ލައިފްސްޓައިލް

ޝިފްޓު ޑިއުޓީގައި މަސައްކަތް ކުރާ ނަމަ ހަކުރު ބަލީގެ ފުރުސަތު ބޮޑު

Apr 6, 2017

ހަކުރު ބަލި ނުވަތަ ޑައިބެޓިސް އަކީ ރާއްޖޭގައި ވަރަށް އާންމު ބައްޔެކެވެ. ޒުވާނުންނާއި ކުޑަކުދިންވެސް މި ބަލީގެ ޝިކާރައަކަށް ވަމުންދާއިރު މި ބަލި ޖެހޭ މެދު އުމުރާއި ދުވަސްވީ މީހުންގެ އަދަދުވެސް އަންނަނީ ހަލުވި ސްޕީޑެއްގައި އިތުރުވަމުންނެނެވެ. މި ބައްޔެއް މާބޮޑަށް ފެތުރި ގަނެގެން އުޅޭ އެއް ސަބަބަކީ ކެއިން ބުއިމާ ދިރިއުޅުމުގެ އާދަތަކުގައި ނުރަނގަޅު އެތައް ކަމެއް އެކުލެވޭތީ އެވެ. މީގެ އިތުރުން ޝިފްޓް ޑިއުޓީއަށް ވަޒީފާ އަދާކުުރުމަކީވެސް ހަކުރު ބަލި ޖެހުމަށް މަގުފަހި ކުރުވާ ކަމެއް ކަމަށް މިވަނީ ސައިންސްވެރިންގެ އާ ހޯދުމަކުން ދެނެގަނެފަ އެވެ. މި މީހުންނަށް އެންމެ ބޮޑަށް ޖެހެނީ ޓައިޕް 2 ޑައިބެޓިސް އެވެ.

ކަން މިހެން އޮތް ނަމަވެސް ރާއްޖޭގެ ވަޒީފާ އަދާކުރާ އުމުރުގެ 95 ޕަސަންޓު މީހުންނަކީ ޝިފްޓް ޑިއުޓީގައި ވަޒީފާއެއް އަދާކުރަމުންދާ މީހެކެވެ. ބޮޑުބައެއް ވަޒީފާ އަދާކުރަނީ ފުލުހުން، ސިފައިން، ކަސްޓަމްސް، އެއާޕޯޓް، ހޮސްޕިޓަލް ފަދަ ޝިފްޓް ޑިއުޓީއަށް މަސައްކަތް ކުރަންޖެހޭ އިދާރާތަކުގަ އެވެ. ސަބަބަކަށް ވަނީ އެތަންތަަނަކީ 24 ގަޑިއިރު ހިދުމަތް ދެމުންދާ އިދާރާތަކަށް ވުމެވެ.

ޑައިބެޓިސް އާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާއަކުން ދާދިފަހުން ވަނީ މިކަމާ ބެހޭ ދިރާސާއެއް ކުރިއަށް ގެންގޮސްފަ އެވެ. މި ދިރާސާގައި އާންމުކޮށް ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރާ މީހުން ބޭނުންކޮށް އެމީހުންގެ މަސައްކަތާއި، ނިދުމުގެ ޕެޓާން އަދި ލޭގައި ހުންނަ ގުލްކޯޒަށް ބަދަލު އަންނަ މިންވަރު ވަނީ ބަލާ ދިރާސާކޮށްފަ އެވެ. ދެ އަހަރުގެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ދިރާސާއިން ދައްކާ ގޮތުގައި ޝިފްޓް ޑިއުޓީއަށް މަސައްކަތް ކުރާ މީހުންގެ ތެރެއިން 10 ޕަސަންޓް މީހުންނަށް ޓައިޕް 2 ޑައިބެޓިސް ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި ހާއްސަކޮށް ރޮޓޭޓް ޝިފްޓެއްގައި މަސައްކަތް ކުރާ މީހުންނަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު 40 ޕަސެންޓު އިތުރެވެ.

