ހަބަރު

ބާރަށު ނަރުދަމާ އަޅައިދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފި

ހއ. ބާރަށުގެ ނަރުދަމާ ގާއިމްކޮށްދޭނެ ފަރާތެއް ހޯދަން ސަރުކާރުން އިއްޔެ އިއުލާން ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވީ އެ ރަށުގެ ނަރުދަމާ ގާއިމްކޮށްދޭނެ ފަރާތެއް ހޯދަން މިހާރު އިއުލާންކޮށްފައިވާ ކަމަށާއި އެ މަޝްރޫއަކީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށް ގެންދާނެ ޕްރޮޖެކްޓަކަށްވުމުން މީގެ މަހެއްހާ ދުވަސް ކުރިން ވަނީ ނަރުދަމާ ގާއިމް ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ވެސް އިއުލާން ކޮށްފައި ވާނެ އެވެ.

"ކުރިޔަށް އޮތް ދެތިން މަހެއްހާ ދުވަސް ތެރޭގައި މި މަޝްރޫގެ އަމަލީ މަސައްކަތް ފަށާނެ. އެ ޔަގީންކަން މިހާރުވަނީ ލިބިފައި،" ޝުޖާއު ވިދާޅުވި އެވެ.

ބާރަށަކީ 2000 މީހުންގެ އާބާދީއެއް އޮންނަ ބޮޑު ރަށެކެވެ. ޝުޖާއު ވިދާޅުވީ ނަރުދަމާގެ ޕްރޮޖެކްޓަ ފަށަން ބަޔަކު ހޯދުމަށް އިއުލާނު ކުރުމާ ބާރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ.

ހއ ބާރަށުގެ އިތުރުން، އިތުރު 14 ރަށެއްގެ ނަރުދަމާ ގާއިމް ކޮށްދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