ސޯޝަލް މީޑިއާގައި މި ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެންމެ ބާރަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ ޑިޕްރެޝަންގެ ވާހަކަ އެވެ. އެ ބައްޔާ ބެހޭގޮތުން ކޮންމެ މީހަކުވެސް އެމީހަކަށް ލިބިފައި ހުރި މައުލޫމާތެއް ދަނީ އެހެން މީހުންނަށް ފޯރުކޮށްދެމުންނެވެ. އެހެން ވީމާ ޑިޕްރެޝަންގެ މައުލޫމާތުތަކެއްގެ ތެރެއަށް ފީނާލުން ކިހިނެތް ވާނެ ހެއްޔެވެ؟
ޑިޕްރެޝަން އޭ ބުނީމަ ގިނަ މީހުންނަށް ހީވަނީ އެއީ މާބޮޑަށް ދެރަވެ އެކަމުގެ ހިތާމައިގައި މީހަކު ދުވަސްކޮޅަކު އެހެން މީހުންނާ އެކަހެރިވެ އުޅޭ އުޅުމެވެ. ނުވަތަ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމެވެ. ބައެއް މީހުން އެއީ ބައްޔެއް ކަމަށް ގަބޫލެއްވެސް ނުކުރެ އެވެ. އެކަމަކު ޑިޕްރެޝަން އަކީ އެއަށްވުރެ ބޮޑަށް ފުޅާވެފައިވާ ބައްޔެކެވެ. އެބަލީގެ ސަބަބުން މީހާ މާޔޫސްވެ ދެރަވެފައި އެތައް އެތައް ދުވަހެއް ހޭދަކުރެ އެވެ. ދިރިހުރުމުގެ އުންމީދު ގެއްލި މާޔޫސް ކަމާއި ހާސްކަން މީހާ ވަށާލާފައިވާ ދަނޑިވަޅެއްގަ އެވެ.
ޑިޕްރެޝަން އަކީ ބަލިކަށި ކަމުގެ އަލާމާތެއް ނޫނެވެ. އެއީ ސީރިޔަސް ބައްޔެކެވެ. އެކަށީގެންވާ ފަރުވާ އަދި އެހެންމީހުންގެ އަޅާލުމާއި ސަޕޯޓް ލިބިގެން ނޫނީ ރަނގަޅު ނުކުރެވޭނެ ބައްޔެކެވެ.
ޑިޕްރެޝަން ހުންނަކަން އެކި މީހުންގެ ކިބައިން ދެނެގަނެވޭނީ އެކި ގޮތަށެވެ. އެކި މީހުންގެ ކިބައިން ފެންނާނީ އެކި އަލާމާތްތަކެވެ. އެއްވެސް ކަމަކުން ހިން ހަމަޖެހުމާއި އުފަލެއް ނުލިބި ހުރިހާ ކަމަކުން އުންމީދު ގެއްލި ދުނިޔެ މަތިން ފޫހިވުމަކީ ޑިޕްރެޝަންގެ ބައެއް އަލާމާތްތަކެވެ. ޑިޕްރެޝަން ހުންނަ ގިނަ މީހުންގެ ކިބައިން އެންޒައިޓީގެ އަލާމާތްތައްވެސް ފެނެ އެވެ.
ޑިޕްރެޝަންގެ އަލާމާތްތައް ޖިސްމާނީ ގޮތުންވެސް ފެނިގެންދެ އެވެ. އޭގެ ތެރޭގައި އަބަދު ވަރުބަލިވުމާއި، މާގިނައިން ނިދުން، ކާހިތްނުވެ ކެއުމާއި ދުރުވުން އަދި ގައިގައި ރިހުން ހިމެނެ އެވެ. ޑިޕްރެޝަންގެ އަލާމާތްތަކަކީ އެކަމަށް ސަމާލުކަން ދޭން ޖެހޭ އަލާާމާތްތަކެކެވެ. ނޫން ނަމަ އަމިއްލަ އަށް މަރުވާ ހިސާބަށް ބައެއް މީހުންގެ ޑިޕްރެޝަން ލެވެލް މަތިވެގެންދެ އެވެ. ދިރިހުރުމުގެ އުންމީދެއް ނެތި ދިިރިއުޅުމުގެ ބޭނުމެއް ނުފެނި ހިތް ދަތިކަމާއި ކުރިމަތިވެ ހައްލެއް ކަމަށް މަރުވުން ގަބޫލުކޮށް އަމިއްލައަށް މަރުވަނީ އެވެ.
ޑިޕްރެޝަންގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދައްކަން ވާނެ އެވެ. ފަރުވާ ނުލިބި ގިނަ ދުވަސްވާނަމަ މިއީވެސް އެއްކޮށް ރަނގަޅު ކުރަން އުނދަގޫ ބައްޔެކެވެ.
އާންމުކޮށް ގިނަ ފަހަރަށް މީހާ ޑިޕްރެޝަން އަށް ވައްޓާލަނީ ކުއްލި ގޮތަކަށް ދިރިއުޅުމަށް އަންނަ ބޮޑެތި ބަދަލުތަކެއްގެ ސަބަބުންނެވެ. މިސާލަކަށް ތަކުރާރުކޮށް ބުލީ އާއި ކުރިމަތިލާން ޖެހުމާއި އަދާކުރާ ހިތުން އަދާކުރާ ވަޒީފާއަކުން ކުއްލި ގޮތަކަށް ވަކިވުމުގެ ސަބަބުންވެސް ޑިޕްރެޝަން އަށް މަގުފަހިވެ އެވެ. އަދި ބައެއް މީހުންނަށް ތައްޔާރުނުވެ ތިއްބާ ދަރިން ލިބުމަކީވެސް ޑިޕްރެސް ކޮށްލާ ކަމަކަށްވެ އެވެ. ސްޓްރެސް ބޮޑު ދިރިއުޅުމަކީވެސް ޑިޕްރެޝަން އާއި ކުރިމަތިލާން ޖެހޭ ކަމަކަށްވެ އެވެ. އަދި ދުވަސްވީ ގުޅުންތައް ކުއްލި ގޮތަަކަށް ނިމުންވެސްމެ އެވެ. ނުވަތަ އެއްވެސް ސަބަބެއް ނެތިވެސް ޑިޕްރެޝަން އާއި ކުރިމަތިލާން ޖެހެ އެވެ. އާއިލާގައި އެބަލި ޖެހިފައި ތިބޭ މީހުން ތިބޭނަމަ އެ ބަލި ވާރުތަކުރާ ކަމަށްވެސް ސިއްހީ މާހިރުން ވިދާޅުވެ އެވެ.
ބޮޑެތި އެހެން ބަލިތަކަށް ފަރުވާ ކުރަން ޖެހުމަކީވެސް މީހާ ޑިޕްރެޝަން އަށް މަގުފަހިކުރުވާ ކަމެކެވެ. އޭގެ ތެރޭގައި ހިތުގެ ބަލިތަކާއި ކެންސަރު ފަދަ ގިނަ ދުވަހުން ރަނގަޅުވާ ބޮޑެތި ބަލިތައް ފާހަގަކުރެވެ އެވެ. މީގެ އިތުރުން ބޮލަށް ގެއްލުން ލިބުމުގެ ސަބަބުން މީހާގެ މޫޑު އަވަސް އަވަހަށް ބަދަލުވެ ޖަޒުބާތުގެ ސަބަބުންވެސް ޑިޕްރެޝަންގެ ތެރެއަށް މީހާ ވައްޓާލަ އެވެ.
ޑިޕްރެޝަން ޖެހެނީ ވަކި އުމުރެއްގެ ބަޔަކަށް ނޫނެވެ. ބޮޑެތި މީހުންނެކޭ އެއްގޮތަށް ކުޑަކުދިންނަށްވެސް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.
ޑިޕްރެޝަން އަށް ފަރުވާ ކުރުމަށް ލައިފް ސްޓައިލަށް ބަދަލު ގެންނަން ޖެހެ އެވެ. އަދި ތެރަޕީތަކާއި ހާއްސަ ބޭސްވެސް ބޭނުން ކުރަންޖެހެ އެވެ. ޑިޕްރެޝަން ހުންނަ ނަމަ ސިނގިރޭޓް ބުއިމާއި ދުރުވެ ރަނގަޅު ކާނާ ބޭނުން ކުރަން ޖެހެ އެވެ. އަދި ކަސްރަތު ކުރުމަކީވެސް ދިރިއުޅުމުގެ ބައެއް ކަމަށް ހަދައިގެން ނޫނީ ޑިޕްރެޝަން އާއެކު ދިރިހުރުމަކީ އުނދަގޫ ކަމަކަށްވެ އެވެ.