ލައިފްސްޓައިލް

ސްޓްރެސްއާ ދުރުވާން މުއްސަދިން ކުރާ ކަންތައް އެނގޭތަ؟

Apr 3, 2017
1

ސްޓްރެސްވެ މީހުންނާއި ވާހަކަ ދައްކާ ހިތް ނުވެ ކުދިކުދި ކަންތަކާ ވެސް ހާސްވެ ބިރު ގަނެ ޑިޕްރެޝަން އާ ހަނގުރާމަ ކުރާ ހިސާބަށް ދިއުމަކީ މީހާގެ އުމުރުގެ ކޮންމެ ހިސާބެއްގައި ވެސް ދިމާވެދާނެ ކަމެކެވެ. އަދި ބުރަކޮށް ފައިސާ ހޯދަން އަހަރުމެން އެންމެން ވެސް ރެއާއި ދުވާލު މަސައްކަތް ކުރާއިރު، އަބަދުވެސް އަހަރެމެންގެ ސިކުނޑިއަށް ވީހާވެސް ބާރު ކުޑަކޮށް ސްޓްރެސް ވާ ކަންތައްތަކާ ދުރުވާން ދަސް ކުރަން ޖެހެ އެވެ. އެގޮތުން އަމިއްލަ ހިތްހަމަ ޖެހުން ލިބޭ ކޮންމެވެސް ކަމެއް ސްޓްރެސް ވުމުން ނުވަތަ ވުމުގެ ކުރިން ކުރަން އާދަކުރާށެވެ.

ބޮޑެތި ކުންފުނިތަކުގެ ސީއީއޯ ނުވަތަ އެ ތަންތަނުގެ ހިއްސާދާރުން ވެސް ކިތަންމެ ވަރަކަށް ފައިސާ ލިބުނަސް ސްޓްރެސްވެ އެވެ. އަދި އެފަދަ ކަންކަމުން ދުރުވާން ވެސް އެމީހުން ވެސް ދަސްކުރެެ އެވެ. ސަބަބަކީ މީހާގެ ހަޔާތުގައި ސްޓްރެސްވާ ކަންތައްތަކާ ދިމާވި ނަމަވެސް ޑިޕްރެޝަން އާ ދުރުވެ ފުރިހަމަ ސިއްހަތެއްގައި ހުރުމަކީ މީހާ ކުރާ މަސައްކަތަށް ވެސް ލިބޭނެ ކުރިއެރުމެއް ކަމަށްވާތީ އެވެ.

އެގޮތުން ކުންފުނިތަކުގެ މަހުޖަނުން ސްޓްރެސްއާ ދުރުވާން ކުރާ ކަންކަން އެނގޭހެއްޔެވެ؟

ބިލް ގޭޓްސް

މިއީ ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާ އެވެ. ނަމަވެސް ބީލް ގޭޓްވެސް ވިސްނަންޖެހޭ އަދި ސްޓްރެސްވާ ވަގުތުތައް އާދެ އެވެ. އަދި އެކަމުން އަރައިގަންނަ ގޮތްވެސް މިވަނީ ހާމަކޮށްފަ އެވެ. އެގޮތުން ކިތަންމެ ލަސްވި ނަމަވެސް ފޮތެއް ކިޔާނުލައި އެއްވެސް ރެއަކު ބިލްގޭޓްގެ ލޮލަކަށް ނިންޖެއްނާދެ އެވެ. މަސައްކަތުގެ ވަރުބަލި ކަމަށް ފަހު އަބަދުވެސް ބިލްގޭޓް ފޮތެއް ކިޔަ އެވެ. އަދި ނިދުމުގެ ކުރިން ހުރިހާ ހާސްކަމެއް ފިލުވާލުމަށްފަހު އަބަދުވެސް އަތުގައި އޮންނަ މަސައްކަތަށް ފޯކަސް ކުރާ ކަމަށް ބިލް ގޭޓް ވިދާޅުވެ އެވެ.

އަދި އެނގޭހެއްޔެވެ؟ ދުނިޔޭގެ ދެވަނަ އެންމެ މުއްސަނދި ވެރޮން ބަފެޓަކީ ބިލްގޭޓްގެ "މެންޓާ" އެވެ. ފޯޓިއުން މެގަޒިން އަށް ދެއްވި އިންޓަވިއުއެއްގައި ބިލްގޭޓް ވިދާޅުވީ އޭނާ އެންމެ ގިނައިން އަޑު އަހަނީ ވެރޮން ބަފެޓްގެ ނަސޭހަތެވެ. އަދި ކަންކަން މާބޮޑު ކަމެއް ކަމުގައި ނަހަދައި ކުޑަ ކަމެއްގެ ގޮތުގައި ބަލައިގަންނަން ދަސްވީ ވެރޮން ބަފެޓްގެ ފަރާތުންނެވެ.

ޓިމް ކުކް

މިއީ ދުނިޔޭގެ އެއްވަނަ ފޯނު ކުންފުނީގެ ސީއީއޯ އެވެ. އެޕަލް ފޯނު ކުންފުނީގެ ސީއީއޯ ޔުނިވަސިޓީ އޮފް ގެލަސްގޯ ކުދިންނަށް ދެއްވި ނަސޭހަތަކީ އަބަދުވެސް ކަންކަން ރަނގަޅަށް ބަލައިގަތުމަށް ދަސްކުރުމެވެ. އެންމެން ދައްކާ ވާހަކަ އަޑުއަހައި އެކަންކަން ޕޮޒިޓިވްކޮށް ނެގުމަކީ ކުކް ދެކެވަޑައިގަންނަވާ ގޮތުގައި ސްޓްރެސްއާ ދުރުވާނެ ކަމެކެވެ.

