ހަބަރު

ފޯނު އަތުލުމަށްފަހު ރިޔާޒު ދޫކޮށްލައިފި

ކޯޓު އަމުރެއްގެ ދަށުން މިރޭ ފުލުހުން ހައްޔަރު ކުރި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ ފޯނު އަތުލުމަށް ފަހު ދޫކޮށްލައިފި އެވެ. މިރޭ 10:00 ހާއިރު ރިޔާޒު ހައްޔަރުކޮށްފައި ކުނޫޒުގައި އޮތް ޖަލްސާއަށް ވަޑައިގަންނަވަނިކޮށް މާވެޔޮ މަގުންނެވެ.

ޖުމްހޫރީ ޕާޓީގެ އިސް އޮފޮޝަލަކު "އަވަސް"އަށް ވިދާޅުވީ ރިޔާޒުގެ ފޯނު ހިފެހެއްޓުމަށްފަހު މީގެ އިރުކޮޅެއް ކުރިން ރިޔާޒު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ހައްޔަރުކޮށް ފޯނު އަތުލާފައި ވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ. އަދި އެ މައްސަލާގައި ފުލުހުންގެ ބަހެއް ވެސް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

އެނގިފައިވާ ގޮތުގައި ރިޔާޒަށް ވަނީ މާދަމާގެ ވަގުތެއްގައި ފުލުހަށް ހާޒިރުވުމަށް އަންގާފަ އެވެ.

ފުލުހުން ރިޔާޒުގެ މައްސަލައެއް ބަލަމުން ދާއިރު އޭނާއަކީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ. އަދި ފަހަކަށް އައިސް ފުލުހުންނަށް އަމާޒުކޮށް ވެސް އޭނާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެވެ.