ލައިފްސްޓައިލް

ބަރުދަން ލުއި ކުރަން ނާސްތާއަށް ސަމާލުވޭ!

ދިވެހިންނަކީ، ހެނދުނުގެ ނާސްތާއަށް ވަރަށް މުހިންމު ކަމެއް ދޭ ބައެކެވެ. ހެނދުނު އޮފީހަށް ވަދެ ފުރަތަމަ ދާނީ ކައިރި ތަނަކަށް "ބްރޭކްފާސްޓް" ނަގާށެވެ. މެންދުރުގެ ކެއުން ތައްޔާރު ވުމާ ހަމައަށް ވެސް ކެފޭތަކަށް "ބްރޭކްފާސްޓް" ނަގަން ދާ މީހުން މަދެއް ނުވާނެ އެވެ. ހަފުތާގެ ތެރެއެއް ހަފްތާ ބަންދެއް މެދެއް ނޯވެ އެވެ. ނާސްތާ ކުރަން ކޮންމެހެން ވެސް ދާންޖެހޭނެ އެވެ.

ޔަގީނުން ވެސް އަބަދު ވެސް އިވޭނެ އެއް ވާހަކަ އަކީ، ހެނދުނުގެ ނާސްތާ އަކީ ވަރަށް މުހިންމު އެއްޗެއް ކަމެވެ. ހެނދުނުގެ ނާސްތާ އަކީ، ހަށިގަނޑުގައި ވަރު ޖެއްސުމަށާއި، ބަރުދަން ލުއި ކުރުމަށް ވެސް އެންމެ މުހިންމު އެކަތި ކަމެވެ. އެހެންކަމުން، ހެނދުނުގެ ނާސްތާ ކުރުން އޮންނަނީ ދުނިޔޭގެ އެންމެންގެ މެދުގައި ވެސް ސަގާފަތެއް ކަހަލަ ކަމަކަށް ވެފަ އެވެ. ނަމަވެސް ސުވާލަކީ، ނާސްތާގެ ސަބަބުން ހަށިގަނޑުން ބަރުދަން ލުއި ވުމަށް އެހީ ވެދޭތޯ ހެއްޔެވެ؟

ގިނައިން ކާހިތްވާ މިހުންނަށް ކޮންމެ ދުވަހަކު އެކައްޗެއް ކެއުމަކީ ހަމަ ޔަގީނުން ވެސް ވަރަށް އުނދަނގޫ ކަމަކަށް ވާނެ ކަމެކެވެ. އޭގެ ސަބަބުން، ގިނަ ރަހަތައް އެކުލެވޭ މީރު ކާނާ ކާހިތްވި ވަރަކަށް، އޮއްޓަރެއް ނެތް ނާސްތާ ބޭނުން ކުރެވޭ ފަހަރުތައް ގިިނަވުމަށް މަގު ފަހި ވުމެވެ.

ގިނަ ކާމިޔާބީތަކާއި، އެވޯޑްތައް ހާސިލް ކޮށްފައިވާ މަޝްހޫރު ޑައިޓީޝަން އެއް ކަމަށްވާ، ކްރިސްޓިން ކާކްޕެޓްރިކް ބުނާ ގޮތުގައި، މީހާގެ ބަރުދަން ލުއި ވަނީ އެމީހަކު ކާ އެއްޗަކުންނެވެ. އެމީހެއްގެ ކެއުމުގައި ބޭނުންކުރާ އެއްޗަކީ، އެމީހެއްގެ ހަށިގަނޑުން ބަރުދަން ލުއި ކުރުމުގައި ނުވަތަ ނުކުރުމުގައި މުހިންމު ރޯލެއް އަދާ ކުރާ އެއްޗެކެވެ.

ހެނދުނުގެ ނާސްތާގައި ގިނަ މިންވަރަކަށް ހަކުރު ބޭނުން ކުރާނަމަ، ހަށިގަނޑުން ބަރުދަން އިތުރުވެ، ހަށިގަނޑުން ބަރުދަން ލުއިވުމަށް އޮންނަ ފުރުސަތު ހަނި ކުރެ އެވެ. އޭގެ ބަދަލުގައި ނާސްތާގައި ބޭނުންކުރާ ހަކުރުގެ މިންވަރު މަދުކޮށްފައި ޕްރޮޓީން އިތުރު ކޮށްފިނަމަ ހަށިގަނޑަށް ބޮޑެތި ބަދަލު ތަކެއް އައިސް، ހަށިގަނޑުން ބަރުދަން ލުއި ކޮށްދެ އެވެ.

ކޮންމެ ދުވަހެއްގެ ވެސް ހެނދުނުގެ ނާސްތާގައި ގިނަ އަދަދެއްގެ މޭވާ ބޭނުން ކުރުމަކީ، ހަށިގަނޑަށް ގިނަގުނަ ފައިދާ ތަކެއް ކުރާ ކަމެކެވެ. މީގެ އިތުރުން، ހަށިގަނޑުން ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރާ މީހުން ކޮންމެ ދުވަހަކު ވެސް އެކައްޗެއް ކާނަމަ، ރަގަޅު ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދީ، ބަރުދަން އެއް މިންގަނޑެއްގައި ހިފަހައްޓައި ދެއެވެ. އެހެންކަމުން، ރަނގަޅު ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރާ ކޮންމެ މީހަކު ވެސް، ހެނދުނުގެ ނާސްތާ ރަނގަޅަށް ކުރުމަށް އާދަ ކުރުން ވަރަށް މުހިންމެވެ.