ލ. އަތޮޅު ފޮނަދޫގައި މަރާލާފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ މަރާ ގުޅިގެން ތުހުމަތު ކުރެވޭ އިތުރު މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ބިދޭސީ މިހާގެ މަރާއި ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު ކޮށްފައިވަނީ އުމުރުން 24 އަހަރުގެ ބިދޭސީ އެއް ކަމަށާއި އެމީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
އެ މައްސަލާގައި މީގެ ކުރިން ވެސް ވަނީ ތިން ބިދޭސީއަކު ހައްޔަރު ކޮށްފަ އެވެ. އެއީ އުމުރުން 35 އަހަރުގެ ދެ މީހަކާއި 27 އަހަރުގެ މީހެކެވެ. އެ ތިން މީހުންގެ ބަންދަށްވެސް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.
މަރުގެ މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަންއިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ބައެއް އޮފިސަރުން މިހާރުވެސް ގެންދަނީ ފޮނަދޫގައި ހަރަކާތްތެރި ވަމުންނެވެ.
ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ބިދޭސީ މީހާ މަރާލާފައި ވަނިކޮށް ފެނިފައިވަނީ ފޮނަދޫ ގޮނޑުދޮށުންނެވެ.