ދުނިޔެ

ޔަމަނުގެ ހޫސީންނަށް އީރާނުގެ މަދަދު އިތުރުކޮށްފި

Mar 22, 2017

ޔަމަނުގެ ބޮޑު ބަޔަކަށް ވެރިވެގަނެގެން އުޅޭ ހޫސީ ދަރިކޮޅުގެ ހަނގުރާމަވެރިންނަށް އީރާނުން މަދަދުދޭ މިންވަރު އިތުރުކޮށްފި އެވެ.

ރޮއިޓާސް ބުނީ ޒަމާނީ ހަތިޔާރާއި އިރުޝާދުދޭ މީހުން ހޫސީންނަށް އީރާނުން ފޮނުވަމުން ގެންދާ ކަމަށެވެ.

ޔަމަނުގެ ހަނގުރާމައިގެ ހާލަތު އިނގޭ، ނަން ހާމަ ނުކުރާ މަސްދަރުތަކަކާ ހަވާލާދީ އެ އެޖެންސީން ބުނީ ޔަމަނުގައި ދެ އަހަރު ވެފައިވާ ހަނގުރާމައިގައި އީރާނުގެ ދައުރު ފުޅާކޮށް ހަތިޔާރާއި އެހެނިހެން ވަސީލަތްތަކުން ހޫސީންނަށް މަދަދު ދިނުން މިދިއަ މަސްތަކުގައި އިތުރުކޮށްފައިވާ ކަމަށެވެ.

އީރާނުގެ އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވެފައި ވަނީ ހޫސީންނަށް މަދަދު ދިނުމަށް މަޝްވަރާކުރަން އެގައުމުގެ ރިވޮލިއުޝަނަރީ ގާޑްގެ ކޮމާންޑަރެއް ކަމަށްވާ ގާސިމް ސުލައިމާނީ މިދިޔަ މަހު ރިވޮލިއުޝަނަރީ ގާޑްގެ އެހެން އޮފިޝަލުންނާ އެކު ތެހެރާންގައި ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

"މި ބައްދަލުވުމުގައި އެއްބަސްވި، ތަމްރީނާއި ހަތިޔާރާއި ފައިސާގެ ގޮތުން ދޭ އެހީތެރިކަން އިތުރުކުރަން،" ރޮއިޓާސްއާ ވާހަކަ ދެއްކި އީރާނު އޮފިޝަލް ބުނެފައި ވެއެވެ.

ބައިނަލް އަގުވާމީ ގޮތުން ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރާއި ހޫސީންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި އަވަށްޓެރި ސައުދީ އަރަބިއްޔާއިން ވެސް ބައިވެރި ވެއެވެ. އެގޮތުން ސައުދީން އިސްވެ އޮވެ އުފައްދާފައިވާ އަރަބި އިއްތިހާދުން ހޫސީންނާ ދެކޮޅަށް ދަނީ ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. އީރާނާ ސައުދީ އާ ދެމެދު ހިނގާ ނުސީދާ ހަނގުރާމައަކަށް ވެފައިވާ އެ ހަނގުރާމައިގައި އީރާނުން ހޫސީންނަށް މަދަދު ދޭ ކަމަށް ސައުދީން ކުރިން ވެސް ވަނީ ތުހުމަތު ކޮށްފައެވެ.

އަރަބި އިއްތިހާދުގެ ތަރުޖަމާނެެއް ކަމަށްވާ ބްރިގޭޑިއާ ޖެނެރަލް އަހުމަދު އަސީރީ ވިދާޅުވެފައި ވަނީ އީރާނުން ހޫސީންނަށް މަދަދުދޭ ކަމުގެ ހެކި އެބަހުރި ކަމަށެވެ. ހޫސީ ހަނގުރާމަވެރިން ބުނެފައި ވަނީ އީރާނުން އެމީހުންނަށް މަދަދުދޭ ކަމަށް ސައުދީން ތުހުމަތު ކުރަނީ ސައުދީ ސިފައިންނަށް އެމީހުން ބަލި ނުކުރެވޭތީ އެކަމަށް ބަހަނާއެއް ދައްކަން ކަމަށެވެ.