ދުނިޔެ

3.8 މިލިޔަން ޑޮލަރަށް އެމެރިކާގެ އަވަށެއް ވިއްކާލަނީ!

Mar 24, 2017
3

އެމެރިކާގެ އޮރެގަން ސްޓޭޓްގައިވާ އަވަށެއް 3.84 މިލިޔަން ޑޮލަރަށް ވިއްކާލަން އިއުލާންކޮށްފި އެވެ. ރޮއިޓާސް ބުނީ ޓިލާ ނަމަކަށް ކިޔާ އެއަވަށް ބޮޑު ބަޔަކީ ފަޅަށް އޮތް ރަށެއް ކަމަށާއި އެރަށް ވިއްކާލަން އެންމެ ފުރަތަމަ އިއުލާންކޮށްފައި ވަނީ 2015 ވަަނަ އަހަރު ކަމަށެވެ.

ޕޯޓްލޭންޑް ނަމަކަށް ކިޔާ ޝަހަރުގެ ދެކުނުން 225 މޭލު ދުރުގައި އޮންނަ އެ އަވަށް ވިއްކާލަން އިއުލާން ކޮށްގެން އުޅޭ ރިއަލް އެސްޓޭޓް ފާމްގެ ވެރިޔާ ގެޒެޓް ޒޮލާ ރޮއިޓާސްއަށް ބުނެފައި ވަނީ 250 އޭކަރުގެ ބޮޑުމިނުގެ އެ އަވަށުގެ އަގު 3.84 މިލިޔަން ޑޮލަރު ކަމަށް ކަނޑައަޅާފައި ވަނީ އެއަވަށުގެ ސްކޫލް ހިންގި އިމާރާތް ނުލާ ކަމަށެވެ.

އޭނާ ބުނެފައިވާ ގޮތުގައި އެއަގަށް އަވަށް ގަންނަ ފަރާތަކަށް ލިބޭނީ ހަ ގެއާއި އެޕާޓްމަންޓަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ކުރިން ގޭސް ސްޓޭޝަން ހުރި އިމާރާތެވެ. ސްކޫލް ހިންގި އިމާރާތާއެކު ގަންނަ ނަމަ އަގަށް 350000 ޑޮލަރު އިތުުރުވާނެ ކަަމަށް އޭނާ ވަނީ ބުނެފަ އެވެ.

ވިއްކާލާ އަވަށުގެ ވަށައިގެންވާ ސަރަހައްދުތަކުގައި 250 މީހުން ދިރިއުޅެއެވެ. ނަމަވެސް އެ އަވަށުގައި އުޅެނީ އަވަށުގެ ވެރިމީހާގެ އާއިލާގެ އިތުރުން އެންމެ ދެމީހުންނެވެ. އޭގެ ތެރެއިން އެކަކީ ސްކޫލް ހިންގި އިރު ޓީޗަރަކަށް އުޅުނު މީހެކެވެ. އޭނާ ދިރިއުޅެނީ ސްކޫލާ ޖެހިގެން ހުންނަ ގެއެއްގަ އެވެ. ދެވަނަ މީހަކީ އަވަށުގެ ފާދިރީ އެވެ.

ޒޮލާ ބުނާ ގޮތުގައި އެއަވަށް ފަޅުވީ ލަކުޑި ކަނޑައިގެން ވިއްކުމުގެ ވިޔަފާރި ހުއްޓި އެ މަސައްކަތް ކުރި ފެކްޓްރީ ބަންދު ކުރުމުންނެވެ. އޭނާއަށް އަވަށް ލިބުނީ މީހުން ދޫކޮށްދާ ގެތައް ގަންނަމުން ގޮސް މުޅި އަވަށް ގަތުމުންނެވެ.