ހެނދުނުގެ ނާސްތާއަކީ، ދުވަހުގެ ފެށުމަށް ވަރަށް މުހިންމު އެއްޗަކަށް ވާއިރު، ހެނދުނުގެ ނާސްތާގައި ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުންކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ހެނދުނުގެ ނާސްތާއަށް ތައްޔާރު ކުރާ ކާނާގައި ތަފާތު ވައްތަރުގެ މޭވާއާއި ބެރީޒް ހިމެނުމުން ސިއްހަތަށް ފައިދާ ހުރި، އެހާމެ ކާލަން ވެސް މީރު ނަސްތާތައް ތައްޔާރު ކޮށްލެވޭނެ އެވެ. މިއަދުގެ ރެސިޕީ މި ހާއްސަ ކޮށްލަނީ، ތަފާތު ގޮތަކަށް، ނަމަވެސް ސިއްހަތަށް ފައިދާހުރި ގޮތަކަށް ޕޭންކޭކް ތައްޔާރު ކުރާނެ ގޮތަކަށެވެ.
ޕޭންކޭކަކީ، ހެނދުނުގެ ނާސްތާގައި ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލު އެއްޗެކެވެ. ޕޭންކޭކަކީ ހަދާލަން ފަސޭހަ ވުމުގެ އިތުރުން، އެހާމެ އަނގަޔަށް ވެސް މީރު އެއްޗެކެވެ. ޕޭންކޭކް ހެދުމަށް އެހާ ބައިވަރު ތަކެތި ބޭނުން ނުވާއިރު، މިއީ، އެހާ ގިނަ ވަގުތެއް ވެސް ހޭދަވާ ކަމެއް ނޫނެވެ.
މި ރެސިޕީގައި ހިމަނާފައި މިވަނީ އާދައިގެ ވަރެއްގެ 10 ޕޭންކޭކް ހެދުމަށް ތަކެތި ބޭނުން ވާނެ މިންވަރަށެވެ.
ބޭނުންވާ ތަކެތި
2 ޖޯޑު ފުށް
4 މޭޒުމަތީ ސަމުސާ ހަކުރު
2 ސައި ސަމުސާ ބޭކިން ޕައުޑާ
1/2 ސައި ސަމުސާ ލޮނު
1/4 ސައި ސަމުސާ ބޭކިން ސޯޑާ
1 1/2 ޖޯޑު ކިރު
4 މޭޒުމަތީ ސަމުސާ ބަޓަރު (ވިރުވާފައި)
1 ބިސް
3 ދޮންކެޔޮ (ކޮށާފައި)
1/2 ޖޯޑު ސްޓޯބެރީ (ކުދިކޮށް ކޮށާފައި)
1/2 ޖޯޑު ބުލޫ ބެރީޒް
ތައްޔާރު ކުރާނެ ގޮތް
ޕޭންކޭކް ބެޓާ ތައްޔާރު ކުރާނެ ގޮތް
ފުރަތަމަ ފުށާ، ހަކުރާ، ލޮނާ، ބޭކިން ޕައުޑާ، އަދި ބޭކިން ސޯޑާ، ތައްޓަކަށް އަޅާ އެއްކޮށްލާށެވެ. ދެން، ވަކިން ތައްޓެއްގައި ކިރާ، ވިރުވާފައި ހުރި ބަޓަރާއި، ބިސް އެއްކޮށްލާށެވެ. ދެން، ފުށް މިކްސްޗާ އަޅާ ގިރާލާށެވެ. އެއަށްފަހު، ގިރާފާ ހުރި ފުށް މިކްސްޗާ ތިން ބަޔަށް ބަހާލާށެވެ. ދެން، ދޮންކެޔޮ އާއި، ސްޓޯބެރީ، އަދި ބުލޫ ބެރީޒް ކޮޅު ފުށް މިކްސްޗާ ތެރަށް އަޅާ އެއްކޮށްލާށެވެ.
ޕޭންކޭކް ފިހާނެ ގޮތް
ފުރަތަމަ މެދުމިނުގައި ތަވާ ހޫނު ކޮށްލާށެވެ. ދެން، ތަވާގައި ބަޓަރު ކޮޅެއް އުނގުޅާލާށެވެ. އެއަށްފަހު، 1/4 ޖޯޑު ޕޭންކޭކް ބެޓާ ތަވާއަށް އަޅާ ފިހެލާށެވެ. ކޮންމެ ފުށެއް ވެސް މަޑު ޗޮކޮލެޓު ކުލައެއް އަރަންދެން ފިހެލާށެވެ. ގާތްގަނޑަކަށް ދެ މިނެޓެއް ހާއިރު މިގޮތަށް ދެ ފުށް ފިހެލުމުން ޕެންކޭކް ފިހެވުނީ އެވެ. މިގޮތަށް ޕޭންކޭކް ބެޓާ ހުސްވަންދެން ތަކުރާރު ކުރާށެވެ.
އެއްކޮށް ފިހެ ނިމުމުން ޕޭންކޭކް މައްޗަށް މާމުއި އަޅައިގެން ކާލާށެވެ. ކަމުދާނެ ކަމާމެދު ކުޑަ ވެސް ޝައްކެއް ނެތެވެ.