ލައިފްސްޓައިލް

ކުދިން ހަރަކާތްތެރި ކުރުވާ، ޑިޕްރެޝަން ދުރުވާނެ!

Mar 24, 2017

ހަރަކާތްތެރިވުމަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ފައިދާ ހުރި ކަމެކެވެ. މިއީ ސިއްހަތު ރަނގަޅު މީހެއްގެ ގޮތުގައި ހުރުމަށް އެންމެ މުހިންމު އެއް ކަންތައް ވެސް މެއެވެ. މީހާ ހަރަކާތްތެރިވެ، ކަސްރަތު ކުރުމަކީ ވަކި އުމުރަކަށް ދިއުމުން ކުރަން އޮންނަ ކަމެއް ނޫނެވެ.

ހާއްސަކޮށް ހެލިފެލިވެ ހަރަކާތްތެރި ދިރިއުޅުމަކަށް ކުދިން އެންމެ ކުޑައިރުން ފެށިގެން ވެސް ދަސްކޮށްދޭން ޖެހެ އެވެ. އަދި މިއީ ދުރު މުސްތަގުބަލަކަށް ވިސްނާއިރު ވެސް އެކުދިންނަށް ފައިދާ ހުރި ގޮތެއް ކަމަށް ދިރާސާއިން ދައްކަ އެވެ.

ކުޑަކުދިން ގަވައިދުން ކޮންމެ ދުވަހަކު ވެސް ހަރަކާތްތެރި ބަޔަކަށް ހެދުމަކީ އެކުދިން ބޮޑުވަމުން އަންނަ އިރު ވަރަށް މުހިންމު ކަމެކެވެ. ސަބަބެއް ކަމަށް ފަހުގެ ދިރާސާއިން ދައްކަނީ މިއީ އެކުދިން ހެދި ބޮޑުވާއިރު ޑިޕްރެޝަނާއި ދުރުކޮށްދޭ ކަމެއް ކަމަށެވެ.

މިއީ ފަހުން ބޮޑުވެގެން ވެސް ކުދިން ޑިޕްރެޝަނާ ދުރުކޮށްދޭނެ ކަމެއް ކަމަށް ކެނެޑާގެ އަލްބާޓާ ޗިލްޑްރަން ހޮސްޕިޓަލުގައި ކުރިއަށްގެންދިޔަ އެ ދިރާސާގައި ބުނެފައިވެ އެވެ.

ކެނެޑާގެ މެންޓަލް ހެލްތު އެސޯސިއޭޝަނުން ބުނެފައިވާ ގޮތުގައި އެ ގައުމުގެ އުުމުރުން 19-12 އާއި ދެމެދުގެ 3.2 މިލިއަން ކުދިންނަކީ ޑިޕްރެޝަންގެ މައްސަލަ ދިމާވެފައިވާ ކުދިންނެވެ.

އެ ދިރާސާގައި ވަނީ ހަރަކާތްތެރި ކޮށް އުޅޭ އަށް އަހަރާއި 19 އަހަރުގެ ކުދިންގެ ސިއްހަތު ވެސް ބަލާފަ އެވެ. އެގޮތުން ބުނެފައި ވަނީ ހަރަކާތްތެރި ކޮށް އުޅޭ ކުދިންގެ ސިއްހަތު ރަނގަޅުވެފައި އަދި ޑިޕްރެޝަންގެ އަސަރު އެކުދިންގެ ނެތް ކަމަށެވެ.