ފިނިޕޭޖް

ޒޭން މާލިކް ވަން ޑިރެކްޝަން ދޫކޮށްލަނީ

Mar 26, 2015
1

ހިތްވަރު ގަދަކުރާށެވެ. މިއީ ހަމަ ހަގީގަތެކެވެ. ޒޭން މާލިކް ވަން ޑިރެކްޝަން ދޫކޮށްލަނީ އެވެ. ދެން ފެންނާނެ ކަމެއް ވެސް ނޭނގެ އެވެ.

"ވަރަށް ފުރިހަމަ ފަސް އަހަރަށް ފަހު ޒޭން މާލިކް ވަން ޑިރެކްޝަނުން ވަކިވާން ނިންމައިފި" ކަމަށް އެ ބޭންޑުގެ ފޭސްބުކް ޕޭޖްގައި ވަނީ ބުނެފަ އެވެ. އަދި 22.9 މިލިއަން މީހުން ފޮލޯކުރާ އެ ބޭންޑުގެ ޓްވިޓާގައި ވެސް ވަނީ މިކަން އިއުލާނުކޮށްފަ އެވެ.

ބޭންޑުން ބުނީ ބާކީ ތިބި ނިއާލް، ހެރީ، ލިއާމް އަދި ލުއިސް ބޭންޑުގެ މަސައްކަތުގައި ކުރިއަށް ދާނެ ކަމަށެވެ. ފޯ ޕީސް ބޭންޑެއްގެ ގޮތުގައި، ކުރިއަށް އޮތް ވޯލްޑް ޓުއާ ފުރިހަމަކޮށް މި އަހަރު ފަހުކޮޅު އާ އަލްބަމް ވެސް ރިލީޒް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

ޒޭން ބޭންޑުން ވަކިވާން އުޅޭ ކަމުގެ އަޑުތައް އެންމެ ފުރަތަމަ އަރާފައި ވަނީ ބޭންޑުގެ ޓުއާ އިން މިދިޔަ ހަފުތާގައި އޭނާ ވަކިވުމާ އެކުގަ އެވެ. ބައެެއް ރިޕޯޓްތައް ބުނާ ގޮތުގައި ޓުއާ އިން ވަކިވީ ޒޭންގެ ލޯބިވެރިޔާ ނޫން އެހެން އަންހެނެއްގެ އަތުގައި ހިފައިގެން އުޅޭ ފޮޓޯތަކެއް ލީކުވުމާ އެކު އެކަމާ ގުޅިގެން ކުރިމަތިވި މައްސަލަތަކަކަށް ފަހުގަ އެވެ.

އިނގިރޭސި ވިލާތުގެ މި ބޭންޑުން 22 އަހަރުގެ ޒޭން ވަކިވާއިރު މި ބޭންޑަކީ ފެށުނީންސުރެ ވެސް ދުނިޔެ އަށް މަޝްހޫރު ބޭންޑެކެވެ. ހުސް ފިރިހެނުން ހިމެނޭ މި ބޭންޑު އެންމެ މަގުބޫލީ އަންހެނުންގެ މެދުގަ އެވެ.