ސްވައިން ފްލޫ

ފްލޫ ވެކްސިން އެތެރެ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

އިންފްލުއެންޒާއިން ދިފާއުވުމަށް ދޭ ވެކްސިން (ޕީ369) ރާއްޖެއަށް އެތެރެކުރުމުގެ ފުރުސަތު، ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް އާއްމުކޮށް ހުޅުވާލައިފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހަމަ އެކަނި ޑޮކްޓަރުންގެ އިރުޝާދާ އެކީ ދޫކުރާ "ކޮންޓްރޯލްޑް ޕްރިސްކްރިޕްޝަން އޮންލީ މެޑިސިން" އެއްގެ ގޮތުގައި އިންފްލުއެންޒާ ވެކްސިން ހަމަޖައްސާފައިވާ ކަމަށާއި އެވެކްސިން ކުރިން ލިސްޓްކޮށްފައި އޮތީ ގައުމީ ޕްރޮގްރާމްތަކަށް އެކަނި އެތެރެކުރާ (ރެސްޓްރިކްޓެޑް ފޯ ނެޝަނަލް ޕްރޮގްރާމްސް) ބޭހެއްގެ ގޮތުގައެވެ.

އިއުލާނުގައި ބުނެފައި ވަނީ ބޭސް އިމްޕޯޓް ކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް ފްލޫ ވެކްސިން އެތެރެ ކުރުމުގެ ފުރުސަތު ހުޅުވައިލި ނަމަވެސް އެ ވެކްސިން އެތެރެ ކުރުމުގެ ކުރިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ނަގަން ޖެހޭނެ ކަމަށެވެ. ވެކްސިން އެތެރެކުރާ ފަރާތްތަކުން އެ ވެކްސިން އުފުލައި ގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައި މިންގަނޑުތަކާ އެއްގޮތަށް، ޚާއްސަކޮށް ކަނޑައަޅާފައިވާ ފިނި ހޫނު މިނުގައި ގެންގުޅެން ހެލްތު މިނިސްޓްރީން އިރުޝާދުދީފައި ވެއެވެ.

އިންފްލުއެންޒާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްތައް އޭޑީކޭ ހޮސްޕިޓަލާއި ދަމަނަ ވެށީގައި މިހާރުވެސް ކުރިއަށް ދެއެވެ. އެގޮތުން އޭޑީކޭއިން ފާއިތުވި ތިން ދުވަހުވެސް ދުވާލަކު 800 މީހަކަށް ވެކްސިން ދީފައި ވެއެވެ.

ފުލޫގައި ރާއްޖެއިން މިހާތަނަށް 180 އަށް ވުރެ ގިނަ މީހުން ޕޮޒިޓްވެފައިވާއިރު ބަލީގައި ފަރުވާ ހޯދާ މިންވަރު ވަނީ މަދުވެފައެވެ. އަދި ފުލޫއާ ގުޅިގެން މީގެ ކުރިން އަޅާފައިވާ ބައެއް ފިޔަވަޅުތައް މިހާރު ވަނީ ދޫކޮށްލާފަ އެވެ. އެ ރޯގާގައި މިހާތަނަށް ހަ މީހަކު ވަނީ މަރުވެފައެވެ.