ލައިފްސްޓައިލް

އަންހެނުންނަށް ކަމުދަނީ ލަދުރަކި ފިރިހެނުން، މީތެދެއް؟

Mar 22, 2017
5

"ތިހާ ލަދުރަކިވެގެން ފިރިހެނަކަށް ނުވާނެއޭ" މިއީ ލަދުން އުޅޭ ފިރިހެނުންނާ ދިމާލަށް ވަރަށް ގިނަ މީހުނަށް ބުނެވޭ ޖުމްލައެކެވެ. ގިނަ މީހުންނަށް ގަބޫލުކުރެވިފައި އޮންނަނީވެސް އެހެންނެވެ. ފިރިހެނެއް ވެއްޖެޔޭ ވަރަށް ކެރެން ޖެހޭނެ އެވެ. ހާއްސަކޮށް ލޯބީގެ ކަންތައްތަކުގަ އެވެ. ލަދުން ބުނަން ނުކެރި ހުއްޓާ އެ ލޯބި ޖަހައިގަނެގެން އެހެން މީހުން ދާ ފަހަރުވެސް މަދެއް ނޫނެވެ.

ކަން މިހެން އޮތް ނަމަވެސް ބައެއް އަންހެނުންނަށް ލަދުރަކި ފިރިހެނުން މާ ކަމުދެ އެވެ. ޖެހިލުން ކުޑަ ކެރޭ ފިރިހެނާއާ ވާދަކޮށް ލަދުރަކި ފިރިހެނާ އަންހެން ކުއްޖާ ކާމިޔާބުކޮށްފައި ވެސް އެބަހުއްޓެވެ. އަންހެނުންނަށް ލަދުރަކި ފިރިހެނުން ކަމުދަނީ ބައެއް ސަބަބުތަކާއި ހެދި އެވެ.

އާންމުކޮށް އަންހެނުން ދައްކާ ވާހަކަ އަޑުއެހުމަކީ ފިރިހެނުންނަށް ވަރަށް އުނދަގޫ ކަމެކެވެ. އަންހެނުން ދައްކާނީ ބޭކާރު ކުނި ވާހަކަތައް ކަމަށް ގިނަ ފިރިހެނުންނަށް ގަބޫލު ކުރެވެނީ އެވެ. އެކަމަކު އާންމުކޮށް ލަދުރަކިކޮށް އުޅޭ ފިރިހެނުންނަކީ ވާހަކަ ދެއްކުމުގެ ބަދަލުގައި ވާހަކަ އަޑުއަހާ ބައެކެވެ. ކިތަންމެ ގިނަ އިރެއް ވަންދެން ވާހަކަ ދެއްކިއަސް ފޫހިކަމެއް ނެތި އެމީހުން އަޑުއަހާނެ އެވެ. އަދި އެ ވާހަކަ އަޑުއަހާ އަންހެން މީހާގެ ކަންބޮޑުވުމުގައި ބައިވެރިވެ އޭނާގެ ހިޔާލުވެސް ފާޅުކުރާނެ އެވެ.

އެގޮތަށް ދައްކާ ހުރިހާ ވާހަކައެއް އެމީހުންގެ ހަނދާނުގައިވެސް ބަހައްޓަ އެވެ. އަންހެން ކުއްޖާއަށް ކަމުދާ ކުލަ އާއި އެހެން ގޮސް ހުރިހާ ކަމެއް ހަނދާނުގައި ހުރެ އެވެ. އަންހެނުންނަށް އެންމެ ކަމުދާ ސިފަ އަކީ އެއީ އެވެ. އެމީހުން ދައްކާ ވާހަކަ އަޑުއަހާ އެ ވާހަކަތައް ހަނދާނުގައި ހުންނަ ކަހަލަ މީހުންނަނީ އަންހެނުންގެ "ޑްރީމީ ޕްރިންސް" އެވެ.

އަންހެން ކުއްޖާ ވާހަކަ ދައްކަ ދައްކާ ހުއްޓާ އެ ވާހަކަ މެދުކަނޑާލާފައި މި މީހުން ވާހަކައެއް ނުދައްކާނެ އެވެ. އަންހެން ކުއްޖާ ވާހަކަ ދައްކާ ނިމެންދެން މަޑުކުރާނެ އެވެ. ވާހަކަ ދައްކާ ނުނިމެނީސް މެދުކަނޑާލާފައި އެހެން ވާހަކައެއް ފެށުމަކީ އެވާހަކައަށް ސަމާލުކަން ނުދޭ ކަމުގެ ހެއްކެކެވެ.

ލަދުރަކި ފިރިހެނުންގެ ހާއްސަ އަނެއް ސިފައަކީ އާންމުކޮށް އެމީހުންނަކީ މާ ސުވާލު ގިނަ ބަޔަކަށް ނުވެ އެވެ. ކުރާ ކޮންމެ ކަމެއްގައި އަމިއްލަ އަށް އިސްނަގައިގެން ބައިވެރިވެ އެއްވެސް ސުވާލެއް އަދި ޝަކުވާއެއް ނެތި ކޮށްދެ އެވެ. އެއީ އަންހެން ކުއްޖާގެ ބެސްޓްފްރެންޑްގެ އުފަން ދުވަހަށް ކަޕްކޭކް ތަކެއް ހަދަން ވިޔަސް އެވެ.

އެކަމަކު އެމީހުންނަކީ އަބަދު އަބަދު އަނގައިން ލޯބިވެއޭ ބުނާނެ ބައެއް ނޫނެވެ. އެހެން ބުނަން ނުކެރެނީ ކަމަށް ވެދާނެ އެވެ. އެކަމަކު އެކަން އަމަލުން ދައްކާނެ އެވެ. މިސާލަކަށް ކުޑަކުޑަ މަލެއް ގެނެސްދީފާނެ އެވެ. ގެއަށް އަންނަން ވާއިރަށް ކުދިކުދި ނޯޓްކޮޅު ކޮޅު ކޮޓަރީގައި ތަތްކޮށްލާފައި ބަހައްޓާފާނެ އެވެ. އެކަހަލަ ކުދި ކުދި ކަންކަމުން ލޯބި ދައްކައިދޭނެ އެވެ.