ހަބަރު

މަސްތުވާތަކެއްޗާއެކު ދިވެއްސަކު އިންޑިއާއިން ހައްޔަރުކޮށްފި

އިންޑިޔާގެ ބެންގަލޫރުން މަސްތުވާ ތަކެއްޗާއެކު ދިވެއްސަކު ހައްޔަރު ކޮށްފި އެވެ.

ބެންގަލޫރުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން މިދިޔަ އާދިއްތަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ޑްރަގް މައްސަލައެއްގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއާ ޑޮޓް ކޮމްގައި ހާމަކޮށްފައި ވެއެވެ. އަދި މި ދެމީހުން ހައްޔަރުކުރި އިރު ދެ މީހުންގެ އަތުން ވެސް ޑްރަގް ފެނިފައި ވެއެވެ.

ހައްޔަރު ކުރެވުނު ދެ މީހުންގެ ތެރެއިން ހިމެނޭ ދިވެއްސަކީ އުމުރުން 35 އަހަރުގެ އަނިލް އަހްމަދު ކަމަށާއި އަދި މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ނައިޖީރިއާ އަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ޔަކޫބް އުސްމާން ކަމަށްވެސް ބުނެފައިވެ އެވެ. މި ދެ މީހުންގެ އަތުން 430 ގްރާމުގެ ގަންޖާއާއި ތިން ގްރާމުގެ މެތެމްފެޓަމިންގެ އިތުރުން ފަސް ޕެކެޓް އެލްއެސްޑީ ފެނިފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

އަނިލް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 1.9 ކިލޯ ގްރާމުގެ މަސްތުވާތަކެތި އެތެރެ ކުރިކަމުގެ މައްސަލައިގައި ހައްޔަރު ކޮށްފައި އެވެ.