ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އެ ޕާޓީގެ ސުލޫކީ ކޮމިޓީގެ ސައްހަ ކަމާމެދު ސުވާލު އުފައްދަވައިފި އެވެ.
އަމީތު ޕީޕީއެމްގެ އަސާސީ ގަވާއިދުތަކާއި ހިލާފުވެފައިވާ ކަމަށާއި އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރާކަމުގެ ތުހުމަތުގައި އެ ޕާޓީއިން ވަކި ކުރުމަށް އެދި ޕާޓީގެ ސުލޫކީ ކޮމިޓީއަށް ހުށައަޅާފައިވާ މައްސަލަ ބެލުމަށް މިއަދު ސުލޫކީ ކޮމިޓީއަށް ހާޒިރު ކޮށް ސުވާލު ކުރުމުން ވަނީ ސުލޫކީ ކޮމިޓީގެ ސައްހަ ކަމާމެދު ސުވާލު އުފައްދާފަ އެވެ.
އަމީތު ވިދާޅުވީ މިހާރު ޕީޕީއެމްގެ ސުލޫކީ ކޮމިޓީ އަކީ ސަސްޕެންޑް ކޮށްފައިވާ ކޮމިޓީއެއް ކަމަށާއި މި ކޮމިޓީގެ ސައްހަކަން ހާމަވާފަދަ ލިޔުމަކަށް އޭނާ އެދި ވަޑައިގެންނެވި ނަމަވެސް ލިޔުމެއް ދޭން އިންކާރު ކޮށްފައިވާ ކަމަށެވެ. އަދި ޖަވާބުދަރީ ވުމަށް ފުރުސަތު ނުދީ ކޮމިޓީ ނިންމާލެއްވީ ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.
"ޕީޕީއެމް ގެ އަސާސީ ގަވާއިދަކާއި ހިލާފް އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. ސުލޫކީ ކޮމިޓީއިން [އަޅުގަނޑު] ޕާޓީން ވަކިކޮށްފި ނަމަ މައްސަލަ އިސްތިއުނާފް ކުރާނަން. އަދި ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" އަމީތު ވިދާޅުވި އެވެ.
އަމީތު މިއަދު ކޮމެޓީއަށް ވަޑައިގެންނެވީ އޭނާގެ ވަކީލަކަށް ޕީޕީއެމުން ވަކިކޮށްފައިވާ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބުރާހީމާއެކުގަ އެވެ.