ލައިފްސްޓައިލް

މާބަނޑު ދުވަސްވަރު ޕޭރެންޓިން ކްލާސްތައް ނެގުން މުހިންމު

Apr 9, 2017

އަލަތު ދަރިފުޅަށް ބަލިވެ އިންކަން އެނގޭ ވަގުތަކީ ދެމަފިރިއަކަށް އެންމެ ބޮޑު އުފާވެރިކަމެއް ލިބޭ އެއް ވަގުތެވެ. ކައިވެންޏަށްފަހު އެއަށްވަރު އުފާވެރި ހަބަރެއް ދެމަފިރިއަކަށް ލިބޭނެހެނެއް ހިއެއް ނުވެ އެވެ. އެވަގުތުން ފެށިގެން ދަރިފުޅާ ދޭތެރޭ ފޮނި އުންމީދުތަކެއް ކުރެވެން ފަށަ އެވެ. ދަރިފުޅު ދުނިޔެއަށް ފުރަތަމަ ނޭވާލާން ވާއިރަށް ވެވުނު އެންމެ ފުރިހަމައަކަށް ތައްޔާރުވެ އެވެ.

އެންމެ ލޯބިން ކުރާ އެއް ކަމަކީ ދަރިފުޅާ ވާހަކަ ދެއްކުމެވެ. މަންމަ އާއި ބައްޕަ ހުރިހާ ވަގުތެއް ކަހަލަ ގޮތަކަށް ހޭދަކުރަނީ ދަރިފުޅާއި ވާހަކަ ދެއްކުމުގަ އެވެ. އެތައް އެތައް ވާހަކައެއް ކިޔައިދެ އެވެ. އެއީ ދަރިފުޅުގެ ހެދި ބޮޑުވުމަށް މުހިންމު ކަމެއްވެސްމެ އެވެ. ހާއްސަކޮށް ޕޭރެންޓިން ކްލާސްތަކުގައި ބައިވެރިވުމަކީ މުހިންމު ކަމެކެވެ. އެއީ މައިންބަފައިންނަށްވެސް އެތައް ކަމެއް ދަސްވެގެންދާނެ ޕްރޮގްރާމެކެވެ.

އައިޖީއެމްއެޗްގެ ރިޕްރޮޑަކްޓިވް ހެލްތު ކެއާ ޔުނިޓުގައިވެސް ރަޖިސްޓްރީކޮށްގެން ހާއްސަ ޕޭރެންޓިން ކްލާސްތަކެއް ކުރިއަށް ގެންދެ އެވެ. ހަފްތާއަކު 15-20 މިނެޓަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މާބަނޑުވެ ފުރަތަމަ ތިން މަހުގައި އަންނަ ބަދަލުތަކާއި މާބަނޑު ދުވަސްވަރު ކެއުމާއި، ކަސްރަތު ބަހައްޓަން ޖެހޭ ގޮތާއި ބެހޭގޮތުން މައުލޫމާތު ދޭނެ އެވެ. އަދި ވިހެއުމާއި ކުޑަ ދަރިފުޅަށް އާންމުކޮށް ދިމާވާ މައްސަލަތަކާއި ބެހޭގޮތުންވެސް މައުލޫމާތު ދޭނެ އެވެ.

މިކަމާއި ބެހޭގޮތުން ޕެން ޔުނިވާސިޓީގެ ރިސާޗް ޕްރޮފެސާ މާކް ފެއިންބާގް ވިދާޅުވަނީ މި ޕްރޮގްރާމްތަކަކީ ދަރިފުޅު އުފަން ވުމުގެ ކުރިން މައިންބަފައިންގެ މެންޓަލީ ތައްޔާރުކޮށްދޭނެ ކަމެއް ކަމަށެވެ. އަދި މާބަނޑު ދުވަސްވަރާއި ވިހެއުމަށްފަހު ސްޓްރެސް އާއި ޑިޕްރެޝަން އަދި އެންޒައިޓީ ފަދަ ކަންކަމުން އަރައިގަންނަށްވެސް ދަސްވާނެ ކަަށެވެ.