ލައިފްސްޓައިލް

ފޭސްބުކް އިން "ސްޓޯރީސް" ތައާރަފް ކޮށްފި

ސްނެޕްޗެޓް އިން ތައާރަފް ކުރި "ސްޓޯރީސް" ފޭސްބުކް ގެ އެންޑްރޮއިޑާއި އައިއޯއެސް އެޕް ތަކަށް ފޭސްބުކް އިން ތައާރަފް ކޮށްފި އެވެ.

އިއްޔެ ފޭސްބުކް ގެ މޯބައިލް އެޕް ތަކަށް ތައާރަފް ކުރި "ސްޓޯރީސް" އާއެކު ސްނެޕްޗެޓް ގައި ބޭނުން ކުރާ ހެން އެކިއެކި ފިލްޓާ ތަކާއެކު 24 ގަޑިއިރު ގެ މުއްދަތައް ފެންނާނެހެން ފޮޓޯ އާއި ވީޑިއޯ ހިއްސާ ކުރެވޭނެ އެވެ.

ފޭސްބުކް ގެ ޕްރޮޑަކްޓް މެނޭޖާ ކޮނޯ ހޭސް ވިދާޅުވި ގޮތުގައި މިއީ ފޮޓޯ އާއި ވިޑިއޯގެ އެހީގައި މުއާސަލާތު ކުރާ މި ޒަމާނަށް ފޭސްބުކް އެޕް ބައްޓަން ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ތައާރަފް ކުރި ފީޗާ އެކެވެ.

މީގެ ކުރިންވެސް އެ ކުންފުނީގެ އިންސްޓަގްރާމް އެޕް އާއި މެސެންޖާ އެޕް ގައިވެސް ސްނެޕްޗެޓް އިން 2013 ވަނަ އަހަރު ތައާރަފް ކޮށްފައިވާ ފޮޓޯ އާއި ވިޑިއޯ ސްޓޯރީސް ގެ ގޮތުގައި ހިއްސާ ކުރެވޭނެ ފީޗާ ވަނީ އެކި ނަންނަމުގައި ބޭނުން ކުރަމުންނެވެ.

ދަ ވާޖް އިން ބުނި ގޮތުގައި ފޭސްބުކް އިން ތައާރަފް ކޮށްފައިވާ "ސްޓޯރީސް" އަކީ ޒުވާނުންގެ މެދުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސްނެޕްޗެޓް ގެ ކުރިއެރުމަށް އެޅޭނެ ވަރަށް ބޮޑު ހުރަހެކެވެ.