މެގްވައިޓް މެން

ބިލިއަނަރެއް ކަމަށްވާ މެގްވައިޓްމެން އަކީ ޕީ އެންޑް ޖީ، އީބޭ ފަދަ ބޮޑެތި ކުންފުނިތަކުގައި މަސައްކަތްކޮށްފައިވާ ކާމިޔާބު އަންހެނެކެވެ. އޭނާ ވިދާޅުވާ ގޮތުގައި ފިރިހެން ދަރިފުޅު ގޮވައިގެން ފުލައި ފިޝިން އަށް ދިއުމަކީ އާންމު ކަމެކެވެ. މިއީ ސްޓްރެސްއާ ދުރުކޮށްދޭ ކަމެކެވެ. ބޭރަށް ނުކުމެ ކުޅިވަރެއް ކުޅެލާ ނުވަތަ މަސްބާނަން ދިއުމަކީ މީހާ ސްޓްރެސްއާ ދުރުކޮށްދީ ހާސްކަން ފިލުވައިދެ އެވެ.

ވެރޮން ބަފެޓް

ދުނިޔޭގަ ދެވަނަ އެންމެ މުއްސަނދި ވެރޮން ބަފެޓް ހާސްވެ ސްޓްރެސްވާނަމަ ކުރާ ކަމަކަށް އޮންނަނީ "އުކުލެއެލެއެ" ކުޅުމެވެ. މި ގޮތަށް ކޮންމެ ވެސް ކަހަލަ މިއުޒިކު އެއްޗެއް ކުޅުމުން ހާސްވެ ކަންބޮޑުވާ ކަންކަމާ ދުރުކޮށްދެ އެވެ.

ޝެރީލް ސޭންޑްބާގް

ފޭސްބުކްގެ ސީއޯއޯ ހާސްކަން ކުޑަކުރުމަށް މާބޮޑު ކަމެއް ނުކުރެ އެވެ. ނަމަވެސް އެންމެ ގިނަ މީހުން އާންމުކޮށް ކުރާ އެއްކަންތަކާ އޭނަ ދުރުވެ އެވެ. އެގޮތުން މަސައްކަތް ނިންމުމަށްފަހު ގެއަށްގޮސް ނިދާ ވަގުތު ސޯޝަލް މީޑިއާ ހާވައި މެއިލް ޗެކްކޮށް ހެދުމުގެ ބަދަލުގައި ޝޭރީލް ސޭންޑްބާހް ފޯނު ނިއްވާލަ އެވެ. އޭނާ ބުނީ މިއީ ކުރަން އުނދަގޫ މަސައްކަތެއް ނަމަވެސް ހާސްކަން ފިލުވާލުމަށް އޮތް ހައްލެއް ކަމަށެވެ. އެގޮތުން ރޭގަނޑުގެ ހަމަ ނިދި އެއްވެސް މީހެއްގެ އުނދަގުލެއް ނެތި ލިބުމަކީ އަނެއް ދުވަހަށް މީހާ ތާޒާ ކުރުވާ ކަމެއް ކަމަށެވެ.

ސޫޒަން ވޮޖޮސިކި

ޔޫޓިއުބްގެ ސީއީއޯ އަބަދުވެސް އަމިއްލަ އަށް ވަގުތު ކޮޅެއް ހުސްކޮށްލަ އެވެ. ސޫޒަން ވޮޖޮސިކީ ވިދާޅުވާގޮތުގައި އާއިލާ އަށް އަދި އަމިއްލަ އަށް ވަގުތު ކޮޅެއް އަބަ ދުވެސް ހޯދަ އެވެ. މިއީ ކޮންމެ މީހަކަށް ވެސް ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ދެކެ އެވެ.

އިންދްރާ ނޯއި

ޕެޕްސީގެ ސީއީއޯ އިންދްރާ ނޯއި ވިދާޅުވާ ގޮތުގައި ކޮންމެ ރެއެއްގެ ރޭގަނޑުކެއުމަށްފަހު ކޮންމެވެސް ގައުމެއްގެ ރައީސް ނުވަތަ ނައިބު ރައީސަކަށް ވެގެން ނޯއި އަދި ދައްތައާ ދެމީހުން ވެގެން މަންމަ އަށް ތަގުރީރެއް ދޭންޖެހެ އެވެ. އަދި ދެމީހުންގެ ވާހަކައަށް ބެލުމަށްފަހު ކޮންމެ ވެސް އެކަކަށް މަންމަ ވޯޓު ދެ އެވެ. މިއީ ވެސް އާއިލީ ގުޅުން ބަދަހިކޮށްލާ މަޖާކޮށްލަން ރަނގަޅު ކަމެއް ނޫން ހެއްޔެވެ؟

މީގެ އިތުރުން ވެސް ބޮޑެތި މަހުޖަނުންނާއި ކުންފުނިތަކުގެ ވެރިން އެމީހުން ސްޓްރެސް މެނޭޖް ކުރަން އަބަދުވެސް ކޮންމެ ވެސް ކަހަލަ ކަމެއް ކުރެ އެވެ. މިއީ އަހަރެމެން އާންމު ދިރިއުޅުމުގައި އުޅޭއިރު ވެސް ކޮންމެ ހެން ވެސް ދަސްކުރަން ވެއްޖެ ކަމެކެވެ. ސިކުނޑީގެ ހާސްކަން ކުޑަކޮށް ހިތްހަމަޖެހިލައިގެން އުޅެން ދަސްކުރަން އަހެރެމެން އެންމެން ވެސް އާދަކުރަންޖެހެ އެވެ.