ވަޒީފާ ދޫކޮށްލުމަށްފަހު މުޅި ދުނިޔޭގައި ދަތުރުކޮށްލަން ދާން ބޭނުން ހެއްޔެވެ؟ އަދި އެ ދަތުރުތަކުން އާމްދަނީއެއް ހޯދަން ބޭނުން ހެއްޔެވެ؟ އެވެސް ހަމައެކަނި ފޮޓޯ ނަގައިގެންނެވެ. އެއީ ނުވާނެ ކަމެއް ނޫނެވެ. މިހެން ބުނީމަ ގިނަ މީހުން ގާތަށް ހިނި އަންނާނެ އެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މިއުޅެނީ ލިބޭ މުސާރައިން ދެކޮޅު ނުޖެހިގެން ވިއްޔާ އެވެ. ވަޒީފާއަކަށް ނުގޮސް މުޅި ދުނިޔޭގައި ދަތުރު ކުރެވޭނީ ވަރަށް މުއްސަނދި މީހުންނަށޭ ބުނަމެއް ނޫން ހެއްޔެވެ.
އެކަމަކު އިނގިރޭސި ވިލާތަށް ނިސްބަތްވާ ޖެކް މޮރިސް އަދި އޭނާގެ ލޯބިވެރިޔާ ލައުރެން ބުލެން މިވަނީ ވަޒީފާ ދޫކޮށްލުމަށްފަހު މުޅި ދުނިޔޭގައި ދަތުރުކޮށްގެން ފައިސާ ހޯދަން ފަށާފަ އެވެ. ލައުރެން އަކީ އޮސްޓްރޭލިއާއަށް ނިސްބަތްވާ މީހެކެވެ. އެއް ހުވަފެނެއް ދެކެމުން އަންނަ ދެ މީހުންނަށްވީތީ ވަޒީފާ ދޫކޮށްލުމަށްފަހު މި ދެމީހުން ދަތުރު ފެށީ އެވެ.
ފައިސާ ހޯދަން އެމީހުން ކުރާ މަސައްކަތަކީ ދަތުރުތަކުގައި ނަގާ ފޮޓޯތައް އިންސްޓަގްރާމް ކުރުމެވެ. އިންސްޓަގްރާމްގައި އެތައް ބަޔަކު މި ދެ މީހުން ފޮލޯ ކުރެ އެވެ. އެންމެ ފޮޓޯއަަކަށްވެސް ފުދޭވަރެއްގެ މުސާރައެއް މި މީހުން ހޯދަ އެވެ. މާބޮޑު މަސައްކަތެއް ނޫނުވެ. ގަައުމުތަކުގެރީތި ތަންތަނަށް ގޮސް ފޮޓޯ ނަގަނީ އެވެ. އާންމުކޮށް މި ދެ ލޯބިވެރިންގެ އައުޓް ޑޯ ފޮޓޯތައް ނަގަނީ އިރު އަރާތާ ގަޑިއެއް ހާއިރު އެވެ.
ޖެކް ބުނީ ހުރިހާ ފޮޓޯތައް އެޑިޓްކުރަނީވެސް އެއް ކަހަލަ ގޮތަކަށް ހަމައެކަނި އަމިއްލައަށް އުފައްދާފައިވާ ލައިޓްރޫމް ބޭނުންކޮށްގެން ކަމަށެވެ. އަދި އެއްވެސް ފޮޓޯއަކަށް ފޯނުގައި ހުންނަ އެޑިޓިން ފީޗާއެއް އަދި އިންސްޓަގްރާމްގައި ހުންނަ އެޑިޓިން ފީޗާއެއްވެސް ބޭނުން ނުކުރާ ކަމަށެވެ.
އެކި މީޑިއާތަކަށް ދިން އެކިއެކި އިންޓަވިއުތަކުގައި ޖެކް ބުނީ ސްޕޮންސާޑް އެއްވެސް ފޮޓޯއެއް އެންމެ ދަށްވެގެން 2،500 ޔޫރޯއަށް ވުރެ ދަށުން ނުނެގޭނެ ކަމަށެވެ.
މިހާތަނަށް އެދެ ލޯބިވެރިންނަށް އެންމެ ފޮޓޯއަކުން އެންމެ ބޮޑު އާމްދަނީއަކަށް ހޯދުނީ 7،000 ޔޫރޯ އެވެ. އެއީ ލައުރެންގެ ފޮޓޯ އެކެވެ.
"ފޯނު ކުންފުންޏެއްގެ ފޮޓޯތަކެއް ނަގަން ޖުމްލަ ތިން ގައުމަށް ގޮސް ދެ ދުވަސް އެކަމަށް ހޭދަ ކުރިން. އޭގެން ފަސް ފޮޓޯ އަހަރުމެން އިންސްޓަގްރާމަށް ލާން ޖެހުނީ. އެއީ 35،000 ޔޫރޯގެ އާމންދަނީއެއް ލިބުނު ޕްރޮޖެކްޓެއް." ކޮސްމޯޕޮލިޓަން އަށް ދިން އިންޓަވިއުއެއްގައި ޖެކް ބުނެފައިވެ އެވެ.
މި ދެ ލޯބިވެރިން މިހާރު ދަނީ މަސައްކަތާއި ދުރު ހަމައެކަނި ޗުއްޓީ ދަތުރެއް ކޮންމެ މަހަކުވެސް ކުރެވޭނެ ވަރަށް ފޮޓޯ އިންސްޓަގްރާމްކޮށްގެން ފައިސާ ހޯދުމުގެ އަޒުމުގައި މަސައްކަތް ކުރަމުންނެވެ.