ހަބަރު

މާލޭ ނަރުދަމާ ވިއުގަ އަލުން ތަރައްގީ ކުރަން ފަށައިފި

ވެރިރަށް މާލޭގެ ނަރުދަމާ ނިޒާމް އަލުން ތަރައްގީ ކުރުމުގެ މަސައްކަތް އަމަލީ ގޮތުން ފަށައިފި އެވެ. އަލިމަސް ކާނިވާ ސަރަހައްދުގައި މާލޭގެ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކައް މިއަދު މެންދުރު ފަހު ފައްޓަވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބުރާހީމެ އެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ ގައުމީ ފެން ކުންފުނި، އެމްޑަބްލިޔޫއެސްސީއާ އެވެ. މި މަސައްކަަތަށް 75 މިލިއަން ރުފިޔާ ހަރަދު ކުރާ އިރު މި ޕްރޮޖެކްޓުގައި ހިމެނޭ ނިޒާމަކީ ހަތް ކިލޯ މީޓަރުގެ ވިއުގައެކެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ މުޅި މާލޭގެ ނަރުދަމާ ނިޒާމް އަޕްގުރޭޑް ކުރަން ފެށުމާއެކު މިއަންނަ އަހަރު ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

"[މާލޭގެ] ނަރުދަމާ ނިޒާމް ބާވެ މިއަހަރު ކުރީކޮޅާއި މިދިޔަ އަހަރުގެ ފަހުކޮޅު ދިމާވި ދަތިތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ މި މަސައްކަތް ނިމުމުން" ޒަމީރު ވިދާޅުވި އެވެ.

މިއަދުގެ އެ ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގުވެސް ވާހަކަފުޅު ދެއްކެވި އެވެ. އޭނާ ވިދާޅުވީ މާލޭގެ ނަރުދަމާގެ މަސައްކަތް ނިމޭއިރު އެކަށީގެންވާ ފެންވަރުގައި ނަރުދަމާ ތަރައްގީވެފައި އޮންނާނެ ކަމަށާއި މާލޭގެ މަގުތަށް ކޮންނަންޖެހޭތީ ރައްޔިތުންނަށް ކުރިމަތިވާ އުނދަގޫ ތަކަށް ވެސް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އޭނާ އަދި ވިދާޅުވ އަސާސީ އެފަދަ ހިދުމަތްތަށް ފޯރުކޮށް ދިނުމުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެފައިވާ ވައުދުތައް 2018 ގެ ނިޔަލަށް ފުރިހަމަ ކުރާނެ ކަމަށެވެ.

މާލޭގައި މިހާރު އަޅާފައިވާ ނަރުދަމާ ނިޒާމަކީ މީގެ 32 އަހަރު ކުރިން ޑިޒައިންކޮށް ތަރައްގީ ކުރި ނަރުދަމާ ނިޒާމެކެވެ.