ސްވައިން ފްލޫ

އޭޑީކޭގެ ފްލޫ ކްލިނިކްގެ ހިދުމަތް ހުއްޓާލައިފި

Mar 23, 2017

ސޯސަންގޭގައި ގާއިމުކުރި އޭޑީކޭ ހޮސްޕިޓަލްގެ ފްލޫ ކްލިނިކްގެ ހިދުމަތް ހުއްޓާލައިފި އެވެ. އޭޑީކޭ ފްލޫ ކްލިނިކް ހުޅުވީ، ހުމާއި ރޯގާއަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ދާ މީހުން އިތުރުވެގެނެވެ.

އޭޑީކޭއިން ފްލޫ ކްލިނިކްގެ ހިދުމަތް ހުއްޓާލަން ނިންމީ، އެ ކްލިނިކުން ފަރުވާ ހޯދާ މީހުންގެ އަދަދު ދަށަށް ދާން ފެށުމުންނެވެ.

އިއްޔެ އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އޭޑީކޭ ފްލޫ ކްލިނިކުން ހިދުމަތް ހޯދާފައިވަނީ، 108 މީހުންނެވެ. އޭގެ ތެރެއިން އެއްވެސް މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދޭކަށް ނުޖެހެ އެވެ. ފްލޫ ކްލިނިކް ހުޅުވިއިރު ކޮންމެ ދުވަހަކު ވެސް 200 އަށްވުރެ ގިނަ މީހުން އެ ކްުލިނިކުން ފަރުވާ ހޯދި އެވެ.

އޭޑީކޭގެ ފްލޫ ކްލިނިކްގެ ހިދުމަތް ފެށީ އެ ހޮސްޕިޓަލްގެ ޖެނެރަލް އޯޕީޑީ ހުއްޓާލުމަށްފަހު އެވެ. މިއަދު ފެށިގެން އޯފީޑީގެ ހިދުމަތް ލިބޭނެއިރު ހުމާއި ރޯގާއަށް ވެސް އޯޕީޑީއިން ފަރުވާ ލިބޭނެ އެވެ.

ފްލޫ ކްލިނިކްގެ ހިދުމަތް ހުއްޓާލި ނަމަވެސް ފްލޫ ވެކްސިން ޖަހައިދިނުމުގެ ހިދުމަތް އަދިވެސް އޭޑީކޭއިން ދޭނެ އެވެ. ފްލޫ ވެކްސިން ޖަހައިދެނީ މާބަނޑު މީހުންނަށާއި ކެންސަރު ބަލީގެ މީހުންނާއި ގުނަވަންތައް ބަދަލުކޮށްފައިވާ މީހުންނާއި ނޭވާލާ ނިޒާމުގެ ބައްޔަށް ދިގު މުއްދަތަކަށް ބޭސްކުރާ މީހުންގެ އިތުރުން ޑައަލިސިސް ހަދާ މީހުންގެ އިތުރުން 65 އަހަރުގެ މަތީ މީހުންނަށެވެ.

އައިޖީއެމްއެޗްއިން ތާޖުއްދީން ސްކޫލްގައި ގާއިމުކޮށްފައިވާ ފްލޫ ކްލިނިކުން އަދިވެސް ދަނީ ފަރުވާދެމުންނެވެ.