޫހުން ބުންޏެވެ. ނަމަވެސް އެފިޔަވަޅު އަޅާފައިވާ ކަން އެމެރިކާ އޮފިޝަލުން އިއްޔެ ރޮއިޓާސް އަށް ވަނީ ކަށަަވަރުކޮށްދީފައެވެ. ބުނެފައި ވަނީ އެއީ ޓެރަރިޒަމްގެ ނުރައްކަލެއް ކުރިމަތިވެގެން އެޅި ފިޔަވަޅެއް ކަމަށާއި އެކަން އަންގާރަ ދުވަހު އިއުލާން ކުރާނެ ކަމަށެވެ.

ސިއްރު ލިއުމެއްގެ ގޮތުގައި ފޮނުވާފައިވާ އިރުޝާދު ރޯޔަލް ޖޯޑާނިއަން އެއާލައިނުން ވަނީ ސޯޝަލް މީޑިއާ ޓްވިޓާގައި އާއްމުކޮށްފައެވެ. އެލިއުން އާއްމު ކުރަން އިއްޔެ ކުރި ޓްވީޓް އެ އެއާލައިނުން ޑިލީޓްކޮށްފގައި ވަނީ ވަރަށް ގިނަ އިރު ވީފަހުންނެވެ.