ދުނިޔެ

ޓްރަމްޕް ޓީމްގެ މުއާމަލާތްތައް ރިކޯޑްވެފައި ހުރީ ގަސްދަކާ ނުލައި

Mar 23, 2017

އެމެރިކާގެ ރިޔާއީ އިންތިހާބުގެ ކުރިން އެގައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްގެ ކެމްޕޭން ޓީމުން ކޮށްފައިވާ މުއާމަލާތްތަކާ ބެހޭ މައުލޫމާތްތައް ގަސްދަކާ ނުލައި ރެކޯޑް ކުރެވިފައިވާ ކަމަށް އެގައުމުގެ ޕާލަމެންޓް މެމްބަރެއް ކަމަށްވާ ޑެވިން ނޫނީސް ވިދާޅުވެއްޖެ އެވެ.

ރިޕްލިކަން ޕާޓީއަށް ނިސްބަތްވާ ނޫނީސްއަކީ އެމެރިކާގެ ޕާލަމެންޓްގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ގެ ޖާސޫސީ ކަންކަމާ ބެހޭ ކޮމިޓީގެ ޗެއާމަނެވެ. ފަރުދުންގެ ނަންތައް ވެސް ހިމެނޭ ގޮތަށް ރެކޯޑް ކުރެވިފައިވާ މައުލޫމާތުތައް ވަނީ ފުޅާ ދާއިރާއެއްގައި ފަތުރާފައިވާ ކަމަށާއީ އެއްގޮތަކަށް ވެސް އަމަލުކޮށްގެން ވާނެ ގޮތެއް ނޫން ކަމަށް މީޑިއާއާ ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެ މައުލޫމާތަކީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އަމުރަށް ޓްރަމްޕްގެ ފޯންކޯލްތައް އަޑު އެހި ކަމަށް ޓްރަމްޕް ކުރައްވާ ތުހުމަތަށް ބާރުލިބޭ މައުލޫމާތެއް ނޫން ކަމަށް ނޫނީސް ވިދާޅުވިއެވެ. އެއްކޮށްފައިވާ މައުލޫމާތު ތަކަކީ ޓްރަމްޕާ ރަޝިޔާއާ ދެމެދު ގުޅުމެއް އޮތްތޯ ބަލަން އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (އެފްބީއައި) އިން މިހާރު ކުރަމުން އަންނަ ތަހުގީގާ ގުޅުން ހުރި މައުލޫމާތެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިެވެ.

ނޫނީސް އެ މައުލޫމާތުތައް ހާމަކުރެއްވުމުން ސިޔާސީ ބޮޑު އަރައިރުމެއް ވަނީ ފެށިފައެވެ. އޭނާއަށް ފާޑުވިދާޅުވެ ވާހަފުޅު ދައްކަވަމުން ޑިމޮކްރެޓިކް ޕާޓީގެ ޑިމޮކްރެޓިކް ޕާޓީގެ އެޑަމް ސްކިފް ވިދާޅުވެފައި ވަނީ އެއީ ތަހުގީގުކުރާ ގޮތެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ މައުލޫމާތު ކޮމިޓީން ދިރާސާކޮށް، އެއީ ބުރަދަނެއް ހުރި މައުލޫމާތެއް ކަން ނުވަތަ ނޫންކަން ކަނޑަ ނޭޅެނީސް މީޑިއާއަށާއި ސަރުކާރަށް އެމައުލޫމާތު ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ބީބީސީން ބުނީ އިންޓެލިޖެންސް އެޖެންސީތަކުން އެ އެޖެންސީތަކަށް މުހިއްމު، ބޭރުގެ ފަރުދުން ކުރާ މުއާމަލާތްތައް މޮނިޓާ ކުރާ ކަމަށެވެ. އަދި އެގޮތުން މޮނިޓާ ކުރަމުން ދިޔަ މީހަކާ ޓްރަމްޕް ޓީމްގެ ބޭފުޅަކު ނުވަތަ ޚުދު ޓްރަމްޕް މުއާމަލާތްކުރައްވައިފި ނަމަ އެ މުއާމަލާތެއް ރެކޯޑް ކުރެވޭނެ ކަމަށް ވެސް ބީބީސީން އެކަން ދިރާސާ ކުރުމަށް ފަހު ބުނެފައި ވެއެވެ.