ދުނިޔެ

ތާއީދު ނުލިބުމުން ޓްރަމްޕްގެ ހެލްތު ކެއާ ބިލް އަނބުރާ ގެންގޮސްފި

Mar 25, 2017

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ފާސްކޮށް އަމަލު ކުރަމުން އައި ސިއްހީ ހިދުމަތާބެހޭ ގާނޫނު އުވައިލުމަށް ޓަކައި އެ ގާނޫނުގެ ބަދަލުގައި އަމަލުކުރާނެ ގާނޫނެއް ހެދުމަށް މިހާރުގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ހުށަހެޅުއްވި ބިލަށް ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ޕާލަމެންޓް މެމްބަރުންގެ ފުރިހަމަ ތާއީދު ނުލިބޭނެކަން ޔަގީންވުމުން އެ ބިލް އަނބުރައި ގެންގޮސްފި އެވެ.

އެމެެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސް ޕައުލް ރަޔާން އިއްޔެ ވިިދާޅުވީ ބިލު އަނބުރާ ގެންދަވަން ރައީސް ޓްރަމްޕް އެއްބަސްވެވަޑައިގެންނެވީ އެ ބިލް ފާސްކުރުމަށް ބޭނުންވާ 215 ވޯޓް ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ މެމްބަރުންގެ ފަރާތްޕުޅުން ނުލިބޭނެކަން ކަށަވަރު ވުމުން ކަމަށެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ އަޣުލަބިއްޔަތު އޮންނަނީ ޓްރަމްޕާއި ރަޔަން ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީއަށެވެ. އެހެންކަމުން ޓްރަމްޕް ހުށަހެޅުއްވި ބިލަށް ރިޕަބްލިކަން ޕާޓީގެ ތާއީދު ލިބުނު ނަމަ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންގެ ވޯޓާ ނުލައި ވެސް އެބިލު ފާސް ކުރެވޭނެ އެވެ. ޓްރަމްޕް ސަރުކާރުން ބިލު އަނބުރާ ގެންދިޔައީ އެބިލަށް ވޯޓަށް އަހަން ތައްޔާރުވެފައި ވަނިކޮށެެވެ. ބިލް އަނބުރާ ގެންދަން ޖެހުމަކީ ޓްރަމްޕް ސަރުކާރަށް ސިޔާސީ ގޮތުން ކުރިމަތިވި ބޮޑު ނާކާމިޔާބީ އެކެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރަމްޕް ހުށަހެޅުއްވި ބިލާ ދެކޮޅު ހައްދަވާ 28 އާއި 35 އާ ދެމެދުގެ އަދަދެެއްގެ ރިޕަބްލިކަން މެމްބަރުން އެބަ ތިއްބެވި އެވެ. ބިލާ ދެކޮޅު ހައްދަވާ ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި އެބިލް ގާނޫނަކަށް ވެއްޖެ ނަމަ ހެލްތު ހެލްތު އިންޝުއަރެންސް ކަވަރޭޖް ގެއްލޭ ރައްޔިތުންގެ އަދަދު މާ ގިނަ ވާނެއެވެ. އަނެއް ބައި މެމްބަރުން ދެެކެވަޑައިގަންނަވާ ގޮތުގައި އެބިލުން ކުރީގެ ގާނޫނަށް ގެނެވޭ ބަދަލުތައް މާ މަދެވެ. މެމްބަރުންގެ އިތުރުން އެމެރިކާގެ އާއްމުން ވެސް ޓްރަމްޕް ހުށަހެޅުއްވި ބިލާ ވަރަށް ދެކޮޅެވެ. ޚިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާ ގޮތުގައި އެ ބިލަށް ތާއީދު ކުރަނީ އެމެރިކާ ރައްޔިތުންގެ ތެރެއިން އެންމެ 17 ޕަސެންޓް މީހުންނެވެ.

ނާކާމިޔާބީއާ ގުޅިގެން ޓްރަމްޕް ވިދާޅުވެފައި ވަނީ " އޮބާމަކެއާ" ގާނޫނު ކުޑަ ދުވަސްކޮޅަކަށް އޭގެ ޒާތުގައި ދެމި އޮންނާނެ ކަމަށެވެ. އެހެން ނަމަވެސް އެ ގާނޫނު އަދި ފަޅައިގެން ދާނެ ކަމަށެވެ. ޓްރަމްޕް ހުށަހެޅުއްވި ބިލް ފާސްވާ ގޮތް ނުވުމުގެ ޒިންމާ އޭނާ އަޅުވާފައި ވަނީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންގެ ބޮލުގަ އެވެ.