ދުނިޔެ

ލެޕްޓޮޕާއި ޓެބްލެޓާއެކު އުދުހެން ޔޫކޭއިން ވެސް ބައެއް ގައުމުތަކަށް މަނާކޮށްފި

Mar 22, 2017

ވައިގެ މަގުން އިނގިރޭސިވިލާތަށް ދާ އިރު މަތިންދާބޯޓް ގެ ކެބިން ތެރޭގައި މޯބައިލް ފޯނަކަށް ވުރެ ބޮޑު އިލެކްޓްރޯނިކް އާލާތެއް ގެންގުޅުން އެގައުމުން މަނާކޮށްފިއެވެ.

މުސްލިމުން ގިނަ ހަގައުމެއްގެ މީހުންނަށް އިނގިރޭސިވިލާތުން މި ފިޔަވަޅު އަޅާފައި މިވަނީ އެފަދަ 13 ގައުމެއްގެ މީހުންނަށް އެމެރިކާއިން ހަމަ މި ފިޔަވަޅު އަޅާފައި ވަނިކޮށެވެ. އިނގިރޭސިވިލާތުން މަނާކޮށްފައި ވަނީ ތުރުކީ، ލުބުނާނު، އުރުދުން، މިސްރު، ތޫނިސް އަދި ސައުދީ އަރަބިއްޔާއިން އެގައުމަށްދާ ޑައިރެކްޓް ފްލައިޓްތަކުން ދަތުރުކުރާ އިރު މޯބައިލް ފޯނަށް ވުރެ ބޮޑެތި އިލެކްޓްރޯނިކް އާލާތްތައް އަތް މަތިން އުފުލުމެވެ.

ދަ ގާޑިއަން ނޫހުން އިއްޔެ ބުނީ އިނގިރޭސި ސަރުކާރުން އެއާލައިންތަކަށް އެކަން އަންގާފައި ވަނީ ހޯމަ ދުވަހު ކަމަށެވެ. އަދި ބުނީ އަންގާފައި ވަނީ އެ އުސޫލަށް ވަގުތުން އަމަލުކުރަން ފެށުމަށް ކަމަށެވެ.

އެގައުމުން އެޅި މިފިޔަވަޅުން ބްރިޓިޝް އެއާވޭސް، އީޒީޖެޓް، ޖެޓް2، މޮނާކް، ތޯމަސް ކުކް އަދި ތޮމްސަން އަށް އަސަރުކުރާނެއެވެ. އަދި މީގެ އިތުރުން އެގައުމަށް ދަތުރުކުރާ އެހެން ގައުމުތަކުގެ އަށް އެއާލައިނަކަށް ވެސް އެކަމުގެ އަސަރުކުރާނެއެވެ.

ދާ ގާޑިއަން ނޫހުން ބުނީ ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުން ވެސް އެ ފަދަ ފިޔަވަޅުތައް އަޅާނެ ކަަމަށް ބެލެވޭ ކަމަށެވެ.

އިނގިރޭސި ވިލާތުގެ ޓްރާންސްޕޯޓް ސެކްރެޓަރީ ކްރިސް ގްރޭލިން ވިދާޅުވެފައި ވަނީ އެމެރިކާއިން އެކަމުގައި އަމަލުކުރާގޮތް ދެނެގަތުމަށް އެގައުމާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެކަމާ ބެހޭ ގޮތުން ޕާލަމެންޓަށް ފޮނުއްވި ލިޔެފައިވާ ބަޔާނެއްގައި އޭނާ ވިދާޅުވެފައި ވަނީ އެ ފިޔަވަޅުގެ ސަބަބުން ހިތްހަމަ ނުޖެހުން އުފެދޭނެކަން އެނގިވަޑައިގަންނަވާ ކަމަށާއި ސަރުކާރުން އިސްކަން ދެނީ ރައްޔިތުންގެ ސަލާމަތަށް ކަަމަށެވެ.