ޓައިޕް 2 ޑައިބެޓިސް އަކީ ކޮބާ؟

ޓައިޕް-2 ޑައިބެޓިސް އަކީ ހަށިގަނޑަށް ބޭނުންވާ ވަަރަށް އިންސިއުލިން ނުއުފެއްދުމުގެ ސަބަބުން ހަށިގަނޑުގައި ގުލްކޯޒް ހުންނަން ޖެހޭ މިންވަރު އިތުރު ވުމެވެ. މި ބަލީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ކަރު ހިއްކުމާއި، އަވަސް އަވަހަށް ބަނޑުހައވުން، ބޮލުގައި ރިއްސުން، ލޮލުގެ ފެނުމަށް ބަދަލު އައުން އަދި އަބަދު ވަރުބަލިވުން ހިމެނެ އެވެ.

ޝިފްޓް ޑިއުޓީގެ ސަބަބުން ހަކުރު ބައްޔަށް މީހާ ހުށަހެޅޭ ސަބަބެއް ކަމަށް ދިރާސާ ހެދި ޔުނައިޓެޑް ވޯލްޑް އެގެއިންސްޓް ޑައިބެޓިސް އިން ބުނެފައިވަނީ ނިދުމަށް ވަކި ހާއްސަ ގަޑިތަކަކާއި އުސޫލެއް ނުގެން ގުޅުމެވެ. މިހެންވުމުގެ ސަބަބުން ނަފްސާނީ ގޮތުންވެސް މީހާ ބަލިކޮށްލާ ދިފާއި ނިޒާމްވެސް ބަލި ކޮށްލަ އެެވެ. އަދި ހަށިގަނޑުގެ "ނެޗުރަލް ކްލޮކް" އަށް ބަދަލު ގެނެސް ބައްޔަށް މީހާ ހުށަހަޅާލަނީ އެވެ. މި "ކްލޮކް" އަކީ ހަށިގަނޑުގެ މުހިންމު ނިޒާމްތައް ކަމަށްވާ ހަޖަމް ކުރުން. ދިފާއީ، އަދި ހޯމޯނަލް މެޓަބޮލިޒަމް ފަދަ ނިޒާމްތަކާއި ގުޅިލާމެހިފައި އިންނ ައެއްޗެކެވެ.

"ޝިފްޓް ޑިއުޓީއަށް މަސައްކަތް ކުރުމަކީ އިތުރު ބަލިތައއް ޖެހުމުގެ ފުރުސަތުވެސް ބޮޑުކޮށްދޭ ކަމެއް. އޭގެ ތެރޭގައި ލޭގެ ޕްރެޝަރު މަތިވުން، ކޮލެސްޓްރޯލް ހުންނަ މިންވަރު އިތުރުވުން، އެކަށީގެންނުވާ މިންވަރަށް ބަރުދަން އިތުރުވުން ހިމެނެ އެވެ. މި ހުރިހާ ބައްޔަކީވެސް މެޓަބޮލިކް ސިންޑްރޯމް އާއި ގުޅުން ހުރި ބަލިތަކެވެ." މި ދިރާސާގެ މައްޗަށް ބިނާކޮށް ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އަދި މިވަރަކުން ނިމުނީކީ ނޫނެވެ. ހިތުގެ ބަލިތަކާއި، ކެންސަރު، ކިޑްނީގެ ބަލިތައް، ގޭސްޓްރިކް މައްސަލަތައް އަދި ޑިޕްރެޝަން އާއި ހާޓް އެޓޭކް ނުވަތަ ހާޓް ސްޓްރޯކް މީހާއަށް ޖެހުމުގެ ފުރުސަތުވެސް ޝިފްޓް ޑިއުޓީއަށް މަސައްކަތް ކުރާ މީހުންގެ ބޮޑު ކަމަށް ދައްކާފައިވެ އެވެ.

މިހާރު އުފެދޭ ސުވާލަކީ މި ބަލިތަކުން ރައްކާތެރި ވުމަށް ޝިފްޓް ޑިއުޓީއަށް މަސައްކަތް ކުރުން ހުއްޓާލަންވީ ހެއްޔޭ އެވެ. ޖަވާބަކީ ނޫނެވެ. އެކަމަކު ރައްކާތެރި ވުމުގެ ގޮތުން ކެއުމުގައި ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުންކޮށް ކަސްރަތަކީ ދިިރިއުޅުމުގެ ބައެއް ކަމުގަިއ ހަދާށެވެ. ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭނެ އެވެ.