ލައިފްސްޓައިލް

އުޅެބޮޑުވީ މަކުނުތަކާ އެކީ، ހިނގާކަށް، ވާހަކަ ދައްކާކަށް ނޭނގޭ!

Apr 7, 2017
5

އިންޑިއާގެ ބިހާރު ސްޓޭޓްގައި ވަލު ޖަނަވާރަށް ޓަކައި ހިމާޔަތްކޮށްފައިވާ ސަރަހައްދެެއް ބަލަހައްޓަން އުޅުނު ފުލުހަކަށް ރާމާ މަކުނުތަކެއްގެ ތެރޭގައި އިން ކުޑަ އަންހެން ކުއްޖަކު ފެނުނެވެ. އެކުއްޖާ ސަލާމަތް ކުރަން އުޅުމުން އެކަމަށް ހުރަސް އަޅަން މަކުނުތައް މަސައްކަތް ކުރިއެވެ. ހަމަ އެފަދައިން އެ އަންހެން ކުއްޖާވެސް އެކަމާ ދެކޮޅުހަދައި ގަދަ ދެއްކިއެވެ. ގަދަ ދެއްކުމުގެ ތެރޭގައި އެކުއްޖާ ވެސް ލެއްވީ މަކުނުތައް ލައްވާ ފަދަ އަޑުތަކެކެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހުން އިއްޔެ ބުނީ އެކުއްޖާ ފެނުނީ އާދައިގެ މަތިން އެ ސަރަހައްދުގެ ކަންތައްތައްް ބަލައިލުމަށް ނުކުމެ އުޅުނު ސްރޭޝް ޔާދޭވް ނަމަކަށް ކިޔާ ފުލުހަކަށް ކަމަށެވެ.

ފުލުހުން ވަރަށް މަސައްކަތުން އަންހެން ކުއްޖާ ސަލާމަތްކޮށްގެން ގެންގޮސް ހޮސްޕިޓަލެއްގައި އެޑްމިޓްކުރުމުން އެނގުނީ އެކުއްޖާއަށް އެއްވެސް ބަހަކުން ވާހަކަ ދައްކަން ނޭނގޭ ކަމާއި ދެފައިމައްޗަށް ތެދުވެ ހިނގަން ވެސް ނޭނގޭ ކަމަށެވެ. އުމުރުން އަށެއްކަ އަހަރުވެފައިވާ ކަމަށް ބެލެވޭ އެކުއްޖާ އެއްތަނުން އަނެއް ތަނަށް ދަނީ ރާ މަކުނެކޭ އެއްގޮތަށް ހަތަރެސްފައި ޖަހައިގެންނެވެ. ކުއްޖާ ބަލަހައްޓަން ހަވާލުވެ ތިބި ޑޮކްޓަރުން ބުނެފައިވާ ގޮތުގައި އެކުއްޖާ އިންސާނުން ދެކެ ބިރު ގަނެއެވެ. އަދި ބައެއް ފަހަރު އޭނާ ވަރަށް ބޮޑަށް ގަދަ ދައްކާ ކަމަށް ވެސް ޑޮކްޓަރުން ބުނެފައި ވެއެވެ.

އިންސާނުން ދިރިއުޅޭ ހެން ދިރިއުޅެން އެކުއްޖާ ތަމްރީނު ކުރަން ކުރި މަސައްކަތަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ވަނީ ލިބިފައެވެ. ނަމަވެސް އެއީ ވަރަށް ކުޑަ މިންވަރަކަށެވެ. ދެފައި މައްޗަށް ތެދުވެގެން ހިނގަން މިހާރު އޭނާއަށް ދަސްކޮށްދެވިފައި ވިޔަސް، ދޭތެރެ ދޭތެރެއިން އޭނާ ހަރަކާތްތެރިވަނީ ހަތަރެސްފައި ޖަހައިގެންނެވެ. އަދި އަތުން ނަގައި އަނގައަށް ލައިގެން އެއްޗެތި ކެއުމުގެ ބަދަލުގައި އޭނާ ކަނީ ޖަނަވާރުން ކާހެން ގުދުވެ އަނގަ ޖަހައިގެންނެވެ.

އަންހެން ކުއްޖާގެ އަމަލުތައް ހުރި ގޮތުން ، ވަރަށް ހަގު އުމުރަކުން ފެށިގެން އެކުއްޖާ ދިރިއުޅެފައި ވަނީ ރާމާ މަކުނު ތަކާ އެކީގައި ކަމަށް ވަނީ ބެލެވިފައެވެ.