ދުނިޔެ

ބޯޓް ތެރޭގައި ލެޕްޓޮޕް ނުގެންގުޅެވޭ ގޮތް ހެދީ އައިއެސްގެ ނުރައްކަލާ ހެދި

ބައެއް ގައުމުތަކުން އެމެރިކާއަށް ދަތުރުކުރާ މަތިންދާ ބޯޓްތަކުގެ ކެބިން ތެރޭގައި މޯބައިލް ފޯނަށް ވުރެ ބޮޑު އެއްވެސް އިލެކްޓްެރޯނިކް އާލާތެއް ނުގެންގުޅެވޭ ގޮތަށް އެމެރިކާ ސަރުކާރުން ގަވައިދެއް ހެދީ އެމެރިކާއަށް ދަތުރުކުރާ މަތިންދާ ބޯޓަކަށް އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފަރާތުން އަތުވެދާނެ ނުރައްކަލަކުން ސަލާމަތް ވުމަށް ކަމަށް އެމެރިކާގެ މަސްދަރުތަކަކުން ބުނެފި އެވެ.

އެމެރިކާ އޮފިޝަލުންތަކެއް އޭބީސީއަށް ބުނެފައި ވަނީ އިލެކްޓްރޯނިކް އާލާތްތަކުގެ ތެރޭގައި ގޮވާތަކެތި ފޮރުވައިގެން، އެމެރިކާއަށް ދަތުރުކުރާ މަތިންދާބޯޓްތަކަށް އެރުވުމަށް އައިއެސްއާއި އެ ޖަމާއަތުގެ ބައިވެރިން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު އެމެރިކާ ސަރުކާރަށް ލިބިފައިވާ ކަމަށެވެ.

ބައެއް ގައުމުތަކުން އެމެރިކާއަށް ދަތުރުކުރާ މަތިންދާބޯޓްތަކުގެ ދަތުރުވެރިން ގެންދާ މޯބައިލް ފޯނަކަށް ވުރެ ބޮޑެތި އިލެކްޓްރޯނިކް އާލާތްތައް އަތް މަތިން ގެންދިއުމުގެ ބަދަލުގައި ފޮށި ތަންމައްޗާއެކު ދޫކޮށްލަން ޖެހޭ ގޮތަށް ގަވައިދު ހެދީ އެހެންވެ ކަމަށް އެނޫހުން ބުންޏެވެ.

ނަމަވެސް އާ ގަވާއިދުގައި ހިމަނާފައިވާ މެދުއިރުމައްޗާއި އެފްރިކާގެ ބައެއް ގައުމުތަކަކީ ނުރައްކަލާ ބެހޭ ގޮތުން ލިބުނު މައުލޫމާތުގައި ނަން ފާހަގަކޮށްފައިވާ ގައުމުތަކެއް ނޫން ކަމަށް ވެސް އޭބީސީއާ ވާހަކަ ދެއްކި އޮފިޝަލުން ވިދާޅުވެފައި ވެއެވެ.

އެމެރިކާއިން އެޅި ފިޔަވަޅަށް ތަބާވެ، އިނގިރޭސިވިލާތުން ވެސް މިހާރު ވަނީ ބައެއް ގައުމުތަކުން އެގައުމަށް ދަތުރުކުރާ މަތިންދާބޯޓްތަކަށް އެ ގަވާއިދަށް އަމަލުކުރަން އަންގާފަ އެވެ.