ވިޔަފާރި

އުރީދޫއަށް އާ ސީއީއޯއެއް ހަމަޖައްސައިފި

މުވާސަލާތީ ކުންފުނި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ގެ މަގާމަށް ބަދަލު ގެނެސް، އެ މަގާމަށް ނަޖީބް ހާން އައްޔަނުކޮށްފި އެވެ. ކުރިން އެމަގާމުގައި ހުންނެވި ވިކްރަމް ސިންހަ ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކޮށްފަ އެވެ.

އުރީދޫ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އުރީދޫ ގްރޫޕްގެ ކޮމާޝަލް ޑިވިޝަންގެ ބިޒްނަސް ސާވިސަސް ޓީމްގެ އިސްވެރިއާގެ މަގާމުގައި ހުންނެވި ނަޖީބް ހާން ކަމަށެވެ. ވާސަލާތީ ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ލިބިފައިވާ ނަޖީބް މީގެ ކުރިން ވަނީ، އިންޑިއާގެ ބާރްތީ އެއާޓެލް ލިމިޓެޑްގެ ހޯމް އެންޑް އޮފީސް ބިޒްނަސް ކުންފުނީގެ ސީއީއޯގެ މަގާމު އަދާކުރައްވައިފަ އެވެ.

ނަޖީބް އުރީދޫ އާ ގުޅިވަޑައިގެންފައިވަނީ 2014 ވަނަ އަހަރު އެވެ.

މި ބަދަލު ގެނައިކަން އިއުލާން ކުރަމުން އުރީދޫ އިން މިއަދު ނެރުނު ނޫސްބަޔާނެއް މެދުވެރިކުރައްވައި، އުރީދޫ ގްރޫޕްގެ ޗެއާމަން ހާލިދް އަލް މަހްމޫދު ވިދާޅުވީ އާ ސީއީއޯއާ އެކު އުރީދޫގެ ވިޔަފާރި އިތުރަށް ރަނގަޅުވެ އެ ކުންފުންނިން ރާއްޖޭގައި ދޭ ހިދުމަތް އިތުރު ހަރުފަތަކަށް ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މިހާތަނަށް ސީއީއޯގެ މަގާމުގައި ހުންނެވި ވިކްރަމް ކުރެއްވި ހިދުމަތުގެ އަގު ވަޒަންކޮށް އޭނާއަށް އުރީދޫ އިން ވަނީ ޝުކުރު އަދާ ކޮށްފަ އެވެ.

މިހާރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިކްރަމް ވިދާޅުވީ، ނަޖީބްގެ ދަށުން އެ ކުންފުންޏަށް އިތުރު ކާމިޔާބީތައް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އުރީދޫގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކޮށް އުރީދޫ ވަރުގަދަ ކުރުމަށް އިސްކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބޭ ފަހުރަކާއި އުފަލެއް ކަމަށް ވެސް ވިކްރަމް ވަނީ ވިދާޅުވެފަ އެވެ.

އުރިދޫ އިން މިއަހަރުގެ ތެރޭގައި މުޅި ރާއްޖެ ސަބްމެރިން ކޭބަލްއަކުން ގުޅާލައި މުޅި ރާއްޖެއަށް 4ޖީގެ ހިދުމަތް ވަނީ ފުޅާކޮށްފަ އެވެ.