ދުނިޔެ

ޕާކިސްތާން ދުވަހުގެ ޕެރޭޑްގައި ޗައިނާ ސިފައިން ބައިވެރިވެއްޖެ

Mar 23, 2017

ޕާކިސްތާނުގައި ރަސްމީކޮށް ފާހަގަ ކުރާ ޕާކިސްތާނު ދުވަހުގެ ރަސްމީ ޕެރޭޑްގައި މިއަހަރު ޗައިނާ ސިފައިން ވެސް ބައިވެރިވެއްޖެ އެވެ.

ޕާކިސްތާން ދުވަހަކީ ގައުމެއްގެ ގޮތުގައި ޕާކިސްތާނު އުފެއްދުމަށް އެޅި ފިޔަވަޅު ކަމަށްވާ ލާހޫރު ރިސޮލިއުޝަން ފާސްކުރި ދުވަހުގެ ހަނދާން އާކުރަން ފާހަގަ ކުރާ މުނާސަބާއެކެވެ. ލާހޫރު ރިސޮލިއުޝަން ފާސްކުރީ 1940 ވަނަ އަހަރުގެ މާޗްމަހުގެ 23 ވަނަ ދުވަހުއެވެ.

ޕާކިސްތާން ދުވަހުގެ ރަސްމީ ޕެރޭޑްގައި ޗައިނާ ސިފައިން ބައިވެރިވީ އެ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިވެފައިވާ މިންވަރު ނިޝާނެއްގެ ގޮތުންނެވެ. ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި މިއަދު ކުރިއަށް ދިޔަ ޕެރޭޑްގައި ދުރު ރާސްތާ ރޮކެޓްތަކާއި ޓޭންކްތައް ދައްކައިލުމުގެ ކުރިން ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފާއި ސިފައިންގެ ވެރިޔާ ޖެނެރަލް ގަމަރު ޖާވީދު ބަޖްވާގެ ކުރިފުޅުމަތިން ހުރަސްކުރީ ޗައިނާ ސިފައިންގެ ފައުޖެކެވެ. ޗައިނާ ސިފައިން އެހެން ގައުމެއްގެ ގައުމީ ކަމެއްގައި މިގޮތަށް ބައިވެރިވި މިއީ ފުރަތަމަ ފަހަރެވެ. ރޮއިޓާސް ބުނީ އެއީ ތާރީހީ ކަމެއްގެ ގޮތުގައި ޕާކިސްތާންގެ ރައީސް މަމްނޫނު ޙުސައިން ފާހަގަ ކުރެއްވި ކަމަށެވެ.

ޕާކިސްތާނުގެ ޖިއޯ ޓީވީން ބުނީ ޕެރޭޑްގައި ބައިވެރިވީ ޗައިނާގެ 90 ސިފައިން ކަމަށެވެ.

ޕާކިސްތާނުން ދެކެނީ ޗައިނާއަކީ ދެގޮތެއް ނުވާ އެކުވެރިއެއް ކަމަށެވެ. ޗައިނާއިން ވަނީ ޕާކިސްތާނުގައި ބޮޑެތި އިންވެސްޓްމެންޓްތައް ކޮށްފައި ވެއެވެ. އެގޮތުން އަރަބިކަނޑުގެ އައްސޭރީގައިވާ ޕާކިސްތާނުގެ ބަނދަރު މަތީ ރަށް ގަވްދާރާއި ޗައިނާ ގުޅުވައިލުމަށް މަގުތަކާއި ރެއިލްވޭތަކާއި ޕައިޕްލައިންތައް އެޅުމުގެ ބޮޑު މަޝްރޫއެއް ޗައިނާއިން ވަނީ ފަށާފައެވެ. ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯގެ ނަމުގައި ހިންގާ އެ މަޝްރޫއަށް ޗައިނާއިން 57 ބިލިޔަން ޑޮލަރު ހަރަދުކުރާނެ ކަން ވަނީ އިއުލާންކޮށްފައެވެ.

ޕާކިސްތާނު ދުވަހުގެ ރަސްމީ ޕެރޭޑްގައި ސައުދީ އަރަބިއްޔާއާއި ތުރުކީ ސިފައިން ވެސް ބައިވެރިވިއެވެ. އެ ދެގައުމަކީ ވެސް ޕާކިސްތާނާ ވަރަށް ގާތް ގުޅުމެއް އޮންނަ ދެގައުމެވެ.