ލައިފްސްޓައިލް

މެސީގެ ކައިވެނި ޕާޓީއަށް ރޮނާލްޑޯ ގެންދާނެތަ؟

Mar 22, 2017

ދުނިޔޭގެ އެންމެ މައްޝޫރު ދެ ކުޅުންތެރިން ކަމަށްވާ، ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ދެމެދު ފުޓުބޯޅަ މެޗެއްގެ ތެރޭގައި އޮންނަ ވާދަވެރިކަން އާންމު ދިރިއުޅުމުގައި ވެސް އޮވެދާނެ ކަމަކީ އެ ދެ ކުޅުންތެރިންގެ ސަޕޯޓަރުންގެ މެދުގައި އުފެދިފައިވާ ބޮޑު ސުވާލެކެވެ. އަދި އެ ސުވާލު އެންމެ ބޮޑަށް އުފައްދަން ފެށީ މެސީއާއި އޭނާގެ ލޯބިވެރިޔާ އެންޓޮނެލާ ރޮކޫޒޯ މި އަހަރު ތެރޭގައި ކައިވެނި ކުރަން އުޅޭ ވާހަކަ ފެތުރުމާއެކު ގައެވެ. އެގޮތުން މެސީގެ ކައިވެންޏަށް ރޮނާލްޑޯއަށް ދައުވަތު ދޭނެ ކަމާމެދު ސުވާލު އުފައްދާ މުޅި ސޯޝަލް މީޑިއާގައި މިހާރު އޮތީ އެ ވާހަކައެވެ.

ބާސިލޯނާއަށާއި ރިއާލް މެޑްރިޑުގެ ސަޕޯޓަރުން ދެމެދު ސޯޝަލް މީޑިއާގައި އޮންނަ ކޯޅުންގަނޑުގެ ތެރެއަށް މި ބޮޑު ސުވާލެއް "ވައްޓާލި" އިރު ދާދި ފަހުން ވަނީ ބާސެލޯނާގެ ޑިފެންޑަރު ޕީކޭއަށް ދައުވަތު ނުލިބޭ އަޑު ފެތުރިފަ އެވެ. އެއީ އެންޓޮނެލާއާ ޕީކޭގެ އަންހެނުން، މައްޝޫރު ލަވަ ކިޔުންތެރިޔާ ޝަކީރާއާ ދެމެދު އެހާ ރަނގަޅު ގުޅުމެއް ނޯންނާތީ ކަމަށް އޭރު ބުނަމުން ދިޔައެވެ.

ނަމަވެސް މެސީގެ ގާތް ރައްޓެއްސެއް އަދި ކައިވެނި ޕާޓީގެ ކަންކަން ރޭވުމުގައި އުޅޭ މީހަކު ހާމަކޮށްފައިވާ ގޮތުގައި ދަނޑުމަތީގައި މެސީއާއި ރޮނާލްޑޯ ދެމެދު ވާދަވެރިކަން އޮތަސް އެ ދެ ކުޅުންތެރިންނަކީ ގާތް އެކުވެރިން ކަމަށާއި އަދި މެސީގެ ކައިވެންޏަށް ރޮނާލްޑޯއަށް ދައުވަތު ދީފައިވާ ކަމަށެވެ. މެސީއާ އެންޓޮނެލާ ކައިވެނި ކުރާ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.