ސްވައިން ފްލޫ

"ރޯގާއާ ގުޅިގެން ސްކޫލުތައް ބަންދުކުރާ ހާލަތެއް މިހާރު ނެތް"

ރާއްޖޭގައި މިހާރު ފެތުރެމުންދާ އިންފްލުއެންޒާ ރޯގާ ގެހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި ރާއްޖޭގައި އެ ރޯގާ ފެތުރިފައި ވަނީ ސްކޫލުތައް ބަންދު ކުރާ މިންވަރަށް ނޫން ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފި އެވެ. ހެލްތު މިނިސްޓްރީއިން މިހެން ބުނީ 15 ދުވަހަށް ސްކޫލުތައް ބަންދުކޮށްފައި އޮތުމަށް ފަހު މިއަދު ސްކޫލުތައް ހުޅުވި ނަމަވެސް ހާޒިރީ ދަށްވުމާ ގުޅިގެނެވެ.

ހެލްތު މިނިސްޓްރީއިން މިރޭ ނެރުން ބަޔާނެއްގައި ބުނެފައި ވަނީ އިންފްލުއެންޒާ ރޯގާ ފެތުރުނަ ނުދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ސިއްހީ ހިދުމަތްދޭ ތަންތަނުގެ މަސައްކަތް ތަރުތީބު ކުރުމަށް ތަފާތު ލެވަލްތަކެއް ކަނޑައަޅާފައިވާ ކަމަށާއި އެގޮތުން ރާއްޖޭގެ މިހާރުގެ ހާލަތަކީ ލެވަލް ތިނެއް ކަމަށެވެ. ނަމަވެސް އެއީ ރޯގާ ފެތުރުން މަދު ކުރުމަށް މަސައްކަތް ކުރާ މިންގަނޑު ކަމަށާއި ސްކޫލުތައް ބަންދު ކުރަން ޖެހޭ މިންގަނޑެއް ނޫން ކަމަށެވެ.

އެ މިނިސްޓްރީއިން ބުނީ އިންފްލުއެންޒާ ރޯގާ ކޮންޓްރޯލު ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތުގެ ނަތީޖާއަކަށް ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުން އަންނަ ކަމަށެވެ. އެގޮތުން ފްލޫ ކްލިނިކް ތަކަށްދާ މީހުންގެ އަދަދު މަދުވެފައިވާ ކަމަށާއި ބައެއް ކްލިނިކްތައް ބަންދުކޮށްފައިވާ ކަމަށެވެ.

ރޯގާ ފެތުރެން ފެށި ދުވަސް ވަރު 1098 މީހުން ޑޮކްޓަރަށް ދައްކައިފަވީ ނަމަވެސް މިދިޔަ ހުކުރު ދުވަހު ޑޮކްޓަރަށް ދައްކާފައި ވަނީ 257 މީހުނެވެ. އަދި މާލޭ އެޑްމިޓްކޮށްފައިވާ މީހުންގެ ތެރެއިން އިންފްލުއެންޒާއަށް ޕޮސިޓިވްވެފައި ވަނީ 26 މީހުނެވެ. އަތޮޅުތަކުގެ ތެރެއިން އެޑްމިޓްކޮށްފައި ވަނީ ފަސް މީހުނެވެ.

ހެލްތު މިނިސްޓްރީއިން މިހެން ބުނި ނަމަވެސް މިއަދު ވެސް ވަނީ އިންފްލުއެންޒާ ރޯގާއާ ގުޅިގެން މާބަނޑު މީހަކު ވަނީ މަރުވެފަ އެވެ. އެއީ މިހާތަނަށް އެ ބަލީގައި މަރުވި ފަސް ވަނަ މީހާ އެވެ. އަދި ސްކޫލުތައް ހުޅުވާފައި ހުރުމާ ގުޅިގެން ގިނަ ބެލެނިވެރިން ކަންބޮޑުވުން ފާޅު ކުރެއެވެ.