ދުނިޔެ

ލަންޑަން ހަމަލާއާ ގުޅިގެން ހަތް މީހަކު ހައްޔަރުކޮށްފި

Mar 23, 2017

އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގެ މެދުތެރޭގައި އިއްޔެ މެންދުރުފަހު ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އިނގިރޭސި ފުލުހުން ރޭ ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

އިނގިރޭސިފުލުހުންގެ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ބައިގެ ވެރިޔާ އަދި ފުލުހުންގެ އެކްޓިން ޑެޕިއުޓީ ކަމިޝަނާ މާކް ރޯލޭ އާ ހަވާލާދީ ބީބީސީ ބުނީ ފުލުހުން ރޭގައި ހަތް އެޑްރެހަކަށް ގޮސް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އިނގިރޭސިފުލުހުންގެ މައި އިދާރާ ސްކޮޓްލޭންޑް ޔާޑްގެ ކުރިމަތީގައި ހުންނަވައި ދެއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ ހަމަލާއާ ބެހޭ ތަހުގީގު ލަންޑަނާއި ބާމިންހަމްއާއި އެހެން ސަރަހައްދުތަކުގައި ކުރިއަށްދާ ކަމަށެވެ. ނަމަވެސް ހައްޔަރުކުރިމީހުންނާ ބެހޭ ތަފުސީލެއް އޭނާއެއް ނުދެއްވައެވެ.

އިއްޔެ ހަމަލާގައި ހަމަލާދިން މީހާ ހިމެނޭ ގޮތުން ފަސްމީހަކު މަރުވިއެވެ. އެހަމަލާގައި 40 މީހުން ޒަހަމްވެފައި ވާއިރު އޭގެ ތެރެއިން ހަތް މީހެއްގެ ހާލުބޮޑުވެފައިވާ ކަމަށް ބީބީސީ ބުންޏެވެ.

އިނގިރޭސިފުލުހުން އިއްޔެ ބުނީ ހަމަލާދިން މީހާ ކާރެއްގައި ވެސްޓްމިންސްޓާ ބްރިޖް ހުރަސްކުރި ކަމަށާއި އެކަމުގެ ތެރޭގައި ބްރިޖް މަތީގައި ތިބި މީހުންގެ ގައިގައި ކާރުން ޖައްސައި ދެމީހަކު މަރާލައި އިތުރު އެތައް ބަޔަކު ޒަހަމްކޮށްލި ކަމަށެވެ. އަދި އެއަށް ފަހު ޕާލަމެންޓް ހައުސްގެ ބޭރުގައިވާ ޗެންޗޭނުގައި ޖައްސައި ކާރު މަޑު ކުރުމަށް ފަހު ވަޅިއެއް ހިފައިގެން ޕާލަމެންޓް ހައުސްއަށް ވަންނަން މަސައްކަތް ކުރި ކަމަށާއި އެވަގުތު އޭނާއަށް ހުރަސް އެޅި ފުލުހަކަށް ވަޅިން ހަމަލާދީ މަރައިލި ކަމަށް ވެސް ބީބީސީގެ ހަބަރުގައި ވެއެވެ.

މަރުވި ފުލުހަކީ ޕީސީ ޕާމާ ނަމަކަށް ކިޔާ އުމުރުން 48 އަހަރުގެ ފިރިހެނެކެވެ. ޕާމާ މަރަައިލުމާއި އެކު ފުލުހުން ވަނީ ހަމަލާ ދިން މީހާ ގަޔަށް ބަޑި ޖަހައި މަރައިލާފައެވެ.

ހަމަލާދިން މީހާގެ ވަނަވަރު އިނގިރޭސި ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ހަމަލާ ދިން މީހާއަކީ ޓެރަރިޒަމާ ގުޅުން އޮތް މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ ވިދާޅުވީ އެ ހަމަލާ އަކީ އިނގިރޭސިންގެ އަގުތަކާއި މިނިވަންކަމާއި ޑިމޮކްރަސީއަށް ދިން ހަމަލާއެއް ކަމަށެވެ.

ހަމަލާދިން ވަގުތަކީ އނގިރޭސި ޕާލަމެންޓްގެ ޖަލްސާއެއް ކުރިއަށް ދިޔަ ވަގުތެކެވެ. ހަމަލާއާ ގުޅިގެން ޕާލަމެންޓް މެމްބަރުން ޕާލަމެންޓް ހައުސް ތެރޭގައި ހަތަރު ގަޑި އިރު ބަންދުވެގައި ތިބެން ޖެހުނެވެ.