ބަންގްލަދޭޝްގައި މަރުވި ދިވެހި ދަރިވަރު އަދި މޮޑެލް ރައުދާ އާތިފްގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ދިވެހި ފުލުހުންގެ ޓީމެއް އެ ގައުމަށް މިއަދު ފުރައިފި އެވެ.
ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައުދާ މަރުގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ފޮރިން މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން އެކަމާ ގުޅުންހުރި ފަރާތްތަކުގެ އެހީއާއެކު އިތުރު މައުލޫމާތު ހޯދުމަށް ބަނގްލަދޭޝްއަށް ފުލުހުންގެ ދެ އިސް އޮފިޝަލަކު ފުރާފައިވާ ކަމަށެވެ.
އެ ދަތުރުގައި ރައުދާގެ އާއިލާ އަދި ބަންގުލަދޭޝްގައި މިހާރު ތިބި ދިވެހި ދަރިވަރުންނާއި އާއިލާތަކާއި ބައްދަލުކޮށް ހާލު ބަލައި މައުލޫމާތު ސާފު ކުރާނެ ކަމަށާއި ރައުދާގެ މަރުގެ ހާދިސާއާ ގުޅޭ މައުލޫމާތުގެ އަލީގައި ކުރިއަށް އޮތް ތަނުގައި ރާއްޖެއިން ބޭރަށް ކިޔަވަންދާ ދިވެހި ކުދިންގެ ސަލާމަތާއި ރައްކާތެރި ކަމަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރާޖްޝާހީ ސިޓީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގައި ކިޔަވަމުން އައި އުމުރުން 21 އަހަރުގެ ރައުދާ އެ ކޮލެޖްގެ ހޮސްޓެލްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ މަރުވެފައި ވަނީ އަމިއްލައަށް ކަަމަށް އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ދެއްކި ނަމަވެސް ރައުދާގެ އާއިލާއިން އެކަން ގަބޫލު ނުކޮށް އޭނާ މަރާލާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.