ސްވައިން ފްލޫ

ހުއްދަ ނެތި އިންފުލުއެންޒާ ވެކްސިން އެތެރެ ނުކުރަން އަންގައިފި

ހަލުވިކަމާއެކު ސްވައިން ފްލޫ ފެތުރެމުންދާތީ ރާއްޖެ އަންނަ ބައެއް ފަތުރުވެރިން ވެކްސިން އެތެރެ ކުރަމުންދާ ކަމަށާއި ހުއްދަ ނެތި އެކަން ނުކުރުމަށް ހެލްތު މިނިސްޓްރީއިން ގޮވާލައިފި އެވެ.

ހެލްތު މިނިސްޓްރީއިން މިއަދު ނެރުން އިއުލާނެއްގައި ބުނެފައި ވަނީ ވެކްސިން ގެނައުމުގައި އަމަލު ކުރަންޖެހޭ މިންގަޑުގައިވާ ގޮތުން އިންފްލުއެންޒާ ވެކްސިން އަކީ އުފައްދާ ވަގުތުން ފެށިގެން ވެކްސިން ބޭނުން ކުރުމާއި ހަމައަށް ވަކި ފިނިހޫނުމިނެއްގައި ހިފަހައްޓަން ޖެހޭ އެއްޗެއް ކަމަށާއި އެ ނޫން ގޮތަކަށް ގެންގުޅެފި ނަމަ ހަލާކުވެ ސިއްހަތަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އަދި އެ ޕެކްކުރުމާއި ގެންގުޅުމުގެ އެއްވެސް މަރުހަލާ އެއްގައި ވެކްސިން އަށް ގެއްލުމެއްވާ މިންވަރަކަށް ފިނިހޫނުމިނަށް ބަދަލު އަތުވެއްޖެނަމަ، އެކަން އެނގޭނެ ޑިވައިސްއެއް އެޕެކްގައި ނުވަތަ ކޮންޓެއިނަރ ގައި ހިމެނެންވާނެ ކަމަށެވެ.

އެހެންކަމުން ވެކްސިންގެ ރައްކާތެރިކަން ކަށަވަރުނުވާ ފަދަ ގޮތްގޮތަށް އެކަމުގެ ހުއްދަ ނެތި ވެކްސިން ރާއްޖެއަށް އެތެރެ ނުކުރުމަށާއި މިފަދަ އެފަދަ ގޮތަކަށް އެތެރެކޮށްފައި ހުރި ވެކްސިން ބޭނުން ނުކުރެއްވުމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެޗްޕީއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 437 މީހަކު ސްވައިން ފްލޫއަށް ޓެސްޓުކޮށް އޭގެ ތެރެއިން 155 މީހުން ވަނީ އެ ބައްޔަށް ޕޮސިޓިވްވެފަ އެވެ. އަދި އެ ބަލި ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ ތިން މީހެކެވެ